15 Oct 2012, 16:44
މަނާކޮށްފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމަށް ޓަކައި އަތުގައި ބެހެއްޓި މައްސަލައަކާ ގުޅިގެން އެކަކު ފަސް އަހަރަށް އަދި ދެވަނަ މީހާ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ބާރަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މއ. ބެރެބެދިގެ އަހުމަދު ފިރުޝާންގެ މައްޗަށެވެ. އަދި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ހ. ލިލީފެހި މުހައްމަދު ހަލީމްގެ މައްޗަށެވެ.
ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މަނާކޮށްފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމަށް ޓަކައި އަތުގައި ބަހައްޓާފައިވާކަން ޝައްކެއް ނެތި ޝަރީޢަތަށް ސާބިތުވާ ކަމަށެވެ. އަދި މިއީ އެފަދަ ކުށެއް މުޙައްމަދު ހަލީމްގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށް ވެސް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ. ފިރުޝާން ބާރަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިއީ އޭނާގެ މައްޗަށް އެފަދަ ކުށެއް ސާބިތުވި ތިން ވަނަ ފަހަރު ކަމަށް ވާތީ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.
އެ ދެ މީހުންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 2010 އޮކްޓޯބަރު ދެ ވަނަ ދުވަހުގެ 11:40ގައި މއ. ރަންފަސްކައިރީ އެ ދެ މީހުން ތިބި އިރު، މަސްތުވާތަކެތި ގެންގުޅޭ ކަމަށް އެ ސަރަޙައްދު ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް ތުޙުމަތު ކުރެވިގެން އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް ފެނުމާ ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން މުޙައްމަދު ޙަލީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނު ވަގުތު، އޭނާގެ ކަނާތުގައި އޮތް ކަރުދާސްގަނޑެއް ވަނީ ބިންމައްޗަށް ވައްޓާލާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ހާޒިރުގައި އެ ކަރުދާސްގަނޑު ނަގައި ބެލި އިރު ކަރުދާސްގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނެފައި ވަނީ އަހުމަދު ފިރުޝާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ ދުއްވަން އިން ސައިކަލް ބަލައި ފާސްކުރި އިރު ސައިކަލްގެ ވަށިގަނޑުގެ ތެރޭގައި އޮތް ސުޕާރީ ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.