15 Oct 2012, 14:50
ޖަލުގައި ހުކުމް ތަމްފީޒު ކުރަމުންދާ ގައިދީން ޖަލު ތެރެއަށް އެކި ގޮތްގޮތުން ފޯނު ވައްދައިގެން ސިޔާސީ ބޭފުޅުންނާ ގުޅައިގެން ކޮންމެ ދުވަހަކުވެސް ތަފާތު އޮޮޕަރޭޝަންތައް ހިންގަމުންދާކަން އެނގިފައިވާ ކަމަށް ހޯމްމިނިސްޓްރީން ބުނެފި އެވެ.
ޑީޕީއާރުއެސް ހިންގެވުމާއި ހަވާލުވެ ހުންނެވި އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު "ސަން އޮންލައިން" ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ޖަލަށް އެތެރެކުރާ ފޯނު ތަށް ބޭނުން ކޮށްގެން އެމީހުން ހިންގާ ޖަރީމާ ތަކަކީ ކޮބައިތޯ ސަރުކާރުން ބަލަމުން ގެންދާ ކަމަށާއި، އެގޮތުން ސިޔާސީ ފަރާތް ތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނާއި، އަދި ސަރުކާރުގެ އިސްބޭފުޅުންނާ ގުޅައިގެން ކަންކަމުގެ ލަފަޔާއި، މަޝްވަރާ ހޯދަމުން ދާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޖަލުން ގުޅާ ކޯލު ތަކަށް ޖަވާބުދީ ވާހަކަ ދައްކާ ހެދުމަކީ މަނާ ކަމެއްކަން އެނގި ތިބެ އެފަދަ ބޭފުޅުން އެގޮތަށް އަމަލު ކުރެއްވުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށާއި، ގައިދީންގެ ބެލެނި ވެރިންވެސް މިކަމަށް ސަމާލު ވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"ޚާއްސަ ގޮތެއްގައި ކުރީ ސަރުކާރުގެ ބައެއް ވަޒީރުންނާ، މަޖިލިސް މެމްބަރުންނާ ވެސް އެބަހުރި ގުޅައިގެން ކަންކަމުގެ މަޝްވަރާ ހޯދާފައި. އަދި އެމީހުން ގުޅައިގެން ޖަލު ހަލަބޮލި ކުރަންވެސް އެބަހުރި ވަރަށް މަސައްކަތް ކޮށްފައި،" ފަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައިދީންނަށް އެފަދަ ތަކެތި ފޯރުކޮށްދެނީ ޖަލު ބަލަހައްޓަން ތިބޭ އޮފިސަރުންނާއި، އަދި މަދުމަދުން ނަމަވެސް ގައިދީންނާ ބައްދަލު ކުރަން އަންނަ ބެލެނިވެރިންވެސް އެފަދަ ތަކެތި ޖަލަށް އެތެރެކުރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މުވައްޒަފުން އެކަން ކުރަނީ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރުވެސް ހޯދާ ފިޔަވަޅު އަޅާފައިވާނެ ކަމަށާއި، އަދި މިހާރުވެސް ޝައްކު ކުރެވޭ ފަރާތް ތަކަށް ފާރަލާ އެމީހުންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ޖަލުގައި ހައްޔަރު ކޮށްފައި ތިބޭ ކުއްވެރިންގެ އަތުގައި ފޯނު ހުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ވައްކަމުގެ މައްސަލަ ތަކުރާރު ވަމުން ގޮސް ހައްދު ފަހަނަ އަޅާފައި ތިބޭ ބައެއް ގައިދީން ޖަލުން ބޭރުގައި ތިބޭ އެކި މީހުންނަށް ގުޅައިގެން ވައްކަމުގެ ކަންތައްތައް ހިންގާފައިވާ ކަމަށެވެ.
"ވައްކަން ކުރަމުން ކުރަމުން ގޮސް ޖަލު ތެރޭގައި ބޮޑުވި މީހަކު އަޅުގަނޑަށް އެނގޭ ޖަލުތެރޭގައި ހުރެގެން އެކި ކުދިންނާ ގުޅައިގެން ވައްކަން ކުރުވާ އެ އެއްޗެހި ވަކި މީހަކަށް ގެންގޮސް ވިއްކަލާ އެ ފައިސާ ކޮޅު އޭނާގެ އަންހެނުންނާ ހަވާލު ކޮށް މިކޮޅަށް ގެނުވާ ހަދާފަ އެބަހުރި،" އޭނާ ވިދާޅު ވިއެވެ.
ފަޔާޒު މީގެ ކުރިންވެސް ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ޖަލުތައް ބަލައި ފާސްކުރާއިރު މިހާރުވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދެ ތިން ފޯނު އަތުލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ފޯނުގެ އިތުރުން މާލޭ ޖަލާއި މާފުށީ ޖަލަށް މަސްތުވާތަކެތި ވެސް ވަރަށް ގިނައިން އެތެރެކުރަމުން ގެންދާ ކަމަށާއި އެގޮތަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރެވި އަދި ޖަލުގެ އޮފިޝަރުންނާއި މެދުވެސް ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.