އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާގައި ހުރެގެން ކުލަބު ނުވަތަ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެ އެކޮމިޝަނުން ނެރުނު ސާކިއުލާ ބާތިލް ކުރަން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުން ވަކި ކޮށްފައިވާ މުހައްމަދު ތޮލާލު އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން އެތްލެޓިކްސް އެސޯސިއޭޝަންގެ މަގާމެއް ފުރުއްވަމުން ގެންދެވި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާ އިން ވަކި ކޮށްފައިވާ ތޮލާލު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުން އިއްޔެ ވަނީ ކެންސަލްވެފަ އެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ތޮލާލު ވިދާޅުވީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާގައި ހުރެގެން ކުލަބު، ޖަމިއިިއްޔާއެއްގެ ހިންގާ ކޮމިޓީގައި ބައިވެރިވެއްޖެ ނަމަ އެ މީހެއްގެ ވަޒީފާ ގެއްލޭނެ ކަމަށް ބުނެ އެ ކޮމިޝަނުން ނެރުނު ސާކިއުލާ ބާތިލް ކޮށްދިނުމަށް ކަމަށެވެ.

"އެސަކިއުލާ އޮތް ގޮތުން ކޮމިޝަންގެ ވަޒީފާގައި ހުރެގެން ކުލަބު ޖަމްޢިއްޔާއެއްގެ ހިންގާ ކޮމިޓީގައި ބައިވެރިއެއް ނުވެވޭ. އެފަދަ ކުލަބް ޖަމްޢިއްޔާއެއްގެ މަޤާމެއް އަދާކުރުމުގެ ގޮތުން ނުވަތަ ހިންގާ ކޮމިޓީގައި ބައިވެރިވެއްޖެ ނަމަ އެމީހެއްގެ ވަޒީފާ ގެއްލޭނެ. އެގޮތުގެ މަތީން އަޅުގަނޑު އެކޮމިޝަންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވެސް އެފަދަ ޙާލަތެއް މެދުވެރިވެގެންނެވެ. މީގެތެރޭގައި މުވައްޒަފުންގެ ޖަމްޢިއްޔާއެއްގެ ބައިވެރިވި ނަމަވެސް ކަން އޮތީ މިހެން،" ތޮލާލު ވިދާޅުވި އެވެ.

ތޮލާލު ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ މީހެއްގެ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ އެ ޤާނޫނު އަސާސީއާ ތައާރުޒު ނުވާ ގޮތެއްގެ މަތީން ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންކަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަ ކޮށްފައިވާނެ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނަނީ އެ ކޮމިޝަނުގެ ވަޒީފާއެއްގައި ހުރެގެން އެހެން ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމަށް ބުނެފައި ވާތީ އެ ކޮމިޝަނުގެ އެއްވެސް މުވައްޒަފަކު އެެއްވެސް ޖަމިއްޔާއެއްގައި ނުވަތަ ކުލަބެއްގައި މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

"އަދާ ކުރާ ޒިންމާއަކުން މުސާރައެއް ލިބުނަސް ނުލިބުނަސް އަދި އެއީ ކުލަބެއް ނުވަތަ ޖަމިއްޔާއެއް ފަދަ ތަނެއް ކަމުގައި ވިއަސް ކޮމިޝަނުގެ މުވައްޒަފަކު އެފަދަ މަސައްކަތެއް ކުރާ ނަމަ ބެލެވޭނީ އެ މުވައްޒަފަކު އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ ކަމުގަ އެވެ." އިލެޝަންސް ކޮމިޝަނުގެ 143 ވަނަ ޖަލްސާ އިން ނިންމުމަށް ފަހު ނެރުނު ސާކިއުލާގައި ބުނެފައިވެ އެވެ.