15 Oct 2012, 20:15
އެމްޑީޕީގެ މެންބަރުން ސޮއި ކުރައްވައި ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ، ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލަ އަންނަ މަހުގެ 13 ވަނަ ދުވަހަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ސަން އޮންލައިންއަށް މިރޭ ވިދާޅުވީ އެ މައްސަލަ އެޖެންޑާ ކުރުމަށް ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ބާއްވާ ޖަލްސާއަށް ކަމަށެވެ.
މަޖިލީހުގައި ގަވާއިދު ބުނާ ގޮތުން މައްސަލައިގައި ބަހުސް ކުރުމަށް އެ ދުވަހުގެ ޖަލްސާގައި މެންބަރުންނަށް ދެ ގަޑިއިރުގެ ވަގުތު ދޭނެ އެވެ. އަދި ހުށަހެޅިފައިވާ މައްސަލައިގެ ދިފާއުގައި ޖަމީލްއަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ.
ހޯމް މިނިސްޓާ ޖަމީލްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މައްސަލައިގައި އެމްޑީޕީގެ 26 މެންބަރަކު ވަނީ ސޮއިކުރައްވާފަ އެވެ. އެއީ މި ސަރުކާރުގެ މިނިސްޓަރަކާ ދެކޮޅަށް މަޖިލީހުގައި ނަގާ ފުރަތަމަ އިތުބާރު ނެތް ކަމުގެ ވޯޓެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ލިޔުމުގައި ޖަމީލްގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވެއްދި ސަބަބުތަކުގެ ތެރޭގައި ބުނެފައިވަނީ މާލޭގެ މަގުތަަށް އަމާންތަނަކަށް ހެދުމަކީ ހޯމް މިނިސްޓަރުގެ ޒިންމާއެއް ކަމަށްވީ ނަމަވެސް އެ ޒިންމާ އަދާކުރެއްވުމުގައި ޖަމީލް އިހުމާލުވެ ވަޑައިގެންފައިވުމުގެ ސަބަބުން މާރާމާރީ އާއި މީހުން މެރުން އިތުރުވެފައިވާ ކަމަށެވެ. އަދި ފުލުހުން ފެބުރުއަރީ އަށެއްގައި ހިންގި އަމަލުތަށް ޖަމީލު ބައްލަވާފައި ނުވާކަމަށްވެސް ލިޔުމުގައިވެ އެވެ.
ގާނޫނުގެ އަސާސީގެ 101 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގައި ތިއްބަވައި 77 މެންބަރުންގެ ތެރެއިން 39 މެންބަރުން އެކަމަށް ތާއީދުކޮށް ވޯޓުދެއްވުމުންނެވެ.
އެމްޑީޕީން މެންބަރުން އިސްވެ ތިބެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދުގެ މައްޗަށްވެސް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ މައްސަލައެއްވެސް މިހާރު ވަނީ މަޖިލީހަށް ވައްދައިފަ އެވެ. ނަމަވެސް އެ މައްސަލައިގައި އަދި މަޖިލީހުން ގޮތެއް ނުނިންމަ އެވެ.