15 Oct 2012, 13:56
ސިޓީ ކައުންސިލްތައް އަލުން އިންތިހާބު ކުރަންޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމުން، ފެންނަ ކަމަށް ވޯޓު ދެއްވީ 62 މެންބަރުންގެ ތެރެއިން 24 މެންބަރުންނެވެ. އަދި ބިލު މަޖިލީހުން ބަލައިގަންނަން ނުފެންނަ ކަމަށް 35 މެންބަރަކު ވޯޓް ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ ތިން މެންބަރަކު ތިއްބެވި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ގާނޫނަށް ރިޔާޒް ރަޝީދު ވަނީ ދެ އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އެ ގޮތުން ލާމަރުކަޒީ ގާނޫނުގެ 42 ވަނަ މާއްދާގެ ތިން އަކުރު އުނިކުރުމަށް ހުށަހަޅުއްވާފައިވެ އެވެ. އެ މާއްދާގެ ތިން އަކުރު އުނިކުރުމުން މިސްކިތްތައް ބެލެހެއްޓުމާއި ގަބުރުސްތާން ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަން ކުރުމާއި ދީނީ ގޮތުންނާއި ގައުމީ ގޮތުން ފާހަގަ ކުރަން ޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަ ކުރުމަކީ ސިޓީ ކައުންސިލުން ކުރަން ޖެހޭނެ ކަމެއް ނޫނެވެ.
އެ ގާނޫނުގެ 43 ވަނަ މާއްދާ އަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ސިޓީ ކައުންސިލް އެކުލެވިގެންވަނީ އެ ސިޓީ ކައުންސިލްގެ އިންތިހާބީ ދާއިރާގައި ހިމެނޭ ކޮންމެ އަވަށަކުން އިންތިހާބު ކުރާ މެންބަރުންގެ މައްޗަށެވެ.
މިހާރު އަމަލު ކުރަމުންދާ އެ ގާނޫނުގައި ވަނީ ސިޓީ ކައުންސިލް އެކުލެވިގެންވަނީ އެ ސިޓީއެއްގެ އިންތިހާބީ ދާއިރާތަކުން އިންތިހާބު ކުރާ މެންބަރުންގެ މައްޗަށެވެ.
ރިޔާޒް ހުށަހެޅުއްވި ބިލުގައި ވަނީ ލާމަޒުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމުގެ ބިލް ތަސްތީގު ކުރުމާ އެކު ސިޓީ ކައުންސިލްތައް އުވުނީ އެވެ. އަދި އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 45 ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލްތަކުގެ އިންތިހާބު އަލުން ބާވައި ނިންމަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ ބޭފުޅުން އައްޔަން ކުރަންދެން ކައުންސިލްތައް ވަގުތީ ގޮތުން ހިންގާނެ ބަޔަކު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ން އައްޔަން ކުރަންވާނެ އެވެ.