ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 100 އަށް ވުރެ ގިނަ އިރު އެ މުވައްޒަފުންގެ މުސާރަ އާއި އެލަވެންސަށް ދައުލަތުގެ ބަޖެޓުން މަހަކު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާކަން ހާމަވެއްޖެ އެވެ.

ސަން އޮންލައިނަށް ލިބިފައި ހުރި ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ރައީސްގެ އެއް ސްޕެޝަލް އެޑްވައިޒަރެއް ހުންނަވާ އިރު 16 މިނިސްޓަރުން ތިއްބަވަ އެވެ. އަދި ސްޓޭޓް މިނިސްޓަރުން 42 ތިއްބަވާ އިރު މިނިސްޓަރުންގެ ނާއިބުން ތިއްބަވަނީ 58 އެކެވެ. އަދި ޑެޕިއުޓީ އަންޑަސެކެޓްރީންގެ ގޮތުގައި ފަސް ބޭފުޅަކު ތިއްބަވާ އިރު މިނިސްޓަރުންގެ އެޑްވައިޒަރުން ނޫނީ ޓެކްނިކަލް އެޑްވައިޒަރުންގެ ގޮތުގައި ޖުމްލަ 10 ބޭފުޅުން ތިއްބަވަ އެވެ. އަދި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ އާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަކީ ވެސް މިނިސްޓަރު ފެންވަރުގެ ސިޔާސީ ދެ މަގާމެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ނުލައި ޖުމްލަ 134 ބޭފުޅަކު ސިޔާސީ މަގާމުތަކުގައި ތިއްބަވަ އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސްގެ ނައިބާ އެކު އެ އަދަދު 136 އަކަށް އުފުލޭނެ އެވެ.

ސިޔާސީ މަގާމުތަކަށް މުސާރަ ކަނޑައަޅަނީ އެ ބޭފުޅަކު އައްޔަން ކުރައްވާފައި ހުންނަ ފެންވަރަކަށް ބަލައިގެންނެވެ. އެގޮތުން އިމިގްރޭޝަން ކޮންޓްރޯލާ އާއި ޔުނިވާސިޓީގެ ޗާންސެލާ އަދި ސްޕެޝަލް އެޑްވައިޒަރަށް ވެސް މިނިސްޓަރަކަށް ލިބޭ މުސާރަ އާއި އެލަވަންސް ލިބިވަޑައިގަންނަވާނެ އެވެ. ކޮންމެ މަހަކު އެވްރެޖްކޮށް މިނިސްޓަރަކަށް 57500ރ. ލިބިވަޑައިގަންނަވަ އެވެ. މިނިސްޓަރުން ފެންވަރުގެ 19 ބޭފުޅުން ތިއްބަވާ އިރު މަހެއްގެ މައްޗަށް އެބޭފުޅުންގެ މުސާރަ އާއި އެލަވަންސަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ސްޓޭޓް މިނިސްޓަރުންގެ ލެވަލްގައި 42 ބޭފުޅަކު ތިއްބަވާއިރު އެބޭފުޅުންގެ މުސާރަ އާއި އެލަވަންސަށް ކޮންމެ ބޭފުޅަކަށް ވެސް އެވްރެޖްކޮށް މަހަކު 40،000ރ. އާއި 45،000ރ. އާ ދެމެދުގެ އަދަދެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެން ކަމުން ސްޓޭޓް މިނިސްޓަރުންނަށް 1.9 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ހަރަދުކުރަން ޖެހޭނެ އެވެ.
ޑެޕިއުޓީ މިނިސްޓަރުންގެ ލެވަލްގައި 58 ބޭފުޅަކު ތިއްބަވާ އިރު އެބޭފުޅުންގެ މުސާރަ އާއި އިނާޔަތްތަކަށް 35000ރ. ހަރަދުކުރެ އެވެ. އެ ފެންވަރުގެ ބޭފުޅުންނަށް ދެ މިލިއަން ރުފިޔާ ހަރަދުކުރަން ޖެހެ އެވެ. ޑެޕިއުޓީ އަންޑަ ސެކްރެޓަރީންގެ ގޮތުގައި ތިއްބަވާ ފަސް ބޭފުޅުންނަށް ކޮންމެ ބޭފުޅަކަށް އެވްރެޖްކޮށް 30،000ރ. ގެ މަގުން ކޮންމެ މަހަކު ޖުމްލަ 150،000ރ. ހަރަދުކުރަން ޖެހެ އެވެ.

އަދި މިނިސްޓަރުންގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބަވާ 10 ބޭފުޅުންނަށް ކޮންމެ ބޭފުޅަކަށް އެވްރެޖްކޮށް މަހަކު 25،000ރ. ލިބިވަޑައިގަންނަވަ އެވެ. އެބޭފުޅުންގެ މުސާރަ އާއި އިނާޔަތްތަކަށް އެކަނި ވެސް ދައުލަތުން 250،000ރ. ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން ރައީސްގެ މުސާރަ އަކީ 100،000ރ. އެވެ. އަދި ނައިބު ރައީސްގެ މުސާރަ އަކީ 75،000ރ. އެވެ. ރައީސް އާއި ނައިބު ރައީސްގެ މުސާރަ ނުލައި ސަރުކާރުން ސިޔާސީ މުވައްޒަފުންނަށް މަހަކު 5.4 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށް ލަފާކުރެވެ އެވެ. އަދި ރައީސް އާއި ނައިބު ރައީސްގެ މުސާރަ ލައިގެން މަހެއްގެ މައްޗަށް ސިޔާސީ މުވައްޒަފުންނަށް 5.6 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ސިޔާސީ މުވައްޒަފުންގެ މުސާރަތަށް ކުޑަކުރަން މީގެ ކުރިން ސަރުކާރުން މަސައްކަތް ކުރިނަމަވެސް ސިޔާސީ ބޭފުޅުންގެ އާ ބަސް އެކަމަށް ނުލިބުމުން އެ މުސާރަތަށް ކުޑަނުކުރެވުނެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފު)ންވެސް ސިޔާސީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަށް އެތައް ފަހަރެއްގެ މަތިން ވަނީ އިރުޝާދުވެސް ދީފަ އެވެ.