ޑީއާރްޕީގެ ހިންގުން ހަރުދަނާކޮށް ރައްރަށުގެ ކައުންސިލް ތަކާއި އަދި އާންމު މެންބަރުންނާ އޮންނަ ގުޅުން ރަނގަޅު ކުރަން އިދާރީ ތިން ސެކްޝަން އުފައްދައި ތިން ހޮޓްލައިނެއް އެ ޕާޓީން ގާއިމް ކޮށްފި އެވެ.

މިއަދު ގާއިމް ކުރެވުނު ތިން ސެކްޝަނަކީ ޑީއާރްޕީ ލޯކަލް ކައުންސިލް ސަޕޯޓް ސެކްޝަނާއި ޑީއާރްޕީ ރަށު ގޮފި ސަޕޯޓް ސެކްޝަނާއި ޑީއާރްޕީ މެންބާސް ސަޕޯޓް ސެކްޝަން އެވެ.

މިއަދު ގާއިމް ކުރެވުނު ސެކްޝަން ތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމަށް ޑީއާރްޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެކެރެޓަރީ ޖެނެރަލް އާދަމް ހަލީމް ވިދާޅުވީ މިއަދު ގާއިމް ކުރެވުނު ސެކްޝަން ތަކުގެ ސަބަބުން ރާއްޖޭގެ އިދާރީ ދާއިރާތަކާއި ހަވާލުވެ ތިއްބެވި ޑީއާރްޕީގެ ކޯޑިނޭޓަރުންނާއި މެންބަރުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެ އަދި އަތޮޅުތަކުގައި ތިއްބަވާ މެންބަރުންނާއި އޮންނަ ގުޅުން ހަރުދަނާވެގެން ދާނެކަމަށެވެ އަދި އަތޮޅުތަކުގައި ތިއްބަވާ ރައްޔިތުންނަށް ދިމާވާ ކަންކަން ހައްލު ކުރުމަށް އިތުރަށް ފަސޭހަ ތަކެއް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގަ އަޅުގަނޑުމެން މިކަން މި ކަނޑައަޅަން ޖެހުނީ މިހާތަނަށް ކުރެވުނު މަސައްކަތުގެ ތަޖުރިބާއަށް ބަލާފަ. އެއީ އިދާރީ ގޮތުން އޮފީސްތަކެއް ހުރި ކަމުގައި ވިޔަސް ވަރަށް ގިނަ ބައިތަކެއް މި ޕާޓީ ތެރޭގަ ހިމެނިގެން ދާއިރުގައި މިއިން ކޮންމެ ބައެއް ވެސް އެބަޔަކާ ގުޅޭ ވަކި މީހަކާ ގުޅުން އެކުލަވާ ލެވިގެން ނޫނީ ފަސޭހަ ނުވާނެތީ އާއި މިހާރު އަޅުގަނޑުމެން ރާއްޖޭގައި މި އޮންނަ އިދާރީ އެކި ދާއިރާތަކަށް ކޯޑިނޭޓަރުން ބަހާލައިގެން ކުރިއަށް ދާއިރުވެސް ވަކި ބޭފުޅަކާ އިތުރަށް ގުޅާލަންވީމަ މި އޮންނަނީ އިތުރު ދަތިތަކަކާ ދިމާވެފަ. އެހެންކަމުން އެ ކޯޑިނޭޓަރުންނާ ނުގުޅޭ ހާލަތުގައި ނުވަތަ ގުޅުނަސް މި ސެކްޝަންތައް ގާއިމް ކުރުމުން މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަ ވެގެންދާނެ،" ހަލީމް ވިދާޅުވި އެވެ.

އޭގެ ކޮންމެ ސެކްޝަނަކަށް ވަކި ކޯޑިނޭޓަރަކާއި ވަކި ހޮޓްލައިން އެއް ގާއިމް ކޮށްފައިވެ އެވެ. އެގޮތުން ކައުންސިލް ސަޕޯޓް ސެކްޝަންގެ ކޯޑިނޭޓަރަކަށް މުހައްމަދު ޒަހީން، ރަށު ގޮފިތަކުގެ ސަޕޯޓް ސެކްޝަނަށް މުހައްމަދު ވަސީމް އަދި މެމްބަރުންގެ ސަޕޯޓް ސެކްޝަނަށް އަބްދުއްސަމަދު ހަމަޖައްސާފައިވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

މީގެ އިތުރުން އަތަޅުތަކުގައި ހިންގާ އެކިއެކި ކަންކަމުގެ މައުލޫމާތު ވަގުތުން ވަގުތައް ޑީއާރްޕީގެ މައި އޮފީހަށް ދިނުމުގެ އިތުރުން ޑީއާރްޕީގެ އާންމު މެންބަރުންނަށް މި ގާއިމް ކުރެވުނު ހޮޓްލައިން ތަކުގެ ސަބަބުން އިތުރު ފަސޭހަ ތަކެއް ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.