14 Oct 2012, 15:05
ބ. ދަރަވަންދޫގައި ކޯސްޓްލައިން އިންވެސްޓްމަންޓުން ތަރައްގީކޮށްފައިވާ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ކާމިޔާބުކަމާ އެކު މިއަދު ޖައްސައިފި އެވެ.
ދަރަވަންދޫގައި ހުރެ ސަން އަށް ދެއްވި އިންޓަވިއުއެއްގައި އެއާޕޯޓް ހިންގުމާ ހަވާލުވެފައިވާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ މިއަދު ހެނދުނު 8 ޖެހިއިރު އިބްރާހިމް ނާސިރު މާލޭ އިންޓަރޭޝަނަލް އެއާޕޯޓުން ފުރައިގެން ދިޔަ މޯލްޑިވިއަންގެ ޑޭޝް މަތިންދާބޯޓު އޭގެ 20 މިނެޓް ތެރޭގައި ކާމިޔާބުކަމާ އެކު ބ. ދަރަވަންދޫ އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ.
"ޓެސްޓް ފްލައިޓް ވަރަށް ކާމިޔާބް ކަމައެކީ އެއްވެސް މައްސަލައެއް ނެތި އިރާދަކުރެވިއްޔާ އަޅުގަނޑުމެން މިހާރު މިވަނީ ޖައްސާފައި،" ނަޝާތު ވިދާޅުވި އެވެ.
ޓެސްޓް ފުލައިޓުން އައިލެންޑް އޭވިއޭޝަނަގެ އިސްވެރިނާއި އެއާޕޯޓް ތަރައްގީކުރި ކޯސްޓްލައިން އިންވެސްޓްމަންޓުގެ އިސްވެރިންގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓިގެ އިސް ވެރިން ވެސް ދަރަވަންދޫއަށް ވަޑައިގަތެވެ. އަދި ޓެސްޓް ފުލައިޓް ޖެއްސުމާ އެކު ދަރަވަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ދަރަވަންދޫ އެއާޕޯޓްގެ ޓެސްޓް ފުލައިޓް ކާމިޔާބުކަމާ އެކު ޖައްސާފައިވާ އިރު މާދަމައިން ފެށިގެން ޝެޑިއުލް ދަތުރުތައް ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ހަފްތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.
ދަރަވަންދޫގައި ތަރައްގީކޮށްފައިވާ އެއެއާޕޯޓަކީ ބ. އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކަކާ އަދި ތަރައްގީއާ ގުޅިފައިވާ އެއާޕޯޓެވެ. އެ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ މިއަންނަ ބުދަ ދުވަހު އެވެ. އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.