ހިފަހައްޓާފައިވާ ރައީސް މުހަންމަދު ނަޝީދުގެ ޕާސްޕޯޓް އަލުން ދޫކޮށް ލުމަށް ހުޅުމާލޭ ކޯޓުން އިމިގްރޭޝަނަށް އަންގައި އަދި ފުރާވަޑައިގަތުމުގެ ހުއްދަ ވެސް ހުޅުމާލޭ ކޯޓުން ދީފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުހަންމަދު ހައްޔަރުކޮށްގެން ގިރިފުށީގައި ގެންގުޅުނު މައްސަލައިގައި ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ކޯޓުގައި ހިނގަމުންދާތީ ނަޝީދުގެ ޕާސްޕޯޓް ވެސް ހިފެހެއްޓުމަށް އިމިގްރޭޝަންގެ މައްޗަށް ހުޅުމާލެ ކޯޓުން އަމުރުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހަންމަދު އަލީ މިއަދު ވިދާޅުވީ ނަޝީދު ޕާސްޕޯޓް ދޫކޮށްލުމަށް ހުޅުމާލޭ ކޯޓުން އިއްޔެގެ ހަވީރުގެ ވަގުތެއްގައި އަންގާފައިވާ ކަމަށާއި އެ ގޮތުގެ މަތިން ނަޝީދުގެ ޕާސްޕޯޓް ދޫކުރާނީ މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކަމަށެވެ.

"ވަކި ގައުމެއް ނޫން ހުރިހާ ގައުމަކަށް ވެސް ދެވޭގޮތަށް އޯޕަންކޮށް ޕާސްޓް ދޫކޮށްލަނީ،" ކޮންޓްރޯލާ ވިދާޅުވި އެވެ.

ޖޫޑިޝަރީގެ ސްޕޯކްސްޕާސަން ލަތީފާ ގާސިމުވެސް މިއަދު ވިދާޅުވީ ނަޝީދު މިމަހުގެ 16 އިން 20 އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގެންފައިވާތީ އެ ހުއްދަ ދިނުމަށް އިމިގްރޭޝަނަށް އިއްޔެ އަންގަވާފައިވާނެ ކަމަށެވެ.

ނަޝީދު ރަސްމީ ދަތުރުފުޅެއް ކުރައްވަން ބޭނުންވާތީ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދި ނަޝީދުގެ ގާނޫނީ ވަކީލުން ވަނީ ހުޅުމާލޭ ކޯޓުގައި އިއްޔެ އެދިފަ އެވެ. ރައީސް ނަޝީދު ވަނީ ދުބާއީގައި އޮންނަ ރަސްމިއްޔާތަކަށް މާދަމާ ފުރާވަޑައިގަންނަވާނެކަން އިއުލާންކުރައްވައިފަ އެވެ.