ގާނޫނީ ވެރިކަމެއް ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގަތުމަށް ފަހު، ރައީސްކަން ލިބިވަޑައި ގަތުމުން ރައީސް ނަޝީދު ހުރިހާ ކަމެއް ކުރައްވަނީ "ޗާޓުން" ބޭރުގައި ކަމަށް ދިވެހި ގައުމީ ޕާޓީން ބުނެފި އެވެ.


ގައުމީ ޕާޓީން، އެޕާޓީގެ ވެބްސައިޓް މެދުވެރިކޮށް އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ 2008ގައި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ގާނޫނީ ވެރިކަމެއް ގެނެސްދެއްވާނެ ކަމަށާއި ގާނޫނާއި ނުލައި "ނޭވާވެސް ނުލައްވާނެ" ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ. އެހެން ނަމަވެސް ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު، ރައީސް ނަޝީދު ބެއްލެވީ ގާނޫނުން ބޭރުން ކުރެވެން ހުރީ ކޮންކޮންކަންތައްތަކެއްތޯ ކަމަށެވެ.


"...ފުރަތަމަ ވެސް ޤާނޫނެއް ނެތި ޕްރޮވިންސްތައް އުފައްދަވައި ކައުންސިލަރުން އައްޔަން ކުރައްވަން ފެއްޓެވީ އެވެ. ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ ރަށު ކައުންސިލްތައް އުވާލައްވައި އެތަންތަނުގައި ހުރި ފައިސާ އާއި މުދާތައް ޤާނޫނާއި ޚިލާފަށް ސަރުކާރަށް ނެންގެވީ އެވެ،" ބަޔާނުގައިވެ އެވެ.


ރައީސް ނަޝީދުގެ ސަރުކާރަށް ދޮޅު އަހަރުވީ އިރު ގާނޫނު އަސާސީއަކީ އެމަނިކުފާނު ބޭނުންފުޅުވެލައްވާ ގޮތަކަށް އިސް ތަރުޖަމާނު މާނަކުރާ އެއްޗަކަށް ހައްދަވާފައިވާ ކަމަށާއި ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކަށް އަރައިގަތުމަށް ފުލުހުންނަށް އަމުރުކޮށް އެމަނިކުފާނަކީ ފުލުހުންގެ ވެސް ވެރިޔާކަމަށް ވިދާޅުވަމުންދާ ކަމަށެވެ.


ވަޒީރުންގެ މަޖިލިސް ހުވައިކުރުވީ ގާނޫނު އަސާސީ ބަޔާންކުރާ ގޮތާ ހިލާފަށް ކަމަށާއި ރައްޔިތުންނަށް އިންސާފު ހޯދައިދޭން ހުރި އަދުލު އިންސާފުގެ ދާއިރާގެ އަމުރުތަކަށް ކިޔަންނުވެ އެދާއިރާގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލައި އަމިއްލަ ކޯޓުހައްދަވައި ހުކުމް ކުރައްވަން ފައްޓަވާފައިވާ ކަމަށް އިޝާރާތްކޮށްފައި ބަޔާނުގައި ބުނަނީ  މާލިއްޔަތުގެ ޤާނޫނާއި ބިމާ ބެހޭ ޤާނޫނާއި އަދިވެސް އެހެން ޤާނޫނުތަކާ ހިލާފަށް މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދުން ބިންވިއްކަވަން ފެއްޓަވާފަވާ ކަމަށެވެ.  ގައުމީ ޕާޓީން ބުނީ، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ނަޝީދު އެންމެ ގިނައިން ވިދާޅުވި އެއް ވާހަފުޅަކީ ކަތީބުން ވޯޓަށް ނުފޫޒުފޯރުވާ ވާހަކަ ކަމަށާއި ނަމަވެސް މިހާރު އެކަން އެމަނިކުފާނަށް ގޯސް ނޫން ކަމަށެވެ.


ގާނޫނާ ހިލާފަށް ގިނަ ކަންތައްތަކެއް ރައީސް ނަޝީދު ކުރައްވާ ކަމަށް ތުހުމަތުކޮށް ގިނަ ކަންތައްތަކެއް ގައުމީ ޕާޓީން ވަނީ ފާހަގަކޮށްފަ އެވެ. އެ ބަޔާނުގައި ބުނަނީ ރައީސް ނަޝީދުގެ ވެރިކަމަށް އަހަރެއްވީ އިރު ގާނޫނާއި ގަވާއިދަކީ އޮތް އެއްޗެއް ނޫން ކަމަށާއި ކަންކަން ކުރައްވަމުން ގެންދަވަންފެއްޓެވީ އެ ވަގުތަކު ހިތްޕުޅަށް އަރާވަޑައިގެންނެވި ގޮތަކަށް ކަމަށެވެ.


ގައުމީ ޕާޓީގެ ބަޔާނާ ބެހޭ ގޮތުން ކޮމެންޓަކީ ކޮބައިތޯ ސާފުކުރުމަށް ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހޭރަށް މިއަދު ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.