ކެފޭތަކަށާއި ފިހާރަތަކަށް ދޫކޮށްފައިވާ 24 ގަޑިއިރު ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަތައް މާދަމާއިން ފެށިގެން ވަގުތީ ގޮތުން ބާތިލްކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެކޮނޮމިކް މިނިސްޓްރީން ވަނީ އެކަން އެންގުމަށް އާންމުކޮށް އިއުލާނެއްވެސް ނެރެފަ އެވެ. އެ މިނިސްޓްރީން ބުނެފައިވަނީ 24 ގަޑިއިރަށް ހުޅުވުމުގެ ހުއްދަ ދޫކޮށްފައިވާ ކެފޭތަކާއި ފިހާރަތަކުގެ ހުއްދަތައް ވަގުތީގޮތުން ބާތިލް ކުރަން ނިންމީ ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް އެ ފިޔަވަޅު އަޅަން ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވާތީ އެއީ މިވަގުތަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

މާދަމާއިން ފެށިގެން ފިހާރަތަށް ހުޅުވާފައިބެހެއްޓޭނީ ފަތިހު 5:00 ކުން ރޭގަނޑު 11:00 އަށެވެ. އަދި ކެފޭ ރެސްޓޯރަންޓްތަށް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން ރޭގަނޑު 1:00 ކަށެވެ.

އެކޮނޮމިކް މިނިސްޓްރީން އެގޮތަށް ނިންމި އިރު މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ނިންމާފައިވަނީ 24 ގަޑިއިރުގެ ހިދުމަތް ދިނުމުގެ ހުއްދަ އެއްވެސް ފިހާރައަކަށް އަދި ކެފޭއަކަށްވެސް ދޫނުކުރުމަށެވެ. އަދި މިހާރު ހުރި ހުއްދަތަކާ މެދު ގޮތެއް ނިންމުމަށް އޭޖީގެ ލަފަޔަކަށްވެސް އެދުވަހު އެދުނު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސައްވީސް ގަޑިއިރު ހުޅުވުމަށް ހުއްދަ ދޫކޮށްފައިވާ ފިހާރަތަކާއި ކެފޭތަށް މިފަހަކަށް އައިސް މާލޭގައި ވަރަށް ގިނަ އެވެ.

ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް ވަޒީރުންގެ މަޖިލީހުން އަޅަން ނިންމި އިތުރު ފިޔަވަޅުތަކަކީ މާލޭގެ މަގުތަށް އަމާންކުރުމަށް ވެހިކަލްތައް ބަލައި ފާސްކުރުމާއި އަދި ހޯމް މިނިސްޓްރީގެ ފަރާތުން އިޖްތިމާޢީ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަށް ހިންގުމެވެ.