15 Oct 2012, 22:04
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވާތީ ސަރުކާރުގެ ފަރާތުން މަޖިލީހަށް 12 ބިލެއް ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހުން ނިންމައިފި އެވެ.
ބަންޑާރަ ނައިބްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ސަރުކާރުގެ ފަރާތުން ބިލްތައް ހުށަހެޅުމަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތަށް މިހާރު ވެސް ފުރިހަމަކުރަމުން އަންނަ ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ހުށަހަޅަން ބޭނުންވާ ބިލްތަައް އަންނަ ހަފްތާގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އަންނަ ހަފްތާގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހުން ނިންމަވާފައިވާ ބިލްތަކުގެ ތެރޭގައި މީހުން ޓްރެފިކްކުރުމާ އެއާ ގުޅޭ އެހެން ކުށްތަކުގެ ބިލާއި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓު ނެގުމުގެ ބިލާއި ކުށްވެރިން އެއްގައުމުން އަނެއް ގައުމަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ އެކްސްޓްރަޑިޝަންގެ އުސޫލުތަކާ ގުޅޭ ބިލު ހިމެނެ އެވެ.
މީގެ އިތުރުން ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އުސޫލުތަކާ ގުޅޭ ބިލާއި ކަނޑުފޭރުމާއި އެއާގުޅެ އެހެން ކުށްތަކާ ގުޅޭ ބިލާއި ދައުލަތުގެ މަސްއޫލު މަގާމްތައް ފުރާ މީހުންގެ މުދަލާއި ފައިސާ ހާމަކުރުމުގެ ބިލާއި ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ބިލާއި ސިއްހީ ހިތުމަތުގެ ފަންނުގެ ބިލާއި ތަފާސް ހިސާބުތަކުގެ ބިލާއި ކެމިކަލް ހަތިޔާރު މަނާކުރުމަ ގުޅޭ ބިލާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބިލުގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލްވެސް ހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެންބަރަކު މަޖިލީހަކު ނެތަސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ބިލްހުށަހެޅުމުގެ ފުރުސަތު ދޭން މަޖިލީހުން ނިންމުމުން ބަންޑާރަ ނައިބު ވަނީ އެކަމަށް މަރުހަބާ ދަންނަވައިފަ އެވެ.