ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅިގެން ހުސްވެފައިވާ އެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑިއަށް ކުރިމަތި ނުލުމަށް ޑީއާރުޕީން ނިންމައިފި އެވެ.

ޑީއާރުޕީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގައި ޑރ. އަފްރާޝީމް ފުރުއްވި އުނގޫފާރު ދާއިރާގެ ގޮނޑި ހުސްވެފައިވާތީވެ، އެގޮނޑި އަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި އެ ޕާޓީން ވާދަނުކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ އެ ޕާޓީގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލްގެ މެންބަރުންނާއި އާއްމު މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު އެ ހުރިހާ ފަރާތެއްގެ އިހުސާސްތަކާއި ޝުއޫރުތަކަށް ވިސްނުމަށް ފަހު ކަމަށެވެ.

"ޑީއާރުޕީން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ވަކި ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އެފަދަ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމުގެ ސަބަބުން ހުސްވާ ގޮނޑިއަކަށް ވާދަކޮށް، އެ ގޮނޑި ކާމިޔާބު ކުރުމަށް މަސައްކަތްކުރުމަކީ ޅަފަތުގައި މިވާ ރާއްޖޭގެ ޑިމޮކްރަސީ އަށް އެންމެ ފައިދާހުރި ގޮތެއް ނޫނެވެ." އެ ނޫސްބަޔާނުގައިވެ އެވެ.

ޑީއާރުޕީން ބުނީ އުނގޫފާރު ދާއިރާގެ ގޮނޑި މިދައުރުގެ ބާކީ އޮތްބައިގައި ފުރުމަށް، ޑރ. އަފްރާޝީމް ނިސްބަތްވެވަޑައިގަތް، ޕާޓީ އަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު އުސޫލު ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ. އަދި އެ ނިންމުން އެގޮތަށް ނިންމާފައި ވަނީ ޑރ. އަފްރާޝީމް އެގޮނޑި އަށް އިންތިހާބުވެވަޑައިގަތީ ޑީއާރުޕީގެ ޓިކެޓެއްގައި ކަމަށްވެފައި އެމަނިކުފާނަށް ޑީއާރުޕީގެ މެންބަރުންގެ ހިތުގައިއޮތް ލޯތްބާ، އިހުތިރާމާއި ގަދަރު ހާމަކޮށްދިނުމުގެ ގޮތުން ކަމަށް ވެސް ޑީއާރުޕީން ބުންޏެެވެ.

އުނގޫފާރު ދާއިރާގެ ބައި-އިލެކްޝަންގައި ޑީއާރުޕީން ކުރިމަތިނުލާނެކަން އިޢުލާންކޮށްފައިވާ އިރު އުނގޫފާރު ދާއިރާގެ ގޮނޑި އަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެ ދާއިރާ އަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިން އެގޮނޑި އަށް އަފްރާޝީމާ އެކު ވާދަކުރެއްވި ޑރ. އަހުމަދު އަޝްރަފް އަލީ އެ ޕާޓީން ވަނީ ހަމަޖައްސައިފަ އެވެ. ޕީޕީއެމް އިން ވަނީ ޕްރައިމަރީއަކަށް ހުޅުވާލައިފަ އެވެ.