ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން މިހާތަނަށް ފަސް ގައުމެއްގައި ބާއްވާފައިވާ ރޯޑް ޝޯތަކަކީ ވަރަށް ކާމިޔާބު ރޯޑްޝޯތަކެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވީ ފަސް ގައުމުގެ ހަތް ސިޓީއެއްގައި ބޭއްވި އެ ރޯޑް ޝޯތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

"ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ބޭއްވި ރޯޑު ޝޯތަކުގައި 570 ޓުރެވަލް އެޖެންޓުންނާ ބައްދަލުކޮށް، ރާއްޖެއާ ބެހޭ އެންމެ ފަހުގެ އެންމެ ފުރިހަމަ މައުލޫމާތްތައް ވާނީ އެ ފަރާތްތަކަށް ހިއްސާކޮށްފައި. އަދި ހަމަ އެހެންމެ ރާއްޖޭގެ ފަރާތުން ދިޔަ ޓުއާ އޮޕަރޭޓަރުނާއި މިދެންނެވި ފަރާތްތަކާ އެކު ވަނީ ބައްދަލުކޮށްފައި،" މަލީހް ވިދާޅުވި އެވެ.

ރޯޑް ޝޯތައް ބާއްވާފައިވާ ފަސް ގައުމަކީ ޗެކް ރިޕަބްލިކާއި ޕޮލެންޑްގެ އިތުރުން ޔޫކުރެއިން އާއި އިންޑިއާ އަދި ޖަޕާން އެވެ. އަދި މިއަދު މި އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ އެންމެ ފަހު ރޯޑް ޝޯ މިއަދު އިޓަލީގެ ރޯމްގައި ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަލީހް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ބޭރުގެ މީޑިއާ ބޭނުންކޮށްގެން ވެސް ގިނަ ހަރަކާތްތަކެއް އެރޯޑް ޝޯތަކުގެ ތެރޭގައި ހިންގާފައިވާ ކަމަށާއި އެގޮތުން އެ ފަސްގައުމުގެ 100 އަށް ވުރެ ގިނަ ނޫސްވެރިންނަށް ރާއްޖެ އާ ބެހޭ މައުލޫމާތް ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރޭވިފައިވާ އެގޮތުން މިއަަރުގެ ފަހުކޮޅު ތެރޭގައި ހަތްގައުމެއްގައި ޓޫރިޒަމް އެގްޒެވިޝަންތަކުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ.