14 Oct 2012, 14:34
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތާ ބެހޭ ގޮތުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ނެރުނު ރިޕޯޓަށް ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ދިންކަމަށް ބުނެ ފުލުހުންގެ ވަޒީފާ އިން ވަކިކުރި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބުރާހިމް އަދުނާން އަނީސް ވަޒީފާ ހޯދުމަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފި އެވެ.
ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން އަނީސްގެ ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް ވިދާޅުވީ ޖިނާއީ ތުހުމަތެއްގައި ފުލުހުން އޭނާގެ ބަޔާނެއް ވެސް ނަގާފައިވާ ކަމަށެވެ. އަދި ކޯޓު ހުކުމަކާއިނުލައި ޖިނާއީ ތުހުމަތެއްގައި ފިޔަވަޅު އެޅުމަކީ އެއީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާ އާއި 51 ވަނަ މާއްދާ އިން ކޮންމެ ރައްޔިތަކަށް ލިބިދޭ އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ގެއްލޭ ކަމެއް ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެބްރުއަރީ 7ގައި ހިނގައި ދިޔަ ކަންތަކާ ގުޅޭ ގޮތުން ނެރުނު ރިޕޯޓަކަށް ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ދިން ކަމަށް ބުނެ ވަޒީފާ އިން ވަކިކޮށްފައިވާ އިރު ފެބްރުއަރީ 7ގައި ހިނގި ކަންތައް ތަހުގީގު ނުކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ދުވަހު ހިނގި ކަންތައްތަކަށް ޒިންމާވާނެ ދައުލަތެއް ނެތް ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވާ ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު އެގޮތަށް ވިދާޅުވާ އިރު އެ މައުލޫމާތުތަކަކީ ސިއްރު އަދި ހިމާޔަތްކޮށްފައިވާ މައުލޫމާތުތަކެއްކަން އެނގެނީ ކިހިނެތްކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ. އެހެންކަމުން އަދުނާން ވަޒީފާ އިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުމަކީ ގާނޫނާއި ޚިލާފު ނިންމެއްކަމަށް ކަނޑައަޅައި ދިނުމަށް ވިޝާމް ވަނީ ޝަރީއަތުގައި އެދިވަޑައިގެންފަ އެވެ.
ދައުވާ އަށް ޖަވާބުދާރީ ވުމަށް ދައުލަތަށް ފުރުސަތު އެރުވުމުން ދައުލަތުގެ ވަކީލު ވަނީ އެހެންދުވަހަކުން ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުވާ އަށް ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު އެރުވުމަށް ފަހު އެވެ.
އަދުނާނާ އެކު ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. ހަމީދު ވެސް ވަނީ އޭނާގެ ވަޒީފާ ހޯދުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ.