12 Sep 2010, 09:49
ޓުވިން ޓަވަރު ގޮއްވާލި ހާދިސާއަށް ނުވަ އަހަރު ފުރުމާ ދިމާކޮށް، ކީރިތި ގުރުއާނުގެ މުސްހަފުތައް އަންދަން ރޭވި ނަމަވެސް، އެކަން ނުކޮށް ހުއްޓާލީ، ޓުވިން ޓަވަރު ހުރި ސަރަހައްދުގައި މިސްކިތެއް އެޅުމަށް ކުރާ މަސައްކަތްތައް ވެސް ހުއްޓާލާނެ ކަމަށް އުއްމީދުކޮށްގެން ކަމަށް އެކަމުގައި އިސްކޮށް އުޅުނު ފާދިރީ ބުނެފި އެވެ.
ތަފާތު ފިއްތުންތައް ކުރިމަތިވި ނަމަވެސް، ފްލޮރިޑާގެ ކުޑަ ފައްޅިއަކުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ބުނަމުން ދިޔައީ، ސެޕްޓެމްބަރު 11 ހާދިސާގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި، ގުރުއާނުގެ މުސްހަފުތައް އަންދާނެ ކަމަށެވެ. އެއީ އެ ހާދިސާގެ ފަހަތުގައި ވަނީ މުސްލިމުންގެ އަގީދާ ކަމަށް ވާތީ، މުސްލިމުންނާމެދު އެމެރިކާ މީހުންގެ ހިތުގައި އުފެދިފައިވާ ނަފްރަތު ދެއްކުމުގެ ބޭނުމުގައި ކުރާ ކެމެއް ކަމަށް ވެސް އެކަން އިންތިޒާމްކުރި ފާދިރީ އައީ ބުނަމުންނެވެ.
ނަމަވެސް، އިއްޔެ ބޭއްވި ސެޕްޓެމްބަރު 11ގެ ރަސްމީ ހަފްލާ ފެށުމުގެ ކުޑައިރުކޮޅެއް ކުރިން މީޑިއާ އަށް މައުލޫމާތުދެމުން "ގުރުއާން އަންދަމާ" ކެމްޕެއިން އިންތިޒާމްކޮށްގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޝްއޫރުވި ފާދިރީ ޓެރީ ޖޯންސް ބުނީ، އޭނާ އެކަން ހުއްޓާލާފައިވާ ކަމަށެވެ. އަދި ދުވަހަކު ވެސް ގުރުއާނުގެ މުސްހަފުތައް އެންދުން ފަދަ އަމަލެއް ނުހިންގާނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އޭނާ މިހެން ބުނީ، އެމެރިކާގެ ޓުވިން ޓަވަރު ހުރި "ގްރައުންޑް ޒީރޯ" ސަރަހައްދުގައި މިސްކިތް އެޅުމުގައި އިސްކޮށް އުޅޭ އިމާމުންނާ ވާހަކަދައްކައިގެން، އެކަން އެގޮތަށް ނުކުރުމަށް ބާރު އެޅުމަށް، އިއްޔެ ނިއު ޔޯކަށް ކުރި ދަތުރަށް ފަހު އެވެ. ނަމަވެސް، އޭނާ ބުނީ، މިސްކިތް އެޅުމުގެ ޕްލޭން ބަދަލު ނުވިކަމުގައިވިޔަސް، ގުރުއާނުގެ މުސްހަފުތައް އެންދުން ފަދަ އަމަލެއް ނުހިންގާނެ ކަމަށެވެ.
ޑޯވް ވޯލްޑް އައުޓްރީޗް ސެންޓަރުގެ ފާދިރީ ކުރިން ބުނެފައި ވަނީ، ގުރުއާން އަންދުމާ މުސްލިމުން ދެކޮޅު ހަދާ ގޮތަށް ގްރައުންޑް ޒީރޯ ސަރަހައްދުގައި މިސްކިތެއް އެޅުމަށް އެމެރިކާ މީހުން ވެސް ހިތްހަމަނުޖެހޭނެ ކަމަށެވެ. އަދި މިސްކިތް އެޅުމުގެ ހިޔާލު ބަދަލުކޮށްފި ނަމަ، ގުރުއާން ނާންދާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފަ އެވެ.
އެހެންނަމަވެސް، މިސްކިތް އެޅުމުގައި އިސްކޮށް އުޅުއްވާ އިމާމެއް ވިދާޅުވެފައިވަނީ، ޓުވިން ޓަވަރު ހުރި ސަރަހައްދުގައި މިސްކިތް ނާޅާނެ ކަމަށް އެއްބަސްވެފައި އަދި ނޯންނާނެ ކަމަށެވެ. ނަމަވެސް، ގުރުއާން ނާންދައިފި ނަމަ، އެކަމާ މަޝްވަރާކުރައްވަން ތިއްބެވީ ތައްޔާރަށް ކަމަށް އިމާމުން ވިދާޅުވެފައިވެ އެވެ.
މުސްލިމުންގެ ފިތުރު އީދު ބަންދާ ވެސް ދިމާވި، މި ކަންތައްތަކުގެ ސަބަބުން މުސްލިމުންނާ ހުޅަނގު ދުނިޔެއާ ދެމެދު އޮތް ގުޅުމަށް ހިޔަނި އެޅުނެވެ. މުސްލިމް ގައުމުތަކުން ގުރުއާން އެންދުމުގެ މަސައްކަތް ކުށްވެރިކުރަމުންދިޔަ އެވެ. އަދި އިންޑޮނޭޝިޔާ ފަދަ މުސްލިމް ބޮޑެތި ގައުމުތަކުން އިންޒާރުގެ ސިޓީ ވެސް އެމެރިކާ ސަރުކާރަށް ފޮނުވި އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އިތުރުން ސިޔާސީ ވެރިންނާއި، އަސްކަރީ ޖެނެރަލުން ވެސް ވަނީ ފައްޅީގެ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހުރިހާ ވެރިން ވެސް ވިދާޅުވަމުން ގެންދެވީ، ގުރުއާން އަންދައިފި ނަމަ، މުސްލިމުންނާ އެމެރިކާ ދެމެދު އޮންނަ ގުޅުން ނެތި، ބިރުވެރިކަން އަނެއްކާވެސް ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ސެޕްޓެމްބަރު 11 އާ ގުޅުވައިގެން ޕެންޓަގަންގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ބަރަކް އޮބާމާ ވިދާޅުވީ، އެ ހާދިސާގެ ފަހަތުގައި ވަނީ މުސްލިމް އުއްމަތް ނޫން ކަމަށާއި އެކަން ކުރީ އަލް ގައިދާ ކަމަށެވެ. އެހެންކަމުން، މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގައިގެން ނުވާނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
މީގެ ނުވަ އަހަރު ކުރިން ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ހިނގި ޓުވިން ޓަވަރު ގޮއްވާލުމުގެ ހާދިސާގައި 3000 އެއްހާ މީހުން މަރުވި އެވެ. އެއީ މިހާތަނަށް ދުނިޔޭގެ ތާރީޚުގައި ދިން ޓެރަރިޒަމްގެ އެންމެ ބޮޑު އުދުވާނެވެ. އެކަމުގެ ފަހަތުގައިވާ ކަމަށް ބެލެވޭ އަލް ގައިދާ ޖަމާއަތަކީ، އިސްލާމީ ޖަމާއަތަކަށް ވާތީ، ބައިނަލް އަގްވާމީ މަސްރަހުގައި މުސްލިމުންގެ ނަން ވަނީ ވަރަށް ބޮޑަށް ކިލަނބުވެގެން ގޮސްފަ އެވެ.