15 Oct 2012, 18:07
ޓޯކިޔޯ (އޮކްޓޯބަރ 15) : ޖަޕާނަށާއި އެމެރިކާއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން ދުނިޔޭގެ ކުދި ޤައުމުތަކުގެ އިޤްތިސާދަށް ގެއްލުންވަމުންދާ ކަމަށް ޗައިނާއިން ބުނެފި އެވެ.
ޗައިނާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޔީ ގާންގް ވިދާޅުވީ އެމެރިކާ އާއި ޖަޕާނަކީ ދުނިޔޭގެ އިޤްތިސާދުގެ ވަރަށް ބޮޑު ބައެއް ކަމަށާއި މި ދެޤައުމަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ޙައްލުކުރުމުގެ ސީރިޔަސް ޕްލޭންތައް ފެންނަން ނެތްކަމަށެވެ. ޓޯކިޔޯގައި ކުރިޔަށްދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔީ ގާންގް ވިދާޅުވީ އެމެރިކާ އާއި ޖަޕާނުގެ އިޤްތިސާދުގެ އިތުރުން ޔޫރަޕްގެ އއްތިޙާދުގެ އިޤްތިސާދުތަކަށްވެސް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ އިޤްތިސާދަށްކުރާ ކަމަށެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ބޮޑެތި ޤައުމުތަކުގެ މާލީ މައްސަލަތާކާގުޅިގެން އިންވެސްޓަރުންގެ އިތުބާރު ކުޑަވެ ކުދި ޤައުމުތަކުގައި އިންވެސްޓް ކުރުމަށާއި ޚަރަދު ކުރުމަށް ދަތިތައް ކުރިމަތިވެ އެކަމުގެ ނޭދެވޭ އަސަރު ކުދި ޤައުމުތަކަށް ކުރަމުންގެންދާކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ވާހަކަފުޅުގައި ޔޫރަޕްގެ ޤައުމުތަކުން ދަރަނީގެ މައްސަލަތައް ޙައްލުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢްރީފް ކުރެއްވި އެވެ. ޗައިނާގެ އިޤްތިސާދަށް ބައްލަވާލައްވައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކުރިން ލަފާކޮށްފައިވާ މިންވަރަށްވުރެ ޗައިނާގެ އިޤްތިސާދީ ކުރިއެރުން ދަށްވެދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ ހަލުއިމިނެއްގައި ޗައިނާގެ އިޤްތިސާދު ކުރިޔަށްދާނެކަމަށް ޗައިނާގެ މަރުކަޒީ ބޭންކުން ލަފާކޮށްފައިވާ ކަމަށް އެބޭންކުގެ ގަވަރުނަރު ޔީ ގާންގް ވިދާޅުވި އެވެ. (ބީ.ބީ.ސީ)