ނެސްކެފޭ ބްރޭންޑުގެ ތިން ފުޅި ކޮފީ ވަގަށް ނެގި މީހަކު އަހަރު ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ފިހާރައަކަށް ވަދެ ނެސްކެފޭ ބްރޭންޑުގެ ތިން ފުޅި ކޮފީ ވަގަށް ނެގުމުގެ ކުށުގައި އެއް އަހަރަށް އަރުވާލަން ހުކުމްކޮށްފައި ވަނީ މއ. ސަމިޓް ހަސަން ޝަފީއުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިދިޔަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭނާ ބުރުޒުމަގުގައި ހުންނަ "އޮރެންޖް ކައުންޓީ" ފިހާރަ އަށް ވަދެ އެ ފިހާރަ އިން ނެސްކެފޭ ބްރޭންޑްގެ ތިން ފުޅި ކޮފީ ވަގަށް ނަގާފައިވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ.

"މިއީ ހަސަން ޝަފީއުގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ މި ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން ހަ މަސް ދުވަހަށް، އަދި ހަސަން ޝިފާއު މިވައްކަންކޮށްފައި ވަނީ ފިހާރައަކުން ކަމަށް ވާތީ ހަމަ އެ ގާނޫނުގެ 138 ވަނަ މާއްދާގެ ދަށުން ހަ މަސް ދުވަހަށް، އެކު ޖުމްލަ އެއް އަހަރު ދުވަހުގެ މުއްދަތަށް މާލެ، މއ. ސަމިޓް ހަސަން ޝަފީއު އަރުވާލުމަށް ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.