ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ މިހާރު އަމަލުކުރެވެމުންދާ "ޤަދީމީ އަދި ފުރިހަމަނޫން" ގާނޫނުލް އުގޫބާތުގެ ދަށުންކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބާތަކީ 2008 ވަނަ އަހަރު ރާއްޖެ ފެށި ޑިމޮކްރެޓިކް ބަދަލުތަކާ ނުބައްދަލު އެއްޗަކަށްވާއިރު، އެ ގާނޫނުގެ ދަށުން ނަޝީދުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ.

ނަޝީދުގެ މައްޗަށް ދައުވާކޮށްފައި ވަނީ "ދައުލަތުގެ މުއައްޒަފަކަށް ލިބިފައިވާ ބާރަކުން ކުށްނުކުރާ މީހުން ހިފުމާއި ހައްޔަރު ކުރުމުގެ" ކުށް ބަޔާންކުރާ ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާއިން ކަމަށްވާއިރު އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމުގެ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމުގެ ޖާގަ އެބަ އޮތް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބާތަކީ 1960 ގެ އަހަރުތަކުގައި އެކުލަވާލާފައިވާ ގާނޫނަކަށް ވާއިރު އެ ގާނޫނު އިސްލާހުކުރުމުގެ ބޭނުންތެރިކަމާމެދު ބައިނަލްއަގުވާމީ މުޖްތަމައުންނާއި ފުންނާބު އުސް ގާނޫނީ މާހިރުން ތަކުރާރުކޮށް ސަރުކާރަށް ބާރުއަޅާފައިވާކަން ފާހަނގަކުރެވޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ދެހާސް ހަ ވަނަ އަހަރު އެމެރިކާގެ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިޔާގެ ގާނޫނާ ބެހޭ ކުއްލިއްޔާގެ ޕްރޮފެސާ ޑރ. ޕޯލް ރޮބިންސަން ޔޫއެންޑީޕީގެ އެދެމުގެ މަތިން އާ ގާނޫނުލް އުގޫބާތެއް ރާއްޖެއަށް ފަރުމާކޮށްދެއްވި ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

މިހާރުގެ ގާނޫނުލް އުގޫބާތު މެދުވެރިކޮށް އިންސާފުން ޝަރީއަތްކުރަން ޝަރުއީގޮތުން ފޭލްވެފައިވާ ކަމަށާއި، އޭގެން ނިޔާކަނޑައެޅުމުގެ ނަތީޖާއަކަށްވަނީ "އަނިޔާވެރިކަން" ގާއިމުވުން ކަމަށްވެސް ޑރ. ރޮބިންސަން ވިދާޅުވެފައި ވާކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި އެގޮތަށް ކަންތައްވެގެން ދަނީ މިހާރުގެ ގާނޫނުލް އުގޫބާތުގައި ވަކިވަކި ގާނޫނީ މަފްހޫމުތަކާއި އިޖްރާއާތުތަކާއި ކުށްތައް މާނަކޮށްފައި ނުވާތީކަމަށްވެސް ރޮބިންސަނާއި ހަވާލާދެއްވައި އެމްޑީޕީން ވަނީ ބުނެފަ އެވެ.

އަދިވެސް އެ ބަޔާނުގައި ބުނަނީ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ މައިގަނޑު ވާޖިބަކީ ފަނޑިޔާރުކަމުގައި ތިއްބަވައިގެން ފަނޑިޔާރުން ކުރަން އެކަށީގެންނުވާ ކަންކަން ނުކުރޭތޯ ބަލައި ފާރަލުންކަމަށްވާއިރު، ގާނޫނު އަސާސީގެ 149 މާއްދާގައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމު ޝަރުޠުތަކާ ޚިލާފަށް އެ ކޮމިޝަނުން ފަނޑިޔާރުން އައްޔަންކޮށްފައިވާކަމަށެވެ.