ގައުމީ މުއާސަލާތީ ކުންފުނި ދިރާގުގެ ހެޑް އޮފީސްގެ އައު އިމާރާތް ރަސްމީކޮށް ރައީސުލްޖުމްހޫއްރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހުޅުވައިދެއްވައިފި އެވެ.

ދިރާގުގެ އައު ހެޑް އޮފީސް ހުޅުވުމުގެ ގޮތުން އެ އިމާރާތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދިރާގުގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

ހެޑް އޮފީސް ހުޅުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ދިރާގުން އަލަށް ހުޅުވި އެ އިމާރާތުން ރާއްޖޭގެ މުއާސަލާތީ ހިދުމަތް ކުރިއަރާފައިވާ މިންވަރު ސިފަކޮށްދޭ ކަމަށާއި ދިރާގަކީ ރާއްޖޭގެ ތަރައްގީ އަށް ވަރަށް ބޮޑު ހިދުމަތެއް ކޮށްދީފައިވާ ކުންފުއްޏެއް ކަމަށެވެ.

"ގައުމެއްގެ ކުރިއެރުން ބިނާވެފައި ވަނީ އެ ގައުމެއްގައި މުއާސަލާތީ ގޮތުން ހެދިފައިވާ އެކިއެކި ވިއުއާތަކާއި އަދި ވިޔަފާރިވެރިންނާއި ރައްޔިތުންނާއި މަސައްކަތްތެރިންގެ މެދުގައި ކުޅަދާނަ މުއާސަލާތީ ގުޅުންތަކެއް އުފެދިގެން އެގޮތުން ދިވެހި ރާއްޖޭގައި އެއްބަޔަކު އަނެއްބަޔަކު މުއާމަލާތުކުރުމަށް ޓަކައި،" ރައީސް ވިދާޅުވި އެވެ. "އަވަސް ފަސޭހަ ވެއްޓެއް ހޯދަވައިދެއްވާ ހާއްސަކޮށް މިޒަމާނުގައި އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުންކުރައްވައިގެން އަޅުގަނޑުމެންގެ ގައުމުގައި މުއާސަލާތީ ގުޅުންތައް ގާއިމްކޮށްދެއްވާފައި ވަނީ އަދި އެކަންކޮށްދެއްވުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައި ވަނީ ދިރާގުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އަދި ރައީސް ވިދާޅުވީ ދިރާގަކީ އިގްތިސާދީ ދާއިރާ އިން ވެސް ނަމޫނާ ކުންފުއްޏެއް ކަމަށެވެ. އަދި ރައީސްގެ ވާހަކަ ފުޅުގައި ވަނީ ދިރާގުން ރައްޔިތުނަށް ފޯރުކޮށްދޭ ހިދުމަތާއި މުއައްޒިފުންގެ އިތުރުން މުޖުތަމައުއަށްކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ އެ އިމަރާތްކޮށްފައި ވަނީ މުއާސަލާތީ ހިދުމަތްދިނުމަށް ބޭނުންކުރާ އިމާރާތުގެ ހާއްސަކަންތައްތަކެއް އެކުލެވޭ ގޮތަށް ފަރުމާކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ ދިރާގުގެ ކަސްޓަމަރުނަށާއި މުއައްޒިފުނަށް ފަސޭހަ ވާނެގޮތަށް އެންމެ ޒަމާނީ އަދި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އިމާރާތްކޮށްފައިވާ ތަނެއް ކަމަށެވެ.

މިއަދު ރައީސް ހުޅުއްވައި ދެއްވި ދިރާގުގެ ހެޑް އޮފީސް އިމާރާތަކީ ދިރާގުގެ މުއާސަލާތީ ހިދުމަތްދިނުމަށް ޓަކައި 2009 ވަނަ އަހަރު އިމާރާތްކުރަން ފެށި އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 18 މިލިއަން ޑޮލަރުގެ އިމަރާތެކެވެ. އެއިމާރާތަކީ 13000 އަކަފޫޓުގެ އަށް ބުރީގެ އިމާރާތެކެވެ.