ސްކޫލުން ގެއަށް ދަނިކޮށް ބަޔަކު ދިން ބަޑީގެ ހަމަލާއެއްގައި ޒަހަމްވެފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުުފްޒާއީ އަށް ފަރުވާ ކުރުމަށް އޭނާ އިނގިރޭސިވިލާތުގެ ލަންޑަނަށް ގެންގޮސްފި އެވެ.

ޕާކިސްތާނުގެ ގައުމީ ޓީވީން ބުނީ ތާލިބާނުން ދިން ބަޑީގެ ހަމަލާއެއްގައި ޒަހަމްވެފައިވާ އުމުރުން 14 އަހަރުގެ ހިއުމަން ރައިޓްސް އެކްވިސްޓް (މަލާލާ ޔޫސުފްޒާއީ) އަށް ފަރުވާ ދިނުމަށް އޭނާ އިނގިރޭސިވިލާތަށް ގެންގޮސްފައިވާ ކަމަށެވެ.

ޕާކިސްތާނު އަސްކަރިއްޔާ އިން ބުނީ މަލާލާ އަށް ލިބިފަައިވާ ޖިސްމާނީ އަދި ނަފްސާނީ ގެއްލުން މުޅިން ރަނގަޅުވުމަށް ޓަކައި ދިގު މުއްދަތަކަށް ފަރުވާ ކުރަން ޖެހޭ ކަމަށެވެ. ވަޒަން އެރުމުގެ ސަބަބުން އޭނާގެ ބޮލުގެ ނާށިގަނޑަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރަން ޖެހޭ ކަމަށާއި ސިކުނޑިއަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުމަށް އޭނާ އަށް ނިއުރޯ ރިހެބިލިޓޭޝަން ވެސް ބޭނުންވާ ކަމަށް ޕާކިސްތާނު އަސްކަރިއްޔާ ބުނެ އެވެ.

ސްކޫލުން އެނބުރި ގެއަށް ދިޔަ މަގުމަތީގައި މަލާލާއަށް ދިން ހަމަލާގައި އޭނާގެ ބޮލަށާއި ކަރަށް އަރާފައިވާ ވަޒަންތައް ޕާކިސްތާނުގެ އަސްކަރީ ހޮސްޕިޓަލެއްގައި ވަނީ ނަގައިފަ އެވެ.

ޕާކިސްތާނުގެ ތާލިބާނުން މަލާލާ އަށް ހަމަލާ ދިނީ އޭނާއަކީ އަންހެން ކުދިންގެ ތައުލީމަށް ވަކާލާތުކުރާ އަދި ތާލިބާނުންނަށް ފާޑުކިޔާ ކުއްޖަކަށް ވާތީ އާއި ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.

މަލާލާ އަށް ދިން ހަމަލާގައި އޭނާއާ އެކު އެވަގުތު ތިބި އިތުރު ދެ ކުއްޖަކުވެސް ޒަހަމްވި އެވެ. މަލާލާއަށް ޝިފާ ދެއްވުން އެދި ޕާކިސްތާނުގެ 15500 ސްކޫލާއި ތަައުލީމީ އެހެން އިދާރާތަކުގެ 9.5 މިލިޔަން ދަރިވަރުން ވަނީ ދުއާކޮށްފަ އެވެ.