14 Oct 2012, 14:45
އައިލެންޑް އޭވިއޭޝަން އާއި އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލްސް ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގައި މެޑިކަލް ކޭމްޕެއް ބޭއްވުމަށް ނިންމައިފި އެވެ.
މާލޭ ހެލްތު ސާވިސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެޗްއެސްސީ) އިން ބުނީ މިއަންނަ ހޮނިހިރު ދުވަހު އައިޖީއެމްއެޗްގައި ބޭއްވުމަށް ނިންމާފައިވާ އެ މެޑިކަލް ކޭމްޕުގައި އެޕޯލޯ ހޮސްޕިޓަލުގެ ހަތަރު ޑޮކްޓަރުން ބައިވެރިވާނެ ކަމަށެވެ.
"މިކޭމްޕުގައި އިންޑިއާގެ ޗެންނާއީ އެޕޯލޯ ހޮސްޕިޓަލްގެ ޑޮކްޓަރުންކަމަށްވާ ސީނިއާ ކޮންސަލްޓަންޓް އޯތޯޕިޑިކްސް ޑރ. ކޯސީގާން އާއި ކޮންސަލްޓަންޓް ގައިނީ ކޮލްޖިސްޓް ޑރ. މީނާކްޝީ ސުންދަރަމްގެ އިތުރުން ސީނިއާ ކޮންސަލްޓަންޓް ޕީޑިއަޓްރިކްސް ކާޑީއޯލޮޖިސްޓް ޑރ. ޕުރަސާދު މަންނެ އާއި ސީނިއާ ކޮންސަލްޓަންޓް ރޭޑިއޭޝަން އޮންކޮލަޖިސްޓް ޑރ. ރަތުނާ ދޭވި ބަިއވެރިވޭ" އެމްއެޗްއެސްސީ އިން ބުންޏެވެ.
އަދި ބުނީ އެ ޓީމްގެ ޑޮކްޓަރުނަށް ދެއްކުމަށް ބޭނުންވާ ބޭފުޅުނަށް މާދަމަ އިން ފެށިގެން މިއަންނަ ބުދަ ދުވަހުގެ ނިޔަލަށް އައިޖީއެމްއެޗްގެ އިންފޮމޭޝަން ކައުންޓަރުން ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބުނީ ގުޅައިގެން ވެސް ނަންނޯޓް ކުރެއްވޭނެ ކަމަށެވެ.
ައައިލެންޑް އޭވިއޭޝަނާއި އެޕޯލޯ ހޮސްޕިޓަލްސްއާ ގުޅިގެން މެޑިކަލް ކޭމްޕެއް ބާއްވަން ނިންމާފައިވާ އިރު މެޑިކަލް ޓޫރިޒަމް މާކެޓް ކުރުމުގައި ގުޅިގެން މަސައްްކަތް ކުރުމަށް ޓަކައި މާކެޓިން ވެންޗާއެއްގައި އެދެ ކުންފުނިން ވަނީ ސޮއިކޮށްފަ އެވެ.