15 Oct 2012, 11:11
އިންސާނީ ހައްްގުތަކަށް މަސައްކަތްކުރާ މަދު އެކްޓިވިސްޓުން އީރާނުގައި ވެސް އުޅެ އެވެ. ނަމަވެސް އެމީހުންގެ އެ މަސައްކަތުގެ ސަބަބުން ކުރިމަތިވަނީ އެއްވެސް މީހަކު ހިޔާލަށް ވެސް ގެންނަން ބޭނުންވާނެ ކަންތައްތަކެއް ނޫނެވެ.
އީރާނުގައި އެގައުމުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ލިބުނަސް ހުރި ހުރަސްތަކާއި އެ ހައްގުތައް ނަގައިލެވޭ ގޮތްތައް ބެލުމަށް އދ.ން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަހުމަދު ޝަހީދު ވަނީ އެ ގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ރިޕޯޓެއް އދ.ގެ ޖެނެރަލް އެސެމްބްލީއަށް ހުށައަޅުއްވާފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރީގެ ދެ ސަރުކާރުގައި ވެސް ކުރައްވާފައިވާ ޑރ. އަހުމަދު ޝަހީދު އދ. އަށް ހުށައެޅުއްވި ރިޕޯޓްގައިވާ ގޮތުން އިންސާނީ ހައްގުތަކަށް ޓަކައި މަސައްކަތް ކުރާ އެކްޓިވިސްޓުންނަށް އީރާނު ސަރުކާރުން ދޭ އަނިޔާތަކުގެ ތެރޭގައި މުގުރުން ތެޅުމާއި ރޭޕްކުރުމާއި އެލުވާފައި ބެހެއްޓުމާއި ނިދިން މަހުރޫމް ކުރުން ފަދަ އަނިޔާތައް ހިމެނެ އެވެ.
އޭގެ އިތުރުން އެމީހުންގެ އާއިލާގެ މެމްބަރެއް މަރާލާނެ ނުވަތަ ރޭޕްކުރާނެ ކަމުގެ ބިރު ވެސް އީރާނު ސަރުކާރުން އެމީހުންނަށް ދައްކަ އެވެ.
ޑރ. ޝަހީދުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ އީރާނުގައި ނޫސްވެރިންނަށް މިނިވަންކަން ނެތުމާއި ނޫސްވެރިންނަށް ކުރާ ގޯނާ އެވެ. އެގޮތުން ބައެއް ނޫސްވެރިން އުޅޭ ނޫޅޭގޮތް ސަރުކާރުން އަބަދު ބެލުމާއި ބައެއް ނޫސްވެރިން ހައްޔަރުކޮށް ބިރުދެއްކުން ހިމެނެ އެވެ.
"އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވަމުންދާ އިގުތިސާދީ މައްސަލަތަކުގެ ވާހަކަ ރިޕޯޓްކުރުން (އެގައުމުގެ) އިދާރާތަކުން ވަނީ މަނާކޮށްފަ އެވެ. "ރިޕޯޓް ހުށައަޅުއްވަމުން ޑރ. ޝަހީދު ވިދާޅުވި ކަމަށް ހަފިންޓަން ޕޯސްޓްގައިވެ އެވެ.
އީރާނުގައި މަރުގެ އަދަބު ދޭލެއް ގިނަ ކަމަކީ ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 223 މީހުންނަށް މަރުގެ އަދަބުދީފައިވާ ކަމަށާއި އެމީހުންނަށް މަރުގެ އަދަބު ދީފައި ވަނީ ޑްރަގާ ގުޅުން ހުރި ކުށްތަކުގައި ކަމަށް ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އެމީހުންނަށް މަރުގެ އަދަބުދީފައި ވަނީ ބޭއިންސާފު ޝަރީއަތްތަކަށް ފަހުގައި ކަމަށެވެ.
އީރާނަށް ދަތުރުކުރުން އެގަމުގެ ސަރުކާރުން މަނާކޮށްފައި ވަނިކޮށް ރިޕޯޓް އެކުލަވާލި ގޮތާ މެދު އޭނާ ވިދާޅުވެފައި ވަނީ ރިޕޯޓަށް 99 މީހުން މައުލޫމާތުދިން ކަމަށާއި އޭގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ އެކަންތައްތައް ތަޖުރިބާކޮށްފައިވާ މީހުން ކަމަށެވެ. އަދި އެހެން މީހުންނަކީ މަންޒަރު ދުށް އަދި އިތުބާރު ކުރެވޭ މީހުން ކަމަށެވެ.
އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން ޑރ. ޝަހީދު ހުށައެޅުއްވި ރިޕޯޓާ ގުޅިގެން އަޅާނެ ފިޔަވަޅަކާ ބެހޭ ގޮތުން އދ. ން އަދި ވަކި އެއެއްޗެއް ނުބުނެ އެވެ.