މަގުމަތިން ދިޔަ އަންހެނެއްގެ ގަޔަށް އަތްލައި އޭނާ އަށް ޖިންސީ ގޯނާކުރި ބަންގްލަދޭޝް މީހަކަށް ބަޔަކު އަނިޔާ ކުރުމަށް ފަހު އެ މީހާ ފުލުހުންނާ ހަވާލުކޮށްފި އެވެ.


މަންޒަރު ދުށް މީހަކު ސަންއެފްއެމަށް މައުލޫމާތު ދެމުން ބުނީ ބުރުޒުމަގުގައި ހުންނަ ފިހާރައަކަށް ރޭ ދިހައެއް ޖަހާކަންހާއިރު އެ އަންހެން މީހާ ދިޔަ މަގުމަތީގައި ކަލާފާނު ސްކޫލް ސަރަހައްދުން ބުރުޒުމަގުގައި  އެ އަންހެން މީހާ ހިފެހެއްޓުމަށް ފަހު އޭނާގެ މޭމަތީގައި ހިފައި ޖިންސީ ގޯނާކުރި ކަމަށެވެ. ނަމަވެސް އެތަންވަޅު އަންހެން މީހާ ހަޅޭއްލަވައިގަތުމުން ބަންގްލަދޭޝް މީހާ ފިލަންވެގެން އެ މަގުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ފުރަގަހަށް ވަނީ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ވަގުތު އެ މަގުންދިޔަ ބައެއްގެ ކައިރީގައި އެ ވާހަކަ އެ އަންހެން މީހާ ކިޔައިދިނުމުން އެ މީހުން ގޮސް، ފިލާ އޮތް ބަންގްލަދޭޝް މީހާ ކާރުގެ ފުރަގަހުން ނެރެ އަނިޔާކުރުމަށް ފަހު ފުލުހުންނާ ހަވާލުކުރީ ކަމަށް ވެސް އޭނާ ބުންޏެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމު މިއަދު ވިދާޅުވީ، އެފަދަ މައްސަލައެއް ރޭ ދިހަގަޑި ބައިހާކަންހާއިރު، ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ބަނގުލަދޭޝް މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ. އަދި އޭނާ ހައްޔަރުކުރިއިރު ކޮންމެވެސް ވަކަރަށް އަނިޔާކޮށްފައިވާ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.