15 Oct 2012, 12:51
ެކެމްބޯޑިއާގެ ސިޔާސީ މަޝްރަހުގައި ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ އެގަމުގެ ކުރީގެ ރަސްގެފާނު ނޮރްޑޯމް ސިހަނޯކް މިއަދު އަވަހާރަވެއްޖެ އެވެ.
ކެމްބޯޑިއާ ސަރުކާރުގެ ތަރުޖަމާނު ޚިއު ކަންހަރިތު ވިދާޅުވީ ސިހަނޯކް އަވަހާރަވީ ޗައިނާގެ ވެރިރަށް ބެއިޖިންގްގެ ހޮސްޕިޓަލެއްގައި ކަމަށާއި އޭނާ އަވަހާރަވީ ގުދުރަތީ އަވަހާރަވުމަކުން ކަމަށެވެ. ސިހަނޯކުގެ އެހީތެރިއަކަށް ހުންނެވި ޕްރިންސް ސިސޮވާތު ތޮމީކޯ ވިދާޅުވި ކަމަށް އަލްޖަޒީރާ ބުނީ ބެއިޖިންގެ ހޮސްޕިޓަލެއްގައި އޮންނަވަނިކޮށް ސިހަނޯކަށް ހާޓް އެޓޭކެއް ޖެހުނު ކަމަށެވެ.
"އޭނާ އަވަހާރަވުމަކީ ކެމްބޯޑިއާ އަށް ލިބުނު ބޮޑު ގެއްލުމެއް،" ތޮމީކޯ ވިދާޅުވެފައިވެ އެވެ. އޭނާ އަދި ވިދާޅުވެފައި ވަނީ ކުރީގެ ރަސްގެފާނު ސިހަނޯކަކީ މުޅި ދިރިއުޅުއްވުން ކެމްބޯޑިއާ ރައްޔިތުންނަށް ޓަކައި ހާއްސަކުރައްވައިގެން އުޅުއްވި ބޭފުޅެއް ކަމަށެވެ.
ކެމްބޯޑިއާގެ ސިޔާސީ މައިދާނުގައި އެންމެ އިސްބޭފުޅާގެ ގޮތުގައި 60 އަހަރު ހޭދަކުރެއްވުމަށް ފަހު ސިހަނޯކް ރަސްކަން ދޫކޮށްލެއްވީ 2004 ވަނަ އަހަރު އެވެ. އޭނާ ރަސްކަން ދޫކޮށްލެއްވުމުން ރަސްކަމަށް އިސްވެވަޑައިގެންނެވީ އޭނާގެ ދަރިކަލުން ނޮރޮޑޯމް ސިހަމޯނީ އެވެ.
ބޭސްފަރުވާއަށް ސިހަނޯކް ޗައިނާ އަށް ވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭނާ ގެންދެވީ ސިއްހީ ގިނަ މައްސަލަތަކަށް ފަރުވާ ހޯއްދަވަމުންނެވެ. އެގޮތުން ލޭމައްޗަށް ދިއުމާއި ހަކުރުބަލީގެ އިތުރުން ކޮލޯން ކެންސަރަށް ވެސް އޭނާ ދިޔައީ ފަރުވާ ހޯއްދަވަމުންނެވެ.
ކަންހަރިތު ވިދާޅުވީ ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ޓަކައި ސިހަނޯކްގެ ހަށިކޮޅު ކެމްބޯޑިއާއަށް ގެންދިއުމުގެ ކަންތައްތައް މިހާރު އަންނަނީ ހަމަޖައްސަމުން ކަމަށެވެ.