ލަންޑަން (އޮކްޓޯބަރ 15): އިނގިރޭސިވިލާތުގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ މަޤްބޫލުކަން ޢާންމު ރައްޔިތުންގެ މެދުގައި ދަށްވެ އިދިކޮޅު ލޭބަރ ޕާޓީގެ ތާއީދު އިތުވަމުންދާކަން އާންމު ޚިޔާލު ހޯދުމުގެ ސަރވޭއަކުން ހާމަވެއްޖެ އެވެ.
ލަންޑަންގައި ނުކުންނަ ސަންޑޭ އެކްސްޕްރެސް ނޫހުން ޚަރަދުކޮށްގެން މަޝްހޫރު ފައުންޑޭޝަނެއްކަމަށްވާ "ވިޝަން ކްރިޓިކަލް" އިން ކުރި ޢާންމުންގެ ޚިޔާލު ހޯދުމުގެ ސަރޭވޭ އެއްގެ ނަތީޖާ ދައްކާގޮތުން އިނގިރޭސި ރައްޔިތުންގެ 43 ޕަސެންޓް މީހުންގެ ތާއީދު ލޭބާ ޕާޓީ އަށް އޮތްއިރު ވެރިކަންކުރާ ކޯލިޝަން ލީޑްކުރާ ކޮންޒަވެޓިވް ޕާޓީ އަށް އޮތީ 31 ޕަސެންޓްގެ ތާއީދެކެވެ. އަދި ކޮންޒަވެޓިވް ޕާޓީއާ ކޯލިޝަން ހަދައިގެންއުޅޭ ލެބެރަލް ޑިމޮކްރެޓިކް ޕާޓީއަށްއޮތީ އަށް ޕަސެންޓްގެ ތާއީދެކެވެ.

މިސާވޭގެ ނަތީޖާ ދައްކާ ގޮތުން ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އަށް ވުރެ އިދިކޮޅު ލޭބާ ޕާޓީގެ ޒަޢީމް އެޑް މިލިބެންޑްގެ ޝަޚްސިއްޔަތު މާރަނގަނޅުވެފައި ރައްޔިތުންގެ ބޭނުންތައް އޭނާ މާބޮޑަށް ދެނެވަޑައިގަންނަވާ ކަމަށް ޚިޔާލު ހޯދިމީހުންގެ ތެރެއިން ތިންބައިކުޅަ ދެބައިމީހުން ދެކެ އެވެ. މިއާއެކު ވެސް އިޤްތިސާދު ރަނގަނޅު ކުރުމުގައި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އަށް ކުރާ އިތުބާރު އަދި މުޅިން ނުގެއްލޭކަމަށް ގިނަބަޔަކު ބުނެފައިވެ އެވެ.

މިސަރވޭން ދައްކާގޮތުން ކޮންޒަވެޓިވް ޕާޓީގެ މަޤްބޫލުކަން އާންމުންގެ މެދުގައި ދަށަށް ދިޔަ ނަމަވެސް އިނގިރޭސިވިލާތަށް މިހާރު ކުރިމަތިވެފައިވާ އިޤްތިސާދީ މައްސަލަތައް ޙައްލުކުރުމަށް ކެމެރޮން ގެންގުޅުއްވާ އިޤްތިސާދީ ސިޔާސަތުތަކަށް 53 ޕަސެންޓް މީހުން ތާއީދު އަދި އެބައޮތެވެ. އިދިކޮޅު ލޭބާ ޕާޓީގެ ތާއީދު ރައްޔިތުންގެ މެދުގައި އިތުވަމުންދިޔަ ނަމަވެސް އިޤްތިސާދު ރަނގަނޅު ކުރުމުގެ ޤާބިލްކަން އިދިކޮޅު ޒަޢީމް މެލިބެންޑަށް ލިބިވަޑައިގެންފައިވާ ކަމަށް ޤަބޫލުކުރަނީ ޚިޔާލު ހޯދި މީހުންގެ ތެރެއިން 47 ޕަސެންޓް މީހުންނެވެ.

ލޭބާ ޕާޓީގެ ޒަޢީމް އެޑް މިލިބެންޑްގެ ޝަޚްސިއްޔަތު މާރަނގަނޅުވެފައި ރައްޔިތުންގެ ބޭނުންތައް އޭނާ މާބޮޑަށް ދެނެވަޑައިގަންނަވާ ކަމުން ކެމެރޮން އަށްވުރެ އޭނާއަށް ތާއީދުކުރާކަމަށް 60 ޕަސެންޓް މީހުން ބުނެފައިވެ އެވެ. މިސަރޭވޭން ހާމަވާގޮތުގައި އިންގްލެންޑްގައި ތާއީދު ބޮޑީ މެލިބެންޑްގަ އެވެ. ކެމެރޮންއަށް ތާއީދުބޮޑީ ސްކޮޓްލެންޑް ގައެވެ. 2010ގައި ކުރި މިފަދަ ސަރވޭއަކުން، ލޭބާ ޕާޓީއަށް ވުރެ ކޮންޒަވެޓިވް ޕާޓީގެ މަޤްބޫލުކަން ޢާންމުންގެ މެދުގައި ބޮޑުކަން ހާމަވެފައިވެ އެވެ. (ޔުނައިޓެޑް ޕްރެސް)