14 Oct 2012, 21:32
އަލިމަހުން އެކުލެވިފައިވާ ޕްލެނެޓެއް، ފަލަކީ ޢިލްމުވެރިންނަށްފެނިއްޖެވެ. "ފަންސާސް ފަސް ކާންކެރާ އޭ"ގެ ނަމުން ނަންދީފައިވާ މި ޕްލެނެޓް ފެނުނީ ފަލަކީ ޢިލްމުވެރިންގެ ޓީމަކުން ވަރަށް ދިގު މުއްދަތަކަށް ހޯދި ހޯދުންތަކަށް ފަހުގަ އެވެ.
މިޓީމުގެ ވެރިއަކަށް ހުންނެވީ ޔީލް ޔުނިވަސިޓީގެ ރީސާޗަރެއް ކަމަށްވާ ޕްރޮފެސާ ނިކޯމެޑްހެސޯޑަން އެވެ. އޭނާ ވިދާޅުވި ގޮތުގައި އަލިމަހުގެ މިޕްލެނެޓް ދަތުރުކުރަމުންދަނީ ބިމާ، 40 އަލި އަހަރުގެ ދުރުމިނުގައިވާ އޯބިޓެއްގަ އެވެ. މިއޯބިޓްގައި މި ޕްލެނެޓް އެނބުރެމުން ދަނީ ތަރިއެއް (އެހެން ސޯލާ ސިސްޓަމެއްގެ އިރު)ގެ ވަށައިގެން ކަމަށާއި ކޮންމެ 18 ގަޑިއިރަކުން އެއްފަހަރު މިޕްލެނެޓް އެތަރީގެ ވަށައިގެން ބުރެއްޖަހާ ކަމަށް ވެސް ފަލަކީ ޢިލްމުވެރިންގެ މިޓީމުން ބުނެ އެވެ. ތަރިއަކާ މިހާގާތުގައި ބުރުޖަހަމުން ގެންދާތީ މިޕްލެނެޓްގެ ފިނިހޫނުމިން ހުންނަނީ 1648 ޑިގްރީ ސެލްސިއަސް އާއި 2150 ޑިގްރީ ސެލްސިއަސް އާ ދެމެދުގެ މިންވަރެއްގައި ކަމަށް ވެސް ފަލަކީ އިލްމުވެރިންގެ ޓީމުން ހާމަކޮށްފައިވެ އެވެ.
ބިމަށް ވުރެ ދެގުނަ ބޮޑު މިޕްލެނެޓްގެ ޖިއޮލޮޖީގެ ބޮޑުބަޔަކީ (ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި) ޑައިމަންޑް (އަލިމަސް) ކަން ފަލަކީ ޢިލްމުވެރިންގެ މި ޓީމުންވަނީ ކަށަވަރުކޮށްދެ އެވެ. އެހެންކަމުން މިޕްލެނެޓްގެ ބަރުދަން (އޭގެ މާސް)، ބިމަށް ވުރެ ތިންގުނަ އިތުރުކަމަށް ވެސް މި ޓީމުންބުނެ އެވެ. އަލިމަހަކީ ކަރބަންގެ ވައްތަރެއްކަމުން މިޕްލެނެޓްގައި ހިމެނޭ އަލިމަސް އުފެދިފައި ވަނީ ވަރަށް ވަރުގަދަ ޕްރެޝަރެއްގެ ތެރެއިން އެކުލެވިފައިވާ ކާރަބަން އިންކަމަށްވެ އެވެ. އަލިމަހުގެ އިތުރުން މިޕްލެނެޓްގެ ޖިއޮލޮޖީ އެކުލެވިގެން ވަނީ ގްރަފައިޓް އާއި ދަގަނޑާއި ސިލިކަން ކާބައިޑް އިން ކަމަށްވެ އެވެ.
ގްރެފައިޓަކީ ވެސް ކާރބަންގެ ވައްތަރެކެވެ. މިޕްލެނެޓްގައި ސަތަޙް ނުވަތަ ކްރަސްޓް އެކުލެވިގެން ވަނީ އަލިމަހާއި ގްރަފައިޓުން ކަމަށާއި ފެނާއި ގްރެނައިޓް މިޕެލެނެޓްގެ ސަތަހުގައި ނެތްކަމަށް ވެސް ފަލަކީ ޢިލްމުވެރިން ބުނެ އެވެ. (ނޫސްއެޖެންސީތައް)