ށ. ބިލެތްފަހީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ރޭ ދަންވަރު ބަޔަކު ރޯކޮށްލައި ކަރަންޓް ދުއްވާލުމާއި ގުޅިގެން މުޅި ރަށުން ކަރަންޓް ކެޑިއްޖެ އެވެ.

ގާތްގަނޑަކަށް 630 މީހުންގެ އާބާދީއެއް އޮންނަ ބިލެތްފަހި ކަރަންޓް ފޮށިތަކުގައި މިދިޔަ އަހަރު ވެސް އެކި ފަހަރުމަތިން ރޯކޮށްލާ ވަނީ މުޅިރަށުން ކަރަންޓް ދުއްވާލާފަ އެވެ.

އެރަށު ކައުންސިލްގެ ރައީސް އަބުދުﷲ ޒިޔާދު މިއަދު ވިދާޅުވީ ރޭ މެންދަމު 1:30 ހާއިރު ޑިސްޓްރިބިއުޝަން ފޮށިތަކުގައި ރޯކޮށްލުމާ ގުޅިގެން މުޅި ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި ރަށުގެ ސްކޫލްގެ ކިޔެވުން ވެސް މިއަދު ނެތް ކަމަށާއި ނަމަވެސް އޯލެވެލް ހަދާ ކުދިންގެ ޓެސްޓް ކުރިއަށްދާ ކަމަށެވެ. އަދި އެކުދިން ވެސް ޓެސްޓު ހަދަމުންދަނީ ކަރަންޓް ނެތި ވަރަށް ދަތިކޮށް ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"ރަށު ސްކޫލްގެ ކިޔެވުމެއް ނެތް. އެކަމަކު އޯލެވެލް ކުދިންގެ ޓެސްޓު ވަރަށް ދަތިކޮށް ކުރިއަށް އެބަދޭ،" ކައުންސިލްގެ ރައީސް ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ މުއާސަލާތީ ޚިދުމަތްތަކަށްވެސް ބުރުއަރާފައިވާ ކަމަށާއި ފިހާރަތަކުގެ ވެރިންނަށް ވެސް ކަރަންޓް ނެތުމުން ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާއިރު، ސިއްހީ މަރުކަޒުން ހިދުމަތް ދިނުމުގައި ވެސް ދަތިތަކާ ކުރިމަތި ވެފައިވާ ކަމަށެވެ.

ބިލެތްފަހިން ރޭ ކަރަންޓް ކެނޑުނުއިރު މީގެ މަހެއްހާ ދުވަސް ކުރިން ވަނީ އެރަށުގެ ކޭބަލްޓީވީގެ ހިދުމަތް ދެމުންގެންދިޔަ ނަރުތައް ވެސް ބުރިކޮށްލާފަ އެވެ.

ބިލެތްފައްސަށް ކަރަންޓާއި ކޭބަލް ޓީވީގެ ހިދުމަތްދެމުން އަންނަނީ އެރަށުގެ އަމިއްލާ ޖަމިއްޔާއަކުން ނެވެ. އަދި ކޭބަލް ޓީވީގެ ހިދުމަތް ދެނީ ހިލޭ އެވެ.

ކައުންސިލްގެ ރައީސް ޒިޔާދު ވިދާޅުވީ މުޅިރަށުން ރޭ ދަންވަރު ބަޔަކު ގަސްތުގައި ކަރަންޓް ކަނޑާލާފައިވަނީ، ކަރަންޓްގެ ހިދުމަތް އެރަށަށް ދެމުން އަންނަތާ 30 އަހަރުވެފައިވާ އަމިއްލަ ޖަމިއްޔާއިން އިންޖީނުގޭގައި ހުރި ހުރިހާ ސާމާނާކާއެކު ކައުންސިލާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން ސިލްސިލާކޮށް ބަޔަކު ގަސްތުގައި ކަރަންޓް ކަޑާލަމުން އަންނަނީ ޒާތީގޮތުން އެ ޖަމްއިއްޔާއާ ޖައްސާލައިގެން ކަމަށް ވެސް ޒިޔާދު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް މިހާތަނަށް އެ އަމަލު ހިންގި އެއްވެސް ފަރާތެއް ފުލުހުން ހައްޔަރުކޮށްފަ އެއް ނުވެ އެވެ.