ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި ފުރުއްވެވި އިރު، ޑރ. އަފްރާޝީމް އަލީ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ކޮމެޓީން ދިރާސާކޮށް ތަޅުމަށް ފޮނުވުމުން، އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ނިންމައި އަލުން އެ ބިލު ދިރާސާ ކުރުމަށް ކޮމެޓީ އަށް ފޮނުވައިފި އެވެ.

ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ 11 މާއްދާ އަކަށް އިސްލާހު ގެނައުމަށް ޖޫން 7، 2010ގައި ޑރ. އަފްރާޝީމް އަލީ މަޖިލީހަށް ހުށަހެޅުއްވި ބިލް ދިރާސާކޮށް ނިންމާފައި ވަނީ ޖޫން 20، 2012ގަ އެވެ. އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތްކޮށްފައި ވަނީ އިޖުތިމާއީ ކޮމެޓީންނެވެ.

ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިދިޔަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމާ އެކު މެންބަރުން ވަނީ އެ ބިލަށް އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ. އެ އިސްލާހުތަކުގެ ތެރެއިން ފާސްވީ ތިން އިސްލާހެކެވެ.

އެއީ މަދަރުސާތަކުގައި އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނީ މާއްދާއެއް ގޮތުގައި ކިޔަވައި ނުދިނުމާއި މުގައްރަރު ތެރޭގައި ވެސް އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނެއް އުގަންނައިދިނުން މަނާ ކުރާ މާއްދާ އެކެވެ. އަދި ޣައިރު ދީންތަކުގެ އަޅުކަންކުރާ ތަންތަންއެޅުމާއި އެފަދަ ދީން ރަމްޒުވާ ފަދަ ތަކެތި ވިއްކުމާއި އިސްތިހާރު ކުރުން މަނާ ކުރާ މާއްދާ އެވެ. އަދި ދީންތައް ކުރިއެރުވުމަށް ބޭރުގެ ފަރާތްތަކުގެ ފައިސާ ހޯދުން މަނާ ކުރާ އިސްލާހު ވެސް ވަނީ ފާސްވެފަ އެވެ.

ނަމަވެސް އެ ތިން އިސްލާހާ އެކު ވެސް ކޮމެޓީން އެ ބިލު ދިރާސާކޮށް ނިންމާފައިވާ ގޮތަށް ފާހެއްނުވި އެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ މިއަދުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 45 ވޯޓުންނެވެ. ބިލް ފާސް ކުރަން ފެންނަ ކަމަށް ވޯޓް ދެއްވީ 16 މެންބަރުންނެވެ. ވަކިގޮތަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު އިންނެވި އެވެ.

މަޖިލީހުގެ ތަޅުމުން އެ ބިލު ފާސް ނުވުމުން އެ ބިލު އަލުން ދިރާސާ ކުރުމަށްޓަކައި އިޖުތިމާއީ ކޮމެޓީ އަށް ފޮނުވުމަށް 63 މެންބަރުން ވޯޓް ދެއްވި އެވެ. އަދި ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ދެ މެންބަރަކު އިންނެވި އެވެ.