15 Oct 2012, 10:58
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އަނބިކަނބަލުން ހ. ވާލީވިލާ ހައުލަތު ފަހީމާއި އޭނާގެ އެއްބަނޑު އެއްބަފާ ދެބެއިން ކަމުގައިވާ މުހައްމަދު ޝަވީދާއި އަހުމަދު ޝިޔާމްގެ އިތުރުން ހަތަރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓައި އެކައުންޓް ފްރީޒް ކުރުމަށް ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ އެގޮތަށް އަމުރު ކޮށްފައި ވަނީ އެ މީހުންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަކަށް ފައިސާ ދައްކާފައި ނުވާތީ އެ މައްސަލައިގައި ހުކުމް ތަންފީޒުކުރުމަށް ތްރީއޭ ނުބަހާއިރު އެ ކުންފުނީގެ ރިސޯޓްތަކެއްގެ ޖެނެރަލް މެނޭޖަރުކަން ކުރެއްވި މުހަންމަދު އަނީސް ދައުވާ ކުރި މައްސަލައާ ގުޅިގެންނެވެ.
ކޯޓް ހުކުމަގައި ބުނަނީ އެ މީހުންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަކީ ކ. އަތޮޅު އެރިޔަދޫ ރިސޯޓާއި އދ. ވިލަމަންދޫ ރިސޯޓުގައި ބޭނުން ކުރަމުން އަންނަ ދެ އުޅަނދަކާއި އެ ދެ އުޅަނދު އަބްދުﷲ އަލީއާ ހަވާލުކުރަންދެން އުޅަނދުތަކަށް އަރާފައިވާ ފައިސާ ދައްކާފައި ނުވާ މައްސަލައެއް ކަމަށެވެ.
މ. ތްރީއޭވިލާ އަބްދުﷲ އަލީ އާއި އަލްމަރުހޫމް މޫސާ ފަހީމް ހިއްސާވާ ޕާޓްނާޝިޕާއި ކުންފުނިތަކާއި ދެ މީހުންގެ އެކުވި މުދަލާއި (ދެމީހުން ހަމަހަމަވާ) މުދަލާއި އެތަންތަނަށް ނިސްބަތްވާ މުދަލާއި ކުރާ ވިޔަފާރިއާއި އޭގެ ފައިދާ އާއި ފައިސާ އިން މަރުހޫމް މޫސާ ފަހީމަށްވާ މިންވަރު ވަކިކޮށް މޫސާ ފަހީމްގެ ވާރިސުންނަށް ލިބިދިނުުގެ މައްސަލަ ނިންމި އިރު، ދެ ރިސޯޓުގައި ބޭނުން ކުރަމުން އައި ލޯންޗަކާއި ދޯނީގެ މިލްކުވެރިފަރާތަކީ އަބްދުﷲ އަލީ ކަމުގައި ކޯޓުން ވަނީ ކަނޑާއަލާފަ އެވެ. ނަމަވެސް އެ ދެ އުޅަނދު ބޭނުން ކުރަމުން އަންނަނީ ފަހީމުގެ ވާރިސުން ކަމަށް ކޯޓު ހުކުމުގައި ބުނެފައިވެ އެވެ.
ކޯޓުގެ ހުކުމާ އެކު ޖޫން 1، 2006ގައި އެ ދެ ރިސޯޓު ފަހީމުގެ ވާރިސުންގެ ބެލުމުގެ ދަށަށް ދިޔަ އިރު އެ ދެ އުޅަނދު އަބްދުﷲ އަލީ އާ ހަވާލުކޮށްފައި ނުވާތީ އެކަމާ ގުޅިގެން އޭނާގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ހުކުމްކޮށްފައި ވަނީ އެ ދެ އުޅަނދަކީ އަބްދުﷲ އަލީ އާ ހަވާލުކުރަންޖެހޭ އެއްޗެހި ކަމަށެވެ. އަދި އެ ދެ އުޅަނދު ހަވާލުކުރުމާ ހަމަޔަށް އެ ދެ އުޅަނދުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ވެސް ސިވިލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.
ސިވިލް ކޯޓުގެ އެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ދެކިގެން އެ ހުކުމް ޝަވީދު ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ނަމަވެސް ހައި ކޯޓުން ހުކުމްކޮށްފައި ސިވިލް ކޯޓުގެ ހުކުމަކީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.
ފަހީމުގެ ވާރިސުންގެ ޕާސްޕޯޓް ހިފަހައްޓައި އެކައުންޓް ފްރީޒް ކުރުމަށް އިއްޔެ ހުކުމްކޮށްފައި ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރުމުން ވެސް އެ ދެ އުޅަނދު ހަވާލުކޮށްފައި ނުވާތީ އެ ދެ އުޅަނދާއި، އެ ދެ އުޅަނދު ހަވާލުކުރަންދެން ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ހޯދުމަށް "ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް" އަބްދުﷲ އަލީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުންނެވެ.