14 Oct 2012, 19:14
އަބޫދާބީ ސަރުކާރުން އިންތިޒާމް ކޮށްގެން ބާއްވާ ޚަލީފާ ފައުންޑޭޝަނުންދޭ "ޒައިދު ފިއުޗާ އެނާޖީ ޕްރައިސް" އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރި ވުމަށް މިމަހުގެ 16 ވަނަ ދުވަހު އެ ގައުމަށް ފުރާވަޑައިގަންނަވަން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.
ޒައިދު ފިއުޗާ އެވޯޑަކީ ކުރީގެ އަބޫދާބީގެ ވެރިކަން ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ޝައިޚް ޒައިދު ބިން ސުލްތާން އައްނަހްޔާނު ގެ ނަމުން ނަން ދީފައިވާ އެވޯޑެކެވެ. އެ އެވޯޑަކީ އިޔާދަ ކުރަނަވި ހަކަތައިގެ ދާއިރާއިން އާ އުފެއްދުންތައް އުފައްދާ އެ ދާއިރާ އަށް އެކި ގޮތްގޮތުން ކުރިއެރުންތައް ހޯދައިދީފައިވާ ފަރާތް ތަކަށް ދޭ އެވޯޑެކެވެ. އެވޯޑް ލިބޭ ފަރާތްތަށް ގިންތި ކުރަނީ ފަސް މެމްބަރުންގެ މައްޗައް އެކުލެވޭ ޕެނަލަކުންނެވެ. ނަޝީދަށް މިއަހަރު އެ ޕެނަލުން ފުރުސަތު ލިބިފައިވާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ހަފްލާގައިވެސް ނަޝީދު ވަނީ ބައިވެރިވެ ވަޑައިގެންނެވި އެވެ.
"ވައުދުގެ ދަތުރު" ގެ ނަމުގައި އެމްޑީޕީން ދެކުނުގެ ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ 16 ވަނަ ދުވަހު އަބޫދާބީ އަށް ވަޑައިގަންނަވަން ނިންމެވީ އެ ގައުމުގެ ސަރުކާރުންވެސް ދައުވަތު ދީފައިވާތީ ކަމަށާއި، އަދި އެމަނިކުފާނަކީ އެ އެވޯޑް ދޭ ފަނޑިޔާރުންގެ ބެންޗްގައިވެސް ހިމެނޭ ބޭފުޅަކަށް ވާތީ ކަމަށެވެ. ސަރުކާރުން ނަޝީދުގެ ޕާސްޕޯޓް ހިފަހައްޓާފައި ވާތީ އެކަމާއި ބެހޭ ގޮތުން ނޫންވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ޕާސްޕޯޓު އަތުގައި އެބައޮތް ކަމަށާއި، ނަމަވެސް އިމިގްރޭޝަނުގެ ތެރެއިން އެކަން އޮތް ގޮތެއް ބަލައިދިނުމަށް ވަކީލުންގެ ގާތުގައި މިހާރު ވާނީ އެދިފައި ކަމަށެވެ. އަދި މި ދަތުރަކީ އެމަނިކުފާނު ކޮންމެހެން ވެސް ވަޑައިގަންނަވަން ޖެހޭ ދަތުރަކަށް ވާތީ ކޯޓު ތަކުގައިވެސް އެ ހުއްދައަށް އެދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"މީގެ ކުރިންވެސް އަޅުގަނޑަށް ވަނީ ދައުވަތު ލިބިފައި. އެހެންވީމަ 16 ވަނަ ދުވަހު އަޅުގަނޑު ފުރާނަން. ދެން ޕާސްޕޯޓު ހިފެހެއްޓި ވާހަކަ ބުނާއިރު އަޅުގަނޑު އެންމެ ފަހުން ރުގިއްޔާ އަރިހުގައި އެހި އިރުވެސް ޕާސްޕޯޓު އެބައޮތް އަތުގައި،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ހަމަޖެހުމެއް ލިބޭނީ އަވަސް އިންތިޚާބެއް ވޭއްވިގެން ކަމަށާއި، އެގޮތުން އަވަސް އިންތިޚާބަކަށް މަގެއް ކޮށޭތަން މިހާރު ފެންނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގެ މައްޗައް ނެގޭ އިތުބާރު ނެތް ކަމުގެ ވޯޓާއި ބެހޭ ގޮތުން މާދަމާ ޕާޓީ ތަކުގެ މެދުގައި މަޝްވަރާ ކުރާނެ ކަމަށެވެ.
"މާދަމާ ޕާޓީ ތަކުގެ މެދުގައި މަޝްވަރާ ކުރެވޭނެ އެ މައްސަލަ މަޖިލީހަށް ވެއްދުމާއި ނުވެއްދުމަށް ނެގޭ ވޯޓަކީ ސިއްރު ވޯޓަކަށް ހަދަން. އެހެން ސިއްރު ވޯޓަކަށް ހެދިއްޖެ ނަމަ އެތައް ބަޔަކަށް ފަސޭހަ ވެގެންދާނެ އެކަމުގަ ސީދާ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ވޯޓު ދިނުމަށް" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އަތުގައި ޕާސްޕޯޓު އޮތް ކަމަށް ވިދާޅުވެފައިވާ އިރު އިމިގްރޭޝަނުން ބުނީ އަތުގައި ޕާސްޕޯޓު އޮތްނަމަވެސް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެ ކަމަށާއި، ޕާސްޕޯޓު ރީޑް ކުރުމުން އެމީހަކަށް ނުފުރޭނެ ކަމަށް ސިސްޓަމުންވެސް ދައްކާނެ ކަމަށެވެ.