14 Oct 2012, 15:16
ލަކުޑިބުރިއަކުން ބޮލުގައި ޖަހައި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނ. މާޅެންދޫ، ވައިޓްހައުސް، އަހުމަދު މިރުޒާ މަރާލުމުގައި ބައިވެވެރިވުމުގެ ކުށުގައި ދައުވާ ކުރި ކުއްޖެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ "ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ" އެ ކުއްޖާގެ މައްޗަށް އުފުލި އިރު އުމުރަކީ 16 އަހަރު ކަމަށާއި ނަމަވެސް އެކުއްޖާ އަށް މިހާރު 18 އަހަރު ފުރިފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް މިއަދު ކުރި ހުކުމްގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން މިރުޒާ މަރާލުމުގައި އޭނާ ބައިވެރިވެފައިވާކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ދެ ހެކީން ވެސް މަންޒަރު ދުށްކަމަށް ތަހުގީގު ބަޔާނުގައި ބުނެފައިވާ ކަމަށާއި ނަމަވެސް ހެކިބަސް ނެގުމަށް ޝަރީއަތަށް ހާޒިރުކުރުމުން ދެ ހެކީން ވެސް ތަހުގީގު ބަޔާނަށް އިންކާރުކޮށް މަންޒަރު ނުފެންނަ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ދެ ހެކީންގެ ހެކިބަސް ނަގާފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް އަޑުބަދަލުކޮށްގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިރުޒާގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ވަނީ ދައުވާކޮށްފަ އެވެ.
އެ މީހުންނަކީ ޏ. ފުވައްމުލައް، ޒާވިޔާ، އަބްދުﷲ ނަސީފާއި، ވ. ފަޒީލާ މަންޒިލް، މުހައްމަދު ޝިފާއު އަދި ގދ. ގައްދޫ، ބޮކަރުގޭ، އަލީ ރިފްޝަން އެވެ.
މިއަހަރުގެ މެއި މަހުގެ ތެރޭގައި އެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގި އިރު ހެކިބަސް ދީފައި ވަނީ ދައުވާއާ އިދިކޮޅަށެވެ.