ހ. ފުންވިލުގެ އަށް ވަންނަ ދޮރު ހުޅުވާލުމާ އެކު އާވަނީ އަފްރާޝީމްގެ ހަދާނެވެ. އަވަހާރަކޮށްލުމަށް ފަހު ފުންވިލުގޭ ސިޑި ކައިރީގައި އަފްރާޝީމްގެ ހަށިކޮޅު އެއްލާލައިފައި އޮތް ސަރަހައްދުގައި ހަށިކޮޅުން ފޭބި ލެއާއި ފާރަށް ބުރާފައިވާ ލޭތައް ހިކިފައި ހުއްޓެވެ. އަފްރާޝީމް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައި ވަނިކޮށް އެންމެ ފުރަތަމަ ފެނުނު މީހަކީ އަފްރާޝީމްގެ އަނބިކަނބަލުން ގުރައިޝާ މުހަންމަދެވެ. އޭނާގެ ފިރިކަލުންގެ އަނިޔާވެރި މަރަށް ފަހު މީޑިއާ އަށް ދެއްވި އެންމެ ތަފްސީލް އިންޓަވިއު ގުރައިޝާ ވަނީ "ސަން އޮންލައިން" އަށް ދެއްވައިފަ އެވެ.

ތިން ބޭފުޅުންނާ އެކު ގުރައިޝާ މިހާރު ވެސް ދިރިއުޅުއްވަމުން ގެންދަވާ ފުންވިލުގޭގެ ތިން ވަނަ ބުރީގައި އިންނަވައި ފިރިކަލުން އަވަހާރަކޮށްލި ރޭގެ ވާހަކަތަކާއި ފަހު ދުވަސްތަކުގެ ވާހަކަތައް ގުރައިޝާ ސަންއާ ހިއްސާކުރެއްވީ އަސަރާ އެކު އެވެ.

ގުރައިޝާ އަށާއި ތިންމައިން އެފަދަ ދުވަހެއް ފެނިދާނެ ކަމަށް އިންތިޒާރު ވެސް ކޮށްފައެއްނެތެވެ. އެފަދަ އަނިޔާވެރި ހަމަލައެއް ފިރިކަލުންނަށް އަމާޒުކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ގުރައިޝާ ގަބޫލެއްނުކުރައްވަ އެވެ. އޮކްޓޯމްބަރު އެއް ވަނަ ދުވަހަށް ވެސް އިރުއަރައިގެން އައީ އެހެން ދުވަސްދުވަހެކޭ ވެސް އެއްގޮތަށް ފިރިމީހާ އާއި ތިން ދަރިންގެ ކަންތަކުގައި ގުރައިޝާ މަސްއޫލުވެ އުޅުއްވަނިކޮށެވެ. ފިރިކަލުން ހެނދުނު 8:00 ޖަހާއިރަށް ކުއްލިޔާ އަށް ވަޑައިގަންނަވަން ޖެހޭތީ ގޭތެރޭގެ މަސައްކަތަކުގައި ގުރައިޝާ އުޅުއްވަން ޖެހުނީ ބުރަކޮށެވެ.

"މަޖިލިސް އޮންނަ ދުވަސްވަރުގައި އެންމެ ފުރަތަމަ ކުއްލިޔާގެ ކްލާސްތަކަށް ހެނދުނު 8:00 ޖަހާއިރު ވަޑައިގަންނަވާނީ. ދެން ވަޑައިގަންނަވާނީ މަޖިލީހަށް. ކޮމެޓީތަކުގެ މަސައްކަތުގައި އުޅުއްވާފައި ގެއަށް ދުރުވެވޭއިރު އިރުއޮއްސިފައި ހުންނާނީ،" ގުރައިޝާ ވިދާޅުވި އެވެ.

އެ ދުވަސް ހު ވެސް އަފްރާޝީމަށް ގެއަށް ވަޑައިގެންނެވުނީ އިރުއޮއްސުނު ފަހުންނެވެ. ނަމަވެސް ހަވީރު 4:00 ޖަހާ އެހާކަންހާއިރު ގުރައިޝާ ފިރިކަލުންނަށް ފޯނު ކުރެއްވި އެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވި ކަމަށް ގުރައިޝާ ވިދާޅުވި އެވެ. އެހެންވެ ގުރައިޝާ ވެސް އިތުރަކަށް ނުގުޅުއްވަ އެވެ. އޭގެ ގަޑިއިރެއް ހާއިރު ފަހުން ހަވީރު 5:00 ޖަހާކަން ހާއިރު އަފްރާޝީމް ގުރައިޝާ އަށް ފޯނު ކުރެއްވި އެވެ. ގުޅުއްވީ ކީއްވެތޯ އައްސަވައި ސަމާސާ ކުރެއްވި އެވެ.

"ވަރަށް ހަމަޖެހިލާފައި ހުރީ. ސަމާސާކޮށް ވާހަކަ ދެއްކެވި. އެ ގަޑީގައި ވިދާޅުވި އެރޭ ޓީވީގެ ޕްރޮގްރާމަކަށް ދާންޖެހޭ ވާހަކަ،" ގުރައިޝާ ވިދާޅުވި އެވެ.

ނަމަވެސް ފިރިކަލުން ގެއަށް ވަޑައިގަތުމުގެ ކުރިން ގުރައިޝާ އަށް ޖެހިވަޑައިގަތީ އެންމެ ހަގު ދަރިފުޅު ބަލިވެގެން ޑޮކްޓަރަށް ދިޔުމަށެވެ. ދަރިފުޅުގެ ކަންތަކުގެ މަސްއޫލުވާން ޖެހުމުން ފިރިކަލުންގެ ހެނދުން އިސްތިރިކުރަން ވެސް ހަނދުމައެއްނެތެވެ. އެކަން ހަނދާންވީ ވެސް ޑޮކްޓަރުގައި ހުއްނަވަނިކޮށް ކަމަށް ގުރައިޝާ ވިދާޅުވި އެވެ. އޭރު 7:45 ވެދާނެ ކަމަށް ގުރައިޝާ ލަފާކުރައްވަ އެވެ. ވަގުތުން ގުޅުއްވާފައި ގަމީސް އިސްތިރި ނުކުރެވޭ ވާހަކަ އަފްރާޝީމަށް ދެންނެވި އެވެ.

"ގާތްގަނޑަކަށް 7:45 އެހާއިރު އަޅުގަނޑު އަފްރާޝީމަށް ގުޅާފައި ގަމީސް އިސްތިރި ނުކުރެވި އޮތް ވާހަކަ ދެންނެވިން. އަދި ގަމީހެއް ނަގައި ގޭ ކުއްޖަކު އަތަށް އިސްތިރި ކުރަން ދިނުމަށް އެދުނިން،" ގުރައިޝާ ވިދާޅުވި އެވެ.

ޓީވީއެމްގެ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމަށް އަފްރާޝީމް ވަޑައިގަތުމަށް އޮތީ 9:45 އަކަށެވެ. ގުރައިޝާ އަށް އޭގެ ކުރިން ގެއަށް ވަޑައިގެންނެވުނެވެ. އޭރު ގަނޑިން 9:30 ވަނީ އެވެ.

"އޭރު ތައްޔާރުވާން އުޅުއްވީ. އެހެން ނޫނިއްޔާ ނިޔަފަތިކަނޑައި ދޭން ވެސް ބުނާނެ. ނަމަވެސް އެރޭ ވިދާޅުވީ ދަތި ގެނެސްދޭށޭ. ޓައީ ވެސް ގެނެސްދޭން އިރުކޮޅަކުން ވިދާޅުވި. އަވަހަށް ވަޑައިގަންނަވަނަވަމުން ވިދާޅުވި ޕްރޮގްރާމް ބަލައްޗޭ،" ގުރައިޝާ ވިދާޅުވި އެވެ.

އެއީ އެންމެ ފަހުން އަފްރާޝީމް ދުނިޔޭގައި ހުންނަވަނިކޮށް ސީދަލަށް އޭނާގެ ފިރިކަލުންނާ ބައްދަލުވި ފަހު ފަހަރެވެ. ފިރިކަލުން އެދިވަޑައިގަތް ނަމަވެސް ހަގު ދަރިފުޅުގެ ކަންތައްތަކާ ހާސްކަންމަތީގައި އުޅުއްވަން ޖެހުމުން ޕްރޮގްރާމް ވެސް ބެއްލެވުނީ ތަންކޮޅެއް ފަހުން ކަމަށް ގުރައިޝާ ވިދާޅުވި އެވެ. އެއީ ފިރިކަލުންގެ ފަހުގެ ނަސޭހަތުގެ ބަސްކޮޅު ކަމެއް އޭރު ވިސްނިފައި ވެސް ނެތުމެވެ. ޕްރޮގްރާމަށް 11:30 އެހާކަން ހާއިރު ނިމުމުން އަފްރާޝީމް ގުޅުއްވި ކަމަށް ވަނީ ގާތް އެކުވެރިޔާ، ހަސަންބެ އަށް ކަމަށް ގުރައިޝާ ވިދާޅުވި އެވެ. އަދި 11:45ގައި ވެސް އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ކުރީގެ ރައީސް މުޖުތާޒު ފަހުމީ އަށް ވެސް ގުޅުއްވި ކަމަށް ވިދާޅުވި އެވެ.

"އެބޭފޫޅުން ވިދާޅުވި ގުޅުއްވި ކަމަށް. ނަމަވެސް އެއްވެސް ބޭފުޅަކަށް ވަޑައިނުގެންނެވޭ ވާހަކަ ވިދާޅުވީ. އޭގެ ފަހުން އަޅުގަނޑާ ގުޅީ،" ގުރައިޝާ ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލާފައި އޮއްވައި ފެނުނީ ދަންވަރު 1:30 އެހާކަންހާއިރު އެވެ. ގުރައިޝާއާ އެންމެ ފަހުން ފިރިމީހާ ގުޅުއްވީ އެރޭގެ 11:55 އެހާކަންހާއިރު އެވެ. އެއީ ފިރިމާހާޔާ ވެސް ވާހަކަ ދެއްކުނު ފަހު ފަހަރެވެ.

"އެހާއިރު ގުޅުއްވާފައި ވިދާޅުވީ ގެއަށް އެބަ އަންނަމޭ ކާންހަދާށޭ. އަޅުގަނޑު ދެންނެވިން ކާން ހަދާފައޭ ހުންނާނީ، މަޑުކޮށްލާށޭ ވެސް ވިދާޅުވި،"

ފިރިމީހާގެ އިންތިޒާރުގައި ގުރައިޝާ ކެތްތެރިކަމާ އެކު މަޑުކުރެއްވި އެވެ. ލަސްވާން ފެށުމުން 1:10 ކުރިން ހަތަރު ފަހަރަކު ފިރިކަލުންނަށް ފޯން ކުރެއްވި އެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވި އެވެ. ފިރިކަލުންނަކީ ބިޒީ ބޭފުޅެއް ކަން ގަބޫލުކުރައްވާތީ، އެހެން ރޭރޭ ނިދި ކުރެއްވި ނަމަވެސް އެރޭ ނިދިކުރެއްވުމުގެ ހިޔާލެއް ވެސް ގުރައިޝާގެ ނެތެވެ. ފަހުގެ ފޯން ކޯލަށް ޖަވާބު ނުދެއްވުމުން ވެސް އަދި އިތުރަށް ލަސްވާން ފެށުމުން ބެލްކަނިން ބޭރު ބެއްލެވި އެވެ. އޭރު އަފްރާޝީމްގެ ކާރު އެ ގޭގެ ކުރިމައްޗަށްވާ ގޮތަށް އޮންނަ ޒޯންގައި އޮތީ ޕާކުކޮށްފަ އެވެ. ފިރިކަލުން "މިއަންނަނީ އޭ ބުނެ ވެސް" ލަސްވުމަކީ އާންމު ކަމަކަށް ވުމުން އެކަމާ ގުރައިޝާ ފިކުރު ފިކުރުބޮޑެއްނުވި އެވެ.

"އާންމުކޮށް ވެސް އެހެން ގެއަށް ވަންނަމުން ރައްޓެއްސަކާ ވާހަކަ ދައްކާލަން ވެސް މަޑުކޮށްލަފާނެ. ރައްޓެއްސަކާ އެއްކޮށް ކޮފީއަށް ވެސް ވަޑައިގަންނަވާނެ. އަޅުގަނޑު ގުޅާވެސް ލީން ހަތަރު ފަހަރަކު، ފޯނެއް ނުނަންގަވާ. އެހެންވެ އަޅުގަނޑު އިތުރަށް އުދަނގޫނުކުރާން މަޑުކޮށްލީ،" ގުރައިޝާ ވިދާޅުވި އެވެ.

އެންމެ ފަހުން ގުޅިފަހަރު ވެސް ފޯނަށް ޖަވާބު ނުދެއްވުމާއި އިތުރަށް ދަންވަމުން ދާތީ އޭގެ އިރުކޮޅެއް ފަހުން ވެސް ބެލްކަނިން ނުކުމެ ބޭރުބެލި އެވެ. ޕާކުކޮށްފައި ކާރު އޮތުމުން ފިރިމީހާގެ ހަބަރު ބެއްލެވުމަށް ތިރިއަށް ފޭބުމަށް ނިންމި އެވެ. ގޭގައި ނިދާފައި އޮތް އަންހެން ކޮއްކޮއެއް ހޭލައްވައިގެން ތިރިއަށް ފޭބީ އަފްރާޝީމަށް ކާރުތެރޭގައި އަވަހާރަފުޅު ލެއްޕެވިފައި އިންނެވިދާނެ ކަމަށް ލަފާކޮށެވެ. ނަމަވެސް ކަންވީ މުޅީން އެހެން ގޮތަކަށެވެ. ތިރިއަށް ފައިބައި ސިޑީގެ ވަކި ހިސާބަކަށް ވަޑައިގަތުމާ އެކު ފެނެވަޑައިގަތީ ހައިރާން ކުރުވަނިވި މަންޒަރެކެވެ.

ގުރައިޝާ އަށް ހުންނެވުނު ތަނެއް ވެސް އެނގިވަޑައެއް ނުގަތެވެ. ފެނިވަޑައިގަތީ ހީވެސް ނުކުރާ މަންޒަރެކެވެ. ބާރަށް ދުވެފައި ގޮސް ވެއްޓިފައި އޮތް ފިރިކަލުންގެ ގައިގާ ހިފައި އެތައް ފަހަރަކު ތެޅުވި އެވެ. ތެދުވުމަށާއި ލޯ ހުޅުވުމަށް އާދޭސްކުރި އެވެ. ލޭން ތަށްތެޅިފައި އޮތް ހަށިގަނޑުގައި ހިފާ ތެޅުވުނީ ކިހާ އިރަކު ކަމެއްވެސް ގުރައިޝާއަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެހީ އަކަށް އެދި ގޮވުމަށް ވުރެ ވެސް ގުރައިޝާއަށް މުހިންމުވީ ފިރިކަލުންނެވެ. ނަމަވެސް ކިތަންމެ ވަރަށް ތެޅުވިޔަސް ފިރިކަލުން ލޭން ތަތްތެޅިފައިވާ ހަށިގަނޑުގައި ދިރިހުރުމުގެ އެއްވެސް ނިޝާނެއްނެތެވެ. ލޯބިވާ ފިރިމީހާ، އަފޫ [ގުރައިޝާ އަފްރާޝީމްއަށް ލޯބިން މުހާތަބު ކުރައްވާ ގޮތް] މި ފަނާވި ދުނިޔެއާ ވަކިވެއްޖެ ކަމުގެ އިހުސާސް އޭރުވެސް ގުރައިޝާއަށް ކުރެއްވިއްޖެ އެވެ. އެހީއަކަށް އެދި ގޮވަންވެސް ގުރައިޝާގެ ހިތްވަރެއް ނެތެވެ. ލޭން ތަތްތެޅިފައިވާ ހަށިގަނޑުގެ ކައިރީގައި އިދެވުނީ އެވެ. ގުޑައިވެސް ނުލެވިފަ އެވެ. މަގުމައްޗަށް ނުކުމެ އެހީއަކަށް އެދި އާދޭސް ކުރީ ކޮއްކޮ އެވެ.

"އެކަނި ވީމަ، ތިރިއަށް ފައިބަން ނުކެރޭތީ ކޮއްކޮ ގޮވައިގެން ދިޔައީ. އަޅުގަނޑު ފުރަތަމަ ސިޑިއަށް އެރިތަނުން މަތީ ހަރުފަތާ ހިސާބުގައި ހުއްޓާ ފެނިއްޖެ ފޮތްތަކާއި ލޭތަކާއި އެއްޗިހި، އަޅުގަނޑަށް ދެން އެ ހިސާބުން ވީ ގޮތް ވެސް ނޭނގޭ. ހެނދުނު ގޮތެއް ވެސް ނޭނގުނު. ފުންމާލެވުނީއެއް ކަމެއް، އަޅުގަނޑު އަފްރާޝީމްގެ ގައިގާ ހިފާ ތެޅުވިން. 'އަފޫވޭ' [އަފްރާޝީމް އަށް ލޯބިން މުހާތަބު ކުރާގޮތް] ތެދުވާށޭ. އޭރު ވެސް ވަރަށް ބޮޑަށް ހަށިގަނޑު ހަރުވެއި ފިނިވެފައި އޮތީ. ގަނޑު ލޭތައް ބޮލުން އޮތީ ނުކުމެފައި. އަޅުގަނޑަށް އެނގިއްޖެ އެ ހިސާބުން ވެސް އެހާ ގިނަ ލޭތައް ހުރީމާ ފުރާނަނެއްނެތް ކަން،" ގުރައިޝާ ވިދާޅުވި އެވެ.


ލިބުނު ބޮޑު ސިހުމާ އެކު އެ ވަގުތުގެ މަންޒަރުތައް ގުރައިޝާ މިހާރު މުޅީން ހަނދާން ވެސް ނެތެވެ. ފިރިމީހާގެ ނެތި ދިޔުމަށް ފަހު ގުރައިޝާ އެންމެ ހިތާމަ ކުރެއްވީ އަފްރާޝީމް ލޯބިން ގެންގުޅުއްވާ ހަދީސް ފޮތްތަކާއި ކަރުދާސްތައް ބިންމައްޗަށް ވެއްޓިފައި ހުރި ތަން ފެނުމުންނެވެ. ފޯނު ވެސް އޮތީ ސިޑިކައިރިއަށް ވެއްޓިފަ އެވެ. އެ ހިސާބުން ގުރައިޝާ އަށް އަދި ލިބުނު ހިތްދަތިކަން މާބޮޑެވެ. ދެން ފެނިވަޑައިގަތީ އިސްތަށިގަނޑުން ބަޔެއް ވަކިވެ ބުރައިގެން ގޮސްފައިވާ ތަނެވެ. އެ ހިސާބުން ވެސް ކުރިން ކުރި ޝައްކު ޔަގީނަށް ބަދަލުވެއްޖެ އެވެ. "އެ ފޮތްތަކަކީ ވަރަށް ލޯބިން ގެންގުޅުއްވާ އެއްޗިހި. އެތާ ކައިރީގައި އިސްތަށިކަނޑުން ބައެއް އޮތް، އަޅުގަނޑު ގޮސްފައި ބެލިން. ޓައީގައި ވެސް ގިނަ ލޭތައް އޮތް،"

ލިބުނު ހިތްދަތިކަމުން ގުރައިޝާ ވެސް ނުކުންނެވީ މަގުމައްޗަށެވެ. އޭރު އަންހެން ކޮއްކޮވެސް އެހީއަކަށް އެދި ގޮވަނީ އެވެ. ގުރައިޝާ ވެސް ރޮމުން ގިސްލަމުން ގޮވަމުން ދިޔަ އެހީއަށް އިޖާބަދިނީ އެ ވަގުތު އެ މަގުން ދިޔަ ސައިކަލްގައި ތިބި ދެ ކުއްޖެކެވެ. އެކަން ފުލުހުންނަށް ވެސް ރިޕޯޓް ކުރީ އެ ކުދިން ނެވެ. އަފްރާޝީމްގެ ހަށިކޮޅު ހޮސްޕިޓަލަށް ގެންދިޔައީ މަތީ ބުރީގައި އުޅޭ ކުއްޖަކާއި ފުލުހުންވެގެން ކަމަށް ގުރައިޝާ ވިދާޅުވި އެވެ.

"މި ބުނާ ކުއްޖާ އަކަށް ވެސް ނޭންގުނު، ބުނީ ކާކުހޭ. އަޅުގަނޑު ބުނިން އަފްރާޝިމްއޭ. ދެން އެ ކުއްޖާ ބުނީ ތީ ކާކުހޭ. އަޅުގަނޑު ބުނިން އަފްޜާޝީމްގެ އަންހެނުންނޭ. ބުނީމާ އޭނާ އަތްދަނޑިމައްޗަށް ލާން އަފްރާޝީމް ފުރޮޅާލީ، އޭރު އަޅުގަނޑަށް ފެނުނު ބޯ ވެސް ޒަހަމްވެފައި އޮއްވައި،" ގުރައިޝާ ވިދާޅުވި އެވެ. ފިރިކަލުންނަށް ބަޔަކު ކުރި އަނިޔާގެ މަންޒަރުތައް ގުރައިޝާ ބައްްލަވަން ބޭނުންފުޅު ނުވިޔަސް ދިޔައީ ލޯމައްޗަށް ފެންނަމުންނެވެ. ހަންޖަރުގެ އެތި ފަހަރުތައް ކަރަށާއި ބޮލަށް އަދި ބުރަކައްޓަށް އަމާޒުކޮށްފައި ހުރިތަން ދިޔައީ ފެންނަމުންނެވެ. ހިތް ދިޔައީ ކުދި ކުދި ވަމުންނެވެ. އެ ވަގުތުގައި ވެސް ގުރައިޝާ ހިތްވަރު އާކުރެއްވި އެވެ. ދުނިޔެއަށް އަންނާނެ ކޮންމެ އިންސާނަކީ ވެސް މަރުވާނޭ މީހެއް ކަމުގެ ހަނދާން ދިޔައީ އާކުރަމުންނެވެ.

އެ ހިތާމަވެރި ވަގުތުގައި ވެސް ކެތްތެރިކަން ކުރިއަށް ނެރުއްވާ ގުރައިޝާ ބޭނުންވީ ފިރިމީހާއާ އެކު ހުންނަވާށެވެ. ފުރާނަ ނެތަސް ފިރިކަލުން ވާހަކަ ނުދެއްކެވުނަސް ހިތުގެ ފުން މިނުން އެދުނީ ފިރިކަލުންގެ އެންމެ ފަހު ވަގުތުތަކުގައި ވެސް އެންމެ ކައިރީގައި ހުންނަ މީހަކަށް ވާށެވެ. ހެޔޮ އަންބެއްގެ ވާޖިބުގައި ދެމިހުންނެވި އެވެ.

"ފަހަތުން އެހެން ވެހިކަލެއްގައި ދިޔައިން. އޭޑީކޭ އަށް ގޮސް ވެސް ބުނިން ފިރިމީހާގެ ކައިރީގައި ހުންނަން ބޭނުމޭ. އެ ހުރިހާ ޒަހަމްތަކާ އެކު ވެސް އަޅުގަނޑަށް ފެނުނޭ. އެޒަހަމްތަކުގައި އަތް ލީމޭ. ދެން ކީއްވެހޭ ނުވައްދާން ތިޔައުޅެނީ. އެންމެ ފަހު ވަގުތު ވެސް ބޭނުންވީ ފިރިމީހާޔާ އެކު ހުންނަން، އެއީ ބޭނުންވި ކަމަކީ،" ފެންކަޅިވެ އިންނަވައި ގުރައިޝާ ވިދާޅުވި އެވެ.

ފިރިކަލުންގެ އަވަހާރަކޮށްލުމާ އެކު ގުރައިޝާގެ ހަތަރު މައިންނަށް ފުން ހިތާމައެއް ލިބިފައިވާ އިރު ގުރައިޝާއަށް އަދިވެސް ނުވިސްނެނީ، ބައެއްގެ ރަހުމްކުޑަ ހަންޖަރުތައް ފިރިކަލުންނަށް އަމާޒުވީ ސަބަބެވެ. އަދި އެފަދަ ސަބަބެއް އޮންނާނެ ކަމަށް ވެސް އަދި އޮވެދާނެ ކަމަށް ވެސް ގުރައިޝާ ގަބޫލެއްނުކުރައްވަ އެވެ.

އަފްރާޝީމްގެ ފަހު ދުވަސްތައް ވެސް ހުންނެވީ ހަމަޖެހިވަޑައިގެންނެވެ. ނަމަވެސް ގުރައިޝާ މީގެ ދުވަސް ކޮޅެއް ކުރީގެ ވާހަކައެއް ވިދާޅުވެ ދެއްވި އެވެ. އަވަހާރަކޮށްލި ކުޑަ ދުވަސްކޮޅެއް ކުރިން ކަންބޮޑުވުމާއި މާޔޫސްކަން ފިރިކަލުންނަަށް ލިބިވަޑައިގަތީ ފިގުހު އެކަޑަމީ އަލުން އެކުލަވާލުމުގެ މައްސަލައިގަ އެވެ. އެ ކަންބޮޑުވުންތައް ގުރައިޝާއާ ވެސް އަފްރާޝީމް ހިއްސާކުރެއްވި އެވެ. ފިގުހު އިލްމް އުގެނިވަޑައިގެން ހުންނެވި ނަމަވެސް ބަޔަކު އޭނާ އެ ކޮމެޓީގައި ހިމެނުމަށް ނުރުހުންވާ ކަމަށް ވިދާޅުވެ އެވާހަކަ ގުރައިޝާ ކައިރީ ވިދާޅުވި އެވެ. ސިޓީ ވެސް ނުލިބޭތޯ އާއި މިހާރު މީހުން ވެސް ކޮމެޓީއަށް ނަގައިފި ކަމަށް ވިދާޅުވެ އެކަމާ ނުހަނު ކަންބޮޑުވެ ވަޑައިގަތެވެ. އެކަމާ ކަންބޮޑު ނުވުމަށާއި އެކަމާ ދެން ނޫޅުއްވުމަށް ގުރައިޝާ ފިރިކަލުންނަށް ދެންނެވި ނަމަވެސް އަފްރާޝީމްގެ އަޒުމް ބަދަލެއް ނުކުރައްވަ އެވެ. އަވަހާރަކޮށްލުމާ ހަމައަށް ވެސް ހުންނެވީ އެ އަޒުމުގަ އެވެ.

"ވަރަށް ގިނައިން އަހަންވެސް އެހި ސިޓީ ވެސް ނާދޭހޭ ގެޔަށް ވެސް. މިހާރު މީހުން ވެސް ނަގައިފިޔޭ، އަޅުގަނޑު އެއްފަހަރު ބުނެވެން ވެސް ބުނެވުނު އެމީހުން ބޭނުން ނެތިއްޔާ އަފްރާޝީމް އެކަމާ އެހާވަރުން ނޫޅުއްވާށޭ. އެކަމަކު ވެސް ވިދާޅުވީ ތިމަންނާ އެތާ ހުންނަން ޖެހޭނޭ، ފިގުހު ވެސް ކިޔަވައިގެން ހުރި މީހެކޭ، އެކަމަށް މަސައްކަތް ކުރާނަމޭ. މިނިސްޓަރު ބޭނުމޭ އަޅުގަނޑު ބަހައްޓަން،" ފިރިކަލުންގެ ވާހަކަ ހަނދާން ކުރަމުން ގުރައިޝާ ވިދާޅުވި އެވެ. "އެ ވާހަކަ ދެއްކީމާ އަޅުގަނޑަށް ބުނެވުނު އަފްރާޝީމް ބޭނުން ގޮތަކަށް ދެން ހައްދަވާށޭ،"

އެ އަޒުމުގައި އިސްލާމިކް މިނިސްޓަރު ޝަހީމްއާ ބައްދަލުކުރެއްވި ވާހަކައެއް ވެސް އަފްރާޝީމް ގުރައިޝާއާ ހިއްސާ ކުރައްވާފައެއްނެތެވެ. އޭނާ އަށް ވެސް އެ ވާހަކަ އިވިވަޑައިގަތީ މީޑިޔާއިންނެވެ.

ފިރިމީހާގެ ގެއްލި ދިޔުމުގެ މަތިން ގުރައިޝާ އަށް ދުވަހަކު ވެސް ހަނދާނުން ނުފޮހެވޭނެ އެވެ. ފުންވިލުގެއަށް ވަންނަ ކޮންމެ ފަހަރަކުހެންމެ ގުރައިޝާ އަށް އާވަނީ އެ ހަނދާންތަކެވެ. ލެއިން ތަތްތެޅިފައިވާ ހަށިގަނޑާއި ލިބިފައި ހުރި ޒަހަމްތަކެވެ. ގެއަށް ވަންނަ ކޮންމެ ފަހަރަކު ހުއްޓުން އަރައި އެ ދިމާލަށް ގުރައިޝާއަށް ބައްލަވައިގެން ހުންނެވެނީ އެވެ. އޮހޮރެނީ ކަރުނަ އެވެ. ހިތްވަރު ދެނީ އެ ތުއްތުތުއްތު މައުސޫމް ކުދިންނެވެ. އެއީ ގުރައިޝާގެ ހުރިހާވެސް ހިތްވަރެވެ.

"އަޅުގަނޑު ތިރިއަށް މިދަނީ ދަރިފުޅު ސްކޫލަށްލާން އެކަހަލަ ކަމެއްގައި. ކޮންމެ ފަހަރަކު ވެސް އެ ދިމާލަށް [އަވަހާރަކޮށްލާފައި އޮތްތަނަށް] ބަލައިލެވޭ. ހުއްޓުންއަރާފައި ރޯން ވެސް ހުރެވޭ. އަޅުގަނޑުގެ ކޮންމެ ވެސް ކުއްޖަކާ އެކު އަޅުގަނޑު ތިރިއަށް ދަނީ. އެކަހަލަ ގަޑިތަކުގައި އެންމެ ކުޑަ ދަރިފުޅު ވެސް ކަރުނަތައް ފޮހެލަދީފައި ބުނާނެ މަންމަ ކަންބޮޑުނުވާށޭ ނުރޯށޭ،" ގުރައިޝާ ވިދާޅުވި އެވެ.

އަނިޔާވެރިންގެ އަނިޔާވެރި އަމަލުތަކުން ފިރިކަލުން ގެއްލި ދިޔަ ނަމަވެސް ގުރައިޝާގެ ހިތްޕުޅުގައި އޮތް ހަމަ އެކަނި ޝަކުވާއަކީ ގާތިލުންނަށް އަދަބު ލިބުމެވެ. ފިރިކަލުންނަށް އެވަރުގެ އަނިޔާއެއް ދޭންޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ގުރައިޝާ ގަބޫލުކުރެ އެވެ. ފުލުހުންނަށް ގުޅުއްވާފައި ތަހުގީގު ދިޔަ ހިސާބެއް އޮޅުންފިލުއްވަން މަސައްކަތް ވެސް ކުރައްވަ އެވެ.

އޭނާގެ މިއަދުގެ ހުރިހާ ވެސް ކަންބޮޑުވުމަކީ އެ ހަތަރު މައިންނަށް މި ގައުމުގައި އޮތް ސަލާމަތެވެ.

"އަފްރާޝީމްއަކީ މީހުންނަށް ގޯނާކޮށް އެއްޗިހި ކިޔާ ހެދި މީހެއް ނޫން. އެވަރު އަނިޔާއެއް ދިން އިރު މައުސޫމު ކުށެއްނެތް ކުއްޖަކަށް ވެސް އެވަރުގެ އަނިޔާއެއް ދޭން ވެސް ފަހެއް ނުޖެހޭނެ. މިގައުމުގައި މި އާއިލާއަށް ވެސް ސަލާމަތުގެ ޔަގީންކަމެއް ނެތް،" ގުރައިޝާ ވިދާޅުވި އެވެ.

އެ ހަތަރު މައިން މިއަދު ތިބީ އަފްރާޝީމްގެ މަތީ ތައުލީމުގެ ބޮޑު ބައެއް ފުރިހަމަ ކުރެއްވި ގައުމު، މެލޭޝިޔާގައި ވަޒަންވެރިވުމުގެ ވިސްނުމެވެ. ރާއްޖޭގައި އުޅުއްވުމުގެ މަތިން އެ ހަތަރު މައިން ވެސް ތިބީ މާޔޫސްވެފަ އެވެ.

"އެގޮތަށް [މެލޭޝިޔާއަށް ދިޔުމަށް] ވިސްނައިގެން މިތިބީ." ގުރައިޝާ ވިދާޅުވި އެވެ.