10 Mar 2010, 15:00
19:00
މިސްރުގެ ޝައިހުލް އަޒްހަރް މުހައްމަދު ސައްޔިދު ތަންތާވީ ސައުދީ އަރަބިއްޔާގައި މިއަދު އަވަހާރަވެއްޖެ އެވެ.
މިސްރުގެ އަލް އަޒްހަރް ޔުނިވަސިޓީގެ އެންމެ އިސް ވެރިޔާ ކަމަށްވާ ތަންތާވީ އަވަހާރަވީ ރަސްމީ ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށް ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ވަޑައިގެން އުޅުއްވަނިކޮށް ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބޭރުގެ މީޑިޔާތަކުން ބުނޭ. ތަންތާވީ އަވަހާރަވިއިރު އުމުރުފުޅަކީ 81 އަހަރެވެ. ޝައިޚުލް އަޒްހަރުގެ މަގާމަށް ތަންތާވީ އައްޔަން ކުރެއްވީ 1996 ވަނަ އަހަރެވެ.
ތަންތާވީ އަކީ އިސްލާމީ ޙަދީޘާއި ތަފްސީރު ޢިލްމުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ އިސްލާމީ ތައުލީމް ފެތުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ލީބިޔާ އާއި، ސަޢުދީ އަރަބިއްޔާއާއި، މަދީނާ ޔުނިވާސިޓީގައި ވެސް ކިޔަވާދެއްވާފައިވެ އެވެ.
މިސްރުގެ ޝައިހުލްއަޒްހަރުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު ކުރުން ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.