15 Oct 2012, 11:08
ދިވެހިރާއްޖޭގެ ޓުއަރިޒަމްގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލް ޖުމްހޫރީއްޔާ ޑރ މުޙައްމަދު ވަހީދު ހަސަން ތަސްދީގު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރީއްޔާ މި ބިލް އިއްޔެ ތަސްދީގު ކުރެއްވުމާ ގުޅިގެން މި ބިލްވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިޢު ކުރެވިފަ އެވެ.
ދިވެހިރާއްޖޭގެ ޓުއަރިޒަމްއާބެހޭ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އޮކްޓޯބަރު ތިންވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާގަ އެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހަކީ ގާނޫނުގެ 38 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމެވެ. މިގޮތުން އިތުރު ކުރެވުނު 39 ވަނަ މާއްދާ އަކީ ޓުއަރިސްޓް ރިޒޯޓު ތަކާއި ، ޓުއަރިސްޓް ހޮޓާތަކާއި، ޔޮޓް މެރީނާ ތަކާއި އަދި ޓުއަރިސްޓް ގެސްޓް ހައުސް ތަކުގެ ސިކިއުރިޓީ ބެލެހެއްޓުމާއިބެހޭ މާއްދާއެވެ.
މި މާއްދާގެ (ހ) ގައިވާ ގޮތުން ޓުއަރިސްޓް ރިޒޯޓު ތަކާއި، ޓުއަރިސްޓް ހޮޓާތަކާއި ، ޔޮޓް މެރީނާ ތަކާއި އަދި ޓުއަރިސްޓް ގެސްޓް ހައުސް ތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސް ގަބޫލުކުރާ މިންގަނޑު ތަކެއްގެ މައްޗަށް އެކުލެވޭ ސެކިއުރިޓީ ނިޒާމެއް ޓުއަރިޒަމް މިނިސްޓްރީއިން އެކުލަވައިލާ ގަވާއިދުގައިވާ ގޮތުގެ މަތިން ގާއިމް ކުރަންވާނެ އެވެ. މި މާއްދާގެ (ށ)ގެ ދަށުން ސެކިއުރިޓީ ނިޒާމް ކޮންމެ ދެއަހަރުން އެއް ފަހަރު މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރި ކަމާއިއެކު އެ މިނިސްޓްރީއިން ބަލައި ފާސްކުރަން ޖެހެ އެވެ.