ޑިޒާސްޓާ މެނޭޖްމަންޓުން ހިންގާފައިވާ 24 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން އޮޅުވާލައިގެން 24 މިލިއަން ރުފިޔާދެ ކުންފުންޏަކަށް ދޫކޮށްފައިވާ ހިޔާނާތުގެ މައްސަލަ އާންމުންނާ ހަމައަށް ފެންމަތިވީ މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނެރަލް ނެރުއްވި އެ ސެންޓަރުގެ އޮޑިޓް ރިޕޯޓުގަ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނާވެސް ގުޅިގެން ފުލުހުން ހިންގާ އެ ތަހުގީގަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު އާއި އަދި މި މަހުގެ ކުރީކޮޅުވެސް މީހަކު ހައްޔަރުކުރި ކަމަށެވެ.

ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކަކީ 100 އަށް ވުރެ ގިނަ ބިލްތަށް ފޯޖްކޮށްގެން ފައިސާ ނަގާފައިވާ އޭބީސީ ކުންފުންނީގެ ފަރާތެއްކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެމީހުންގެ މައުލޫމާތު ފުލުހުން އާންމުކޮށްފައެއްނުވެ އެވެ.

ޑިޒާސްޓާގެ 24 މިލިއަން ރުފިޔާގެ ހިޔާނާތް އާންމުންނާ ހަމައަށް ތިލަވި އިރު އެ އޮޑިޓާ ޖެނެރަލްގެ އެންގުމަކަށް ފުލުހުންވެސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ންވެސް ވަނީ މީގެ ދެ މަހެއް ވަރު ކުރިން އެ މައްސަލަ ބަލަން ފަށައިފަ އެވެ.

ސައްވީސް މިލިއަން ރުފިޔާގެ އެ ހިޔާނާތް ހިންގާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ ސުނާމީގައި ގެއްލުން ލިބުނު ގެތައް އަލުން ހެދުމަށާއި މަރާމާތުކުރުމަށް 2005 ވަނަ އަހަރު ކޮންސްޓްރަކްޝަން މެޓީރިއަލް ހޯދުމަށް ރާއްޖޭގައި އެފަދަ ތަކެތި އިމްޕޯޓްކޮށް ވިއްކާ ފިހާރަތަށް ކަމަށް ބުނެ ބައެއް ފިހާރަތަކުން ގެދޮރު އިމާރާތްކުރުމާ ގުޅޭ ސާމާނުވަނީ ގަނެފަ އެވެ. އަދި އެ ފަރާތްތަކުން ފޮނުވި ހުރިހާ ބިލްތަކަކަށް ފިނޭންސްގެ ސުނާމީ ރިކަވަރީ ބަޖެޓުން ފައިސާ ދޫކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ބިލުތަކަކީ މީގެ ކުރިންވެސް ފައިސާ ދޫކޮށްފައިވާ ނަމަވެސް ފަހުން ކޮޕީ ހަދައިގެން ހުށަހަޅާފައިވާ ވަގު ބިލުތަކެކެވެ.