14 Oct 2012, 14:43
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިނގިރޭސިވިލާތުގެ ދެވަކީލަކު ހިމަނައިފި އެވެ.
އެމްޑީޕީން ބުނީ އިނގިރޭސިވިލާތުގެ ދެ ލޯފާމަކުން ހަމަޖެއްސި ދެ ވަކީލުން މިހާރު ރައީސް ނަޝީދުގެ ގާނޫނީ ޓީމާ އެކު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމާ ގުޅިވަޑައިގެންނެވި އިނގިރޭސި ދެ ވަކީލުންނަކީ ސާ އިވާން ލޯރެންސް(ކިއުސީ)އާއި އަލީ މުޙައްމަދު އަޒުހަރު އެވެ.
ސާ އިވާން ލޯރެންސްއަކީ އިނގިރޭސިވިލާތުގެ ޑިވިޝަން ކޯޓާއި ކޯޓް އޮފް އެޕީލް (އިސްތިއުނާފް ކޯޓް) އެގައުމު އެންމެ މަތީ މަރުހަލާގެ ކޯޓްގައި ވެސް ވަކާލާތު ކުރައްވާ ވަކީލެއް ކަމަށާއި އޭނާއަކީ އިނގިރޭސި ޕާލަމެންޓްގައި 23 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އޭނާއަކީ ފައިވްޕަމްޕް ސެމްބާސް( ލަންޑަން ޗެމްބާސް)ގެ 33 މެމްބަރުންގެ ތެރޭގައި ހިމެނޭ ކްރިމިނަލް ލޯ ގްރޫޕްގެ އެންމެ އިސް ވަކީލު ކަމަށް ވެސް އެޕާޓީން ބުންޏެވެ.
އަދި ބުނީ ގާނޫނީ ޓީމަށް ރައީސް ނަޝީދު އައްޔަން ކުރެއްވި އިނގިރޭސި ދެވަނަ ވަކީލު އަލީ މުހައްމަދު އަޒުހަރު އަކީ ވެސް އިނގިރޭސިވިލާތުގެ އެންމެ މަތީ މަރުހަލާގެ ކޯޓްތަކުގައި ވަކާލާތުކުރައްވާ ވަކީލެއް ކަަމަށާއި ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވުމެ އިތުރުން ޕްރޮސެކިއުޝަންސްގައި ވެސް މަސައްކަތްކުރައްވާ ބޭފުޅެއް ކަަމަށް އެމްޑީޕީން ބުންޏެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުގެ މެމްބަރުންނާ ނުގުޅޭތީ އެ ދެ ވަކީލުންނަކީ އިނގިރޭސިވިލާތުގެ ކޮން ކޮން ލޯފާމްތަކަކަށް ނިސްބަތްވާ ބޭފުޅުންނެއް ކަމެއް އަދި އެބޭފުޅުން އައްޔަން ކޮށްފައި ވަނީ ކިހާ ވަރެއްގެ އަގަކަށް ކަން ވަނީ ސާފު ނުވެފަ އެވެ.