ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި ރާނީ މުކަރުޖީ ފިލްމީ ދާއިރާއާ ވަކި ވެއްޖެ ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް އޭނާ ފިލްމީ ދާއިރާއާ ވަކި ނުވާ ކަން ރާނީ ކަށަވަރު ކޮށް ދީފިއެވެ. އަދި ފިލްމީ ދާއިރާއާ ދުރުގައި އުޅޭތާ ދުވަސްކޮޅެއް ވުމަށް ފަހު ރާނީ މުކަރުޖީގެ ފިލްމެއް ވަރަށް އަވަހަށް ނުކުންނާނެ ކަމަށް ޚަބަރު ލިބެއެވެ. ފިލްމު "އައްޔާ" ނަމަކަށް ކިޔާ ފިލްމަކުން ރާނީ ވަރަށް އަވަހަށް ފެންނާނެ ކަމުގެ ޔަގީންކަން ރާނީ ވެސް ވަނީ މީޑިޔާއަށް ދީފައެވެ. އަދި ހަމަ އެހެންމެ ޕާޓީތަކުންނާއި އިޖްތިމާއީ ހަރަކާތްތަކުން ނުފެންނާން ފެށުމަކީ ދާއިރާ ދޫ ކޮށް ދިއުމުގެ ސިގުނަލެއް ކަމަށް ބައެއް ފަރާތްތަކަށް ހީ ކުރެވުނު ނަމަވެސް، އެއީ ކުށް ހީއެއް ކަމަށް ވެސް ނޫސްވެރީންނާ މުހާތަބު ކޮށް ރާނީ ބުންޏެވެ.

"އަހަރެން މަސައްކަތް ކުރާ ގޮތް އެހެން މީހުންނާ ވަރަށް ތަފާތު. ކޮންމެ ދުވަހަކު ޕާޓީތަކުގައި އަހަރެން ވަގުތު ހޭދަ ކުރާ ކަމަށް ވާ ނަމަ، ދެން ކޮންއިރަކު މަސައްކަތް ކުރާނީ؟" ރާނީ ސުވާލު ކުރިއެވެ.

ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައި ވާ ރާނީ ފިލްމީ ދާއިރާއާ އަލްވަދާއު ކީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވަރަށް ގަދައަށް އެ ވާހަކަ ދައްކައިފައެވެ. އެ ވާހަކަތަކަށް ރައްދު ދެމުން ރާނީ ބުނީ "ފިލްމީ ދާއިރާގައި އުޅޭކަން ދައްކާން ވެގެން ފިލްމީ ޕާޓީތަކުން ފެންނާން ޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ. މީހަކު މަދުން ފިލްމު ކުޅުމުގެ މާނައަކީ ދާއިރާއަށް އަލްވަދާއު ކިއުން ކަމަށް ބަލައިގެން ނުވާނެ. އާމިރު ޚާން ވެސް އަހަރަކު ނުވަތަ ދެ އަހަރުން އެއް އަހަރު ކުޅެނީ އެންމެ ފިލްމެއް. އެކަމަކު މީހަކު އާމިރު ފިލްމީ ދާއިރާ ދޫ ކޮށްލި ވާހަކައެއް ނުދައްކާ." ކަމަށެވެ.

ރާނީ މުކަރުޖީއަކީ ބަންގާޅު ނަސްލަށް ނިސްބަތް ވާ ބަތޮލާއެކެވެ.