14 Oct 2012, 14:38
މާދަމާ ރޭ ކުޅެފިނަމަ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު ޓީވީ މޯލްޑިވްސްއިން ނުދެއްކޭތީވެ، މި މެޗު މާދަމާ ހަވީރަށް އަވަސްކޮށްފި އެވެ.
މާދަމާގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ވާދަވެރި ނިއު އާއި ވިކްޓަރީ އެވެ. ނިއު ފައިނަލުން ޖާގަ ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ވިކްޓަރީ 2-1 އިން ބަލިކޮށްގެންނެވެ. ވިކްޓަރީ ފައިނަލުން ޖާގަ ހޯދީ، މުބާރާތުގެ ފަހު ސެމީ ފައިނަލް ގައި މާޒިޔާ އަތުން 3-2 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ރާއްޖޭގެ އެންމެ ވާދަވެރި ދެޓީމުގެ މެދުގައި މާދަމާ ހަވީރު ކުޅޭ ފައިނަލް މެޗުގެ ކުރިން ވިކްޓަރީގެ ކޯޗް އަލީ ސުޒޭން އެންމެ ފަހުން މާޒިޔާ އަތުން ވިކްޓަރީ ކުޅުނު މެޗަށް ފަހު ބުނެފައި ވަނީ، ފައިނަލްގައި ނިއުއާ ދެކޮޅަށް ނިކުންނާނީ ހިތްވަރާއެކު ކަމަށެވެ. އަދި އެމެޗަށް ނިކުންނައިރު އެންމެ ފަހުން ކުޅުނު 13 ގައުމީ ފައިނަލުގެ ތެރެއިން 12 ވަނަ ފައިނަލަށް ވިކްޓަރީ ދިއުމުން ހުރިހާ ކަމެއް ހާސިލްވީ ކަމަށެވެ. އަދި ފައިނަލް މެޗަށް ވިކްޓަރީން ތައްޔާރު ވާނެ ކަމަށް ވެސް ސުޒޭން ބުންޏެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވެސް ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.