15 Oct 2012, 15:35
މިހާރު ފަށައިގެން ކުރިއަށްދާ ޖީސީއީއޯލެވެލްގެ އިމްތިހާނުގައި މިއަދު ބޭއްވި ދެ ޕޭޕަރެއް ފަށަން ޖެހޭ ގަޑިއަށް ވުރެ ދެ ގަޑިއިރު ލަހުން ރ. މީދޫ ސްކޫލްގައި ފަށައިފި އެވެ.
މިއަދު ހެނދުނު 9:00 ޖެހީއިރު ފެށުމަށް އޮތް ކެމިސްޓްރީ އާއި ކޮމާސް ޓެސްޓްގެ ތެރެއިން ކެމިސްޓްރީ ޕޭޕަރު މީދޫ ސްކޫލްގެ ދަރިވަރުން ހަދަން ފެށީ 11:00 ޖަހާކަން ހާއިރު ކަމަށް އެ ސްކޫލްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް ދިމާވީ އެއްގަޑިއެއްގައި ދެ ޓެސްޓްއޮތުމުން އެރި އޮޅުމަކުން ކަމަށެވެ.
"އެއީ އޮޅުމެއްކަން އެނގުނީމާ ހަމަ ވީ އެންމެ އަވަހަކަށް ދަރިވަރުންނަށް ޓެސްޓުދިނިން،" އޮފިޝަލު ވިދާޅުވި އެވެ.
މީދޫ ސްކޫލުގެ ބެލެނިވެރިއަކު ބުނީ ޓެސްޓް ޕޭޕަރު ގަޑިއަށް ނުފެށުނުކަން އިނގުނީ އެރަށާއި ކައިރި އެހެން ސްކޫލްތަކުގެ ކުދިން ޓެސްޓް ހަދަމުންދާ ކަމުގެ މައުލޫމާތު ސްކޫލްގެ ދަރިވަރުންނަށް ލިބިގެން ބެލެނިވެރިން ޝަކުވާ ކުރުމުން ކަމަށެވެ.
ރާއްޖޭގައި އެންމެ ގިނަ ދަރިވަރުންތަކެއް އެއްފަހަރާ ބައިވެރިވާ އޯލެވެލް އިމްތިހާނު މި މަހުގެ އަށްވަނަ ދުވަހު ފަށާފައިވަނީ 8000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު އެވެ. މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ 172 ރަށެއްގެ 240 ސެންޓަރަކުން ބައިވެރިވެފައިވެ އެވެ.