ޕެރިސް (އޮކްޓޯބަރ 15): މޮރިޓޭނިޔާގެ ރައީސް މުޙައްމަދު ވްލިދް ޢަބްދުލްޢަޒީޒުގެ އަތްޕުޅުގެ އޮޕަރޭޝަނެއް ޕެރިހުގެ ޢަސްކަރީ ހޮސްޕިޓަލެއްގައި ކުރައްވައިފިކަން މޮރިޓޭރިޔާ ސަރުކާރުން ހާމަކޮށްފި އެވެ.

މޮރިޓޭނިޔާގެ ޚާރިޖީ ވަޒީރު ޙައްމާދީ ވްލިދް ޙައްމާދީ ވިދާޅުވީ އޮޕަރޭޝަނަށް ފަހު ވެސް އަދި އޭގެ ކުރީގައި ވެސް ރައީސް ޢަބްދުލްޢަޒީޒުގެ ޙާލުކޮޅު ރަނގަނޅު ކަމުގަ އެވެ. އަދި ރައީސް ޕެރިހުގެ ހޮސްޕިޓަލުގައި އޮންނަވައިގެން ވެސް ވެރިކަމުގެ ޒިންމާތައް ފުރިހަމައަށް އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޮރިޓޭނިޔާގެ ރައީސް މުޙައްމަދު ޢަބްދުލްޢަޒީޒުގެ މޮޓޮކޭޑަށް މިދޔަ ހޮނިހިރު ދުވަހުގެ ރޭ ދިން ބަޑީގެ ހަމަލާއެއްގައި އޭނާ ޒަޚަމްވެވަޑައިގެންފައިވާ ކަމަށާއި މިއީ މޮރިޓޭނިޔާގެ ސިފައިންގެ ޕެޓްރޯލަކުން އޮޅިގެން ދިން ޙަމަލާއެއް ކަމަށް އެޤައުމުން ބުނެފައިވެ އެވެ. ރައީސް ޢަބްދުލްޢަޒީޒް ފަރަންސޭސިވިލާތުގެ މާސީ ޢަސްކަރީ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް ފަރަންސޭސި ދިފާޢީ ވުޒާރާ އިން ބުނެ އެވެ.

ރައީސްމުޙައްމަދު ޢަބްދުލްޢަޒީޒަށް ދެވުނު ޙަމަލާގެ ޙަޤީޤަތާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. މިއީ އޭނާ އަވަހާރަކޮށްލުމަށް ބަޔަކު ދިން ޙަމަލާއެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ސަރުކާރުން ބުނީ މިއީ ސިފައިންގެ ޔުނިޓަކުން އޮޅިގެން ދެވުނު ޙަމަލާއެއްކަމަށާއި ރައީސް އަވަހާރަކޮށްލުމުގެ އެއްވެސް ނިޔަތެއް މިޙަމަލާގައި ނެތްކަމުގަ އެވެ.

މިޙަމަލާގައި ރައީސް ޢަބްދުލްޢަޒީޒުގެ އަތްޕުޅު ޒަޚަމްވެފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ މެއަށްވެސް ވަނީ އުންޑައެއް އަރާފަ އެވެ. ނަމަވެސް ޕެރިހުގެ ހޮސްޕިޓަލުން މިކަން ކަށަވަރުކޮށެއް ނުދެ އެވެ. (ނޫސްއެޖެންސީތައް)