15 Oct 2012, 11:19
ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވިކްޓަރީ ކޮޅަށް، ނިއުރޭޑިއަންޓުގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުހައްމަދު ޖެހި ތާރީހީ ގޯލުގެ ވާހަކަތައް ފުޓްބޯޅައިގެ ރޭންކިންގައި ކުރިއަރާފައިވާ މަޝްހޫރު ބައެއް ގައުމުތަކުގެ އޮންލައިން ނޫސްތަކަށް އަރައިފި އެވެ.
މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ ވިކްޓަރީއަތުން 2- 1 އިން ނިއުރެޑިއަންޓު މޮޅުވި މެޗުގައި އިމްރާންޖެހި ތާރީހީ ގޯލްގެ ވަހަކަ ދުނިޔޭގެ ބައެއް ގައުމުތަކުގެ ނޫސްތަކަށް އަރާފައިވާ އިރު، އެ ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ ރޭންކިންގައި މިވަގުތު 17 ވަނާގައި އޮތް ޗިލީގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ ބިއޯ ބިއޯ ނޫހުގެ ފަލަސުރުހީއަށް ވަނީ އަރާފަ އެވެ. އަދި ޔޫކޭގައި ނެރޭ ކުޅިވަރު ނޫހެއް ކަމަށްވާ ހުފިންޓަން ޕޯސްޓަށް ވެސް އިމްރާންގެ ވާހަކަ އަރާފައިވާ އިރު، ރިޕަބްލިކް އިންލޭންޑުގެ ނޫހަކަށް ވެސް ވަނީ އަރާފަ އެވެ.
އަދި ދުނިޔޭގެ ރޭންކިންގެ ދެ ވަނާގައި އޮތް ޖަރުމަނާއި ތިން ވަނާގައި އޮތް ޕޯޗިގަލްގެ އިތުން ހަތަރުވަނާގައި އޮތް އާޖެންޓީނާގެ ނޫސްތަކަށް ވެސް އިމްރާންގެ ތާރީހީ ގޯލްގެ ވާހަކަ މިއަދު ވަނީ އަރާފަ އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި އިމްރާން ވިކްޓަރީ ކޮޅަށް ގޯލް ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި އެޓީމުން ލީޑް ނަގާފައި ވަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އެލަނޑު އޭނާ ޖެހީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖެހި ސައްޕު، ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އޮއްސެން ދިޔައިރު، ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އަތުގައި ވެސް ޖެހިފަ އެވެ. އަދި އިމްރާންޖެހި އެ ބާރު ސައްޕު ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ވެސް ޖެހުނެވެ. އެކަމަކުވެސް ފައިސަލަށް އެ ބޯޅަ ދިފާއުކުރެވޭ ގޮތެއް ނުވި އެވެ.
ގޯލްކީޕަރު އިމްރާންގެ އިތުރުން މިމެޗުގައި ދެން ނިއުއަށް ގޯލްޖަހައި ދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަދި ވިކްޓަރީން ނިއު ކޮޅަށް ޖެހިގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފައުޒާން ހަބީބެވެ.
ދިވެހި ގައުމީ ޓީމްގެ ގޯލުވެސް ބަލެހެއްޓުމުގައި މިއަދު މިގައުމުގައި ހުރި އެން ތަޖުރިބާ ކާރު ގޯލް ކީޕާރު އިމްރާންޖެހި ގޯލް ފަހުގެ ތާރީހުގައި ޖެހި އެންމެ ރީތިގޯލަކަށް ވީއިރު، ޕްރެޒިޑެންޓް ކަޕްގެ ފައިނަލުގައި މިއަދު ހަވީރު ވިކްޓަރީއާ ދެކޮޅަށް ނިއު ނިކުންނާނެ އެވެ. މިއަދުގެ މެޗުގައި ވެސް ނިއުގެ ގޯލް ބެލެހެއްޓުމުގެ ބުރަ މަސްހޫލިއްޔަތު އަދާ ކުރާނީ އިމްރާނެވެ.