15 Oct 2012, 14:31
ސަރުކާރާ އިއްތިހާދުވެފައިވާ ޕާޓީތަކުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ގަވާއިދަށް އިސްލާހު ގެނަން މިއަދު ފާސްކޮށްފައިވަނީ އާންމު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ތަޅުމުން ހުށަހެޅި އިސްލާހަކާ އެކު އެވެ. މަޖިލީހުގެ ގަވާއިދުގެ 217 ވަނަ މާއްދާއަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގައި ވަނީ "ސަރުކާރު ނިސްބަތްވާ ޕާޓީ" އަކީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ އެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޕާޓީ އެވެ. ނުވަތަ ޕާޓީތަކެވެ.
އެ އިސްލާހު ގެނައީ މަޖިލީހުގެ ގަވާއިދުގައި 71 ވަނަ މާއްދާގައި ބުނެފައިވާ ސަރުކަރު ނިސްބަތްވާ ޕާޓީގެ މާނަ ކުރުމަށެވެ. މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ މަޖިލީހަށް ބިލު ހުށަހެޅޭނީ ސަރުކާރުންނާއި މެންބަރުންނަށެވެ. ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލު ހުށަހަޅާނީ ސަރުކާރު ނިސްބަތްވާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ނުވަތަ އޭނާ ކަނޑައަޅާ މެންބަރެއް ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އާންމު ކޮމެޓީން ތަޅުމަށްފޮނުވި ރިޕޯޓަށް ހުށަހެޅި އިސްލާހާއެކު އެ ރިޕޯޓް ފާސްވީ ވޯޓްގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށް 21 މެންބަރަކު ވޯޓް ދެއްވި އެވެ.