14 Oct 2012, 17:13
ޖިންސީ ކަންކަމަށް އެކި އުމުރުގެ މީހުން ދެވި ހިފާފައި ތިބޭ ވާހައަކީ އާއިލާތަކާއި ރަހުމަތްތެރިންގެ މެދުގައި ވަރަށް ސިއްރުން ދެކެވޭ ވާހަކައެކެވެ. އަދި އެއީ ނަފުރަތު ކުރެވުނު ކަމަށް ވިޔަސް އެހާބޮޑަށް އަޅާނުލެވި، ހައްލުކުރަން ވެސް ނޫޅެވި އޮންނަ މައްސަލައެކެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާގައި އެއީ ބައްޔެއް ކަމަށް ކަނޑައަޅައިގެން އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އެގައުމުތަކުގެ ރައްޔިތުން އެކަން ބަލައި ނުގަނެ އޮތީ އެއީ ބައްޔެއް ކަމަށް ބުނާ ސައިންސްވެރިންނަށް ވެސް އެބަލީގެ އަލާމަތްތަކާއި އެބަލި ޖެހިފައި ހުރިކަން ދެނެގަންނާނެ ގޮތްތަކެއް ކުރިން ކިޔައި ނުދެވި އޮތީމަ އެވެ. އެހެންވެ އެގައުމުތަކައި އެކަމާ މެދު ދެކެމުން އައިސްފައި ވަނީ އެއީ އަހުލާގީ ގޮތުން ދަށްފެންވަރުގެ، އެކަމަށް އުޒުރެއް ހޯދަން ދައްކާ ވާހަކައެއް ގޮތަށެވެ.
ނަމަވެސް އެމެރިކާގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖަލިސްގެ ސައިންސްވެރިން ކުރި ދިރާސާއަކަށް ފަހު ޖިންސީ ކަންތައްތަކަށް ދެވިހިފުން (ސެކްސް އެޑިކްޝަން) އަކީ ބައްޔެއްކަން ވަނީ އިތުބާރާ އެކު ސާބިތު ވެފަ އެވެ. އެގޮތުން އެކަން ޖެހިފައި ހުރިކަން ދެނެގަންނާނެ އަލާމާތްތަކެއް ވެސް މިހާރު ވަނީ ހާމަކޮށްދީފަ އެވެ.
އާ ހޯދުން ބުނާ ގޮތުން ޖިންސީ އަމަލުތައް ގިނައިން ހިންގުމާއި އޮރީޔާން ފިލްމާއި އޮރިޔާން ފޮޓޯ (ޕޯނޮގްރަފީ) ބަލައި އުޅޭ ކޮންމެ މީހަކީ އަދި ޖިންސީ ކަންކަމަށް ދެވިހިފާފައިވާ މީހެއް ނޫނެވެ. ނަމަވެސް ޖިންސީ ކަންތައްތަކަށް ދެވި ހިފައި، ބައްޔެއްގެ ގޮތުގައި އެކަން މީހަކަށް ޖެހިފައިވާ ކަމަށް ބެލެވޭނީ އަމިއްލަ އިހުތިޔާރަކާ ނުލައި އެކަންތައްތައް ކުރެވުމާއި އެކަންތައްތަކާ ނުލައި އެމީހާ އަށް މަސައްކަތް ކޮށް، އާއްމު ދިރިއުޅުމެއް އުޅެން ދަތިވާ ހިސާބަށް ދިއުމުންނެވެ.
"އެމީހުންނަށް އެކަންތައްތައް ކުރިމަތިވަނީ ބައެއް ފަހަރު ކަމަށް ވެދާނެ. ނަމަވެސް ޖިންސީ ކަންކަންތައްތަކަށް ބޭނުންވާ ވުމަކީ މާ މުހިއްމު ކަމެއް ކަމަށް އެމީހުންނަށް އިހުސާސްވާނެ. އަދި ވަޒީފާ ގެއްލުމާއި (މީހަކާ އެކު އޮންނަ) ގުޅުމަކަށް ގެއްލުންވުން ނުވަތަ މާލީ އަދި ޖިސްމާނީ ގެއްލުމެއްވާ ފަދަ ހާލަތްތަކުގައި ވެސް އެމީހުން އިހުތިޔާރު ކުރާނީ ޖިންސީ ކަންތައްތައް،" ދިރާސާ ކުރި ޓީމްގައި ހިމެނޭ ބޭފުޅެއް ކަމަށްވާ ރޯރީ ރެއިޑް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
ދިރާސާގައި ބަލި ސިފަކޮށްފައި ވަނީ "އަވަސް އަވަހަށް ޖިންސީކަންތައްތަކުގެ ހިޔާލީ ފޮލާ ކެއްކުމާއި ޖިންސީ ކަންތައްތަކަށް އިންތިހާއަށް ބޭނުންވުމާއި އެފަދަ އަހުލާގިއްޔާތު ހަ މަސް ދުވަހަށް ނުވަތަ އެއަށް ވުރެ ދިގު މުއްދަތަށް ހުރުން" ކަމަށެވެ.
ދިރާސާ ކުރެއްވި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ މީހުން ފަރުވާއާ ހިސާބަށް ގެނެވެން ޖެހޭނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ނުވަތަ ނަފުސާނީ އެހެން ބައްޔެއް ޖެހުމުންނެއް ނޫނެވެ.
ނަފުސާނީ ބަލިތަކަށް ފަރުވާ ކުރާ ކްލިނިކްތަކަށް ދިއުމަށް ޑޮކްޓަރުން އިރުޝާދުދީގެން އައި ނަމަވެސް ކުރިމަތިވެފައިވާ ވަކި މައްސަލައެއް ނޭނގޭ 200 މީހުންނާ ދިރާސާ ކުރި ޓީމުން އިންޓަވިއުކޮށްފައިވެ އެވެ. އޭގެ ތެރެއިން 150 މީހުންނަކީ ޖިންސީ ކަންތައްތަކަށް ދެވިހިފާފައިވާ ކަމަށް ޝައްކު ކުރެވިގެން ގެނައިމީހުންނެވެ. އަދި އެހެން މީހުންނަކީ އެކި އެކި ބާވަތްތައް (މަސްތުވާތަކެއްޗާއި ބާރުގަދަ ބޭސް ފަދަ ތަކެތި) ނަހަމަ ގޮތުގައި ބޭނުންކުރާތީ ގެނައި މީހުންނެވެ.
ދިރާސާގައި އިންޓަވިއު ކުރި 200 މީހުންގެ ތެރެއިން 194 މީހުން ވީ ޖިންސީ ކަންތައްތަކަށް ދެވި ހިފުމުގެ ބަލި (ހައިޕަ ސެކްޝުއަލް ޑިސްއޯޑާ) ސިފަކުރުމަށް ކަނޑައަޅާފައިވާ ސިފަތައް އެމީހުންގައި ހުރި މީހުންނަށްވި އެވެ.
އެންމެ މައްސަލަ ބޮޑު އަމަލެއް ކަމަށް ގަބޫލުކުރެވެނީ ކޮންކަމެއްތޯ، ނަފުސާނީ އެބަލި ޖެހިފައިވާ ކަމަށް ކަނޑައެޅުނު އެ 194 މީހުންނާ ސުވާލުކުރެވުނެވެ. އެމަލުތަކުގެ ތެރޭގައި ސައިބާ ސެކްސް (އިންޓަނެޓް މެދުވެރިކޮށް ހިންގާ ޖިންސީ އަމަލުތައް) އާއި އުމުރުން ދުވަސްވީ މީހުންނާ އެކު އެފަދަ ޖިންސީ އަމަލުތައް ހިންގުމާއި އޮރިޔާން ފިލްމާއި ފޮޓޯ ބެލުން އަދި އަމިއްލައަށް އެފަދަ ބެނުންތައް ފުއްދުން ހިމެނޭ ގޮތުންނެވެ.
އެންމެ މައްސަލަ ބޮޑު އަމަލުތަކެއް ކަމަށް އޭގެ ތެރެއިން ގިނަމީހުން ބުނެފައި ވަނީ އަމިއްލައަށް އެފަދަ ބޭނުންތައް ފުއްދުމާއި އޮރިޔާން ފިލްމާއި ފޮޓޯ (ޕޯނޮގްރަފީ) ބެލުން ކަމަށެވެ. އެފަދަ އަމަލުތައް ނުހުއްޓުމުގެ ސަބަބުން ވަޒީފާ ގެއްލުން ކަމަށް ވެސް އޭގެ ތެރެއިން ބައެއް މީހުން ބުނެފައިވެ އެވެ.
"އެއީ ބައްޔަކަށް ވުމަކީ (ބައްޔެއްކަން ހޯދުމަކީ) ވަރިވުން ފަދަ ކަންތައްތަކުން އެމީހުންނަށް ސަލާމަތް ވެވޭނެ ސަބަބެއް ނޫން، ނަމަވެސް އެމީހުން ބަދަލުވާން ބޭނުންވުމުން އެކަމަށް އެހީއަކަށް ވާނެ ކަމެއް،" ޑރ. ރެއިޑް ވިދާޅުވެފައިވެ އެވެ.