ހަނގުރާމަވެރިންގެ ބާރު ގަދަ ސަރަހައްދެއް ކަމަށްވާ ޕާކިސްތާނުގެ ސުވާތު ވާދީގައި ދިރިއުޅޭ މަލާލާ ޔޫސުފް ޒާއީ އަކީ އަންހެން ކުދިންނަށް ތައުލީީމު ދިނުމަށް ގޮވާލައި، އަންހެން ކުދިންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާ އެކްޓިވިސްޓެކެވެ.

ހައްދުފަހަނައަޅާފައިވާ މީހުންނާ ދެކޮޅަށް އަޑު އުފުލުމުގައި، އުމުރުން އެންމެ 14 އަހަރުގެ މަލާލާ ދައްކަމުން އައި ހިތްވަރުގަދަ ކަމުން ސުވާތުވާދީ އާއި މުޅި ޕާކިސްތާނުގައި ވެސް އޭނާ ވަނީ މަޝްހޫރުވެފަ އެވެ. ނަމަވެސް މިދިޔަ މިދިޔަ އަންގާރަ ދުވަހު ބަޔަކު ދިން ބަޑީގެ ހަމާލާއެއްގައި މަލާލާގެ އަޑުވަނީ ކަނޑުވާލާފަ އެވެ. ސްުކޫލުން ގެއަށް ދިޔަ މަގުމަތީގައި ބަޔަކު އޭނާގެ ބޮލަށް ބަޑިޖެހުމުން އޭނާ އަލުން ގަދަވެދާނެ ކަމުގެ އުއްމީދު ވަނީ ކުޑަވެފަ އެވެ.

މަލާލާ އަށް ދިން ހަމަލާއާ ގުޅިގެން ދެކުނު އޭޝިއާ ސަރަހައްދުގައި ވަނީ ނުތަަނަވަސްކަން އުފެދިފަ އެވެ. ހައްދު ފަހަނައަޅައި ދިއުމާއި ހައްދު ފަހަނައެޅި މީހުންގެ އަމަލުތަކާ ހެދި އެވެ. މާލާއާ އަށް ދިން ހަމަލާއަކީ ތާލިބާނުންގެ އަމަލެއް ކަަމަށް ތުހުމަތުކުރެވިފައި ވުމުން އެކަމާ އެންމެ ކަންބޮޑުވެވަޑައިގަންނަވާ އެއް ބޭފުޅަކީ އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ އެވެ. އެހެނީ ތާލިބާނުންގެ އަސްލު ފެށިފައި ވަނީ އޭނާގެ ގައުމުންނެވެ.

ހަމަލާއާ ގުޅިގެން ކަރުޒާއީ ވަނީ ޕާކިސްތާނުގެ ސިޔާސީ ލީޑަރުންނަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ. ހައްދު ފަހަނައެޅުމާއި ޓެރަރިޒަމްގެ ވަބާއާ ދެކޮޅަށް ދެގައުމުން ގުޅިގެން ސީރިއަސް މަސައްކަތްތަކެއް ކުރަން ޖެހޭކަން ކަރުޒާއީގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެ އެވެ.

"މިއީ ސީރިއަސް ކަމާ އެކު ސަމާލުކަން ދޭން ޖެހޭ ނުބައި ނުލަފާ އަމަލެއް،" ޕާކިސްތާނުގެ ރައީސް އާސިފު އަލީ ޒަރުދާރީއާއި ބޮޑުވަޒީރު ޕަރުވޭޒް އަޝްރަފު ވެސް ހިމެެނިވަޑައިގަންނަވާ ގޮތުން ޕާކިސްތާނުގެ އިސް ފަރާތްތަކަށް ފޮނުއްވި ސިޓީފުޅުގައި ކަރުޒާއީ ވިދާޅުވެފައިވެ އެވެ.

ސިޓީފުޅުގައި އޭނާ އަދި ވިދާޅުވެފައި ވަނީ ބަޑީގެ ހަމަލާއާ ގުޅިގެން ކަންބޮޑުވެފައި ތިބި މީހުންގެ އަޑުކެނޑިގެން ނުވާނެ ކަމަށެވެ. އަދި ޕާކިސްތާނާއި އަފްޣާނިސްތާނުގެ ކުޑަކުދިން އަނިޔާ އިން ސަލާމަތްކުރުމަށް ޓަކައި، ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމުގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މަލާ އަށް ދިން ނުރައްކާތެރި ހަމަލާއަށް ފަހު އޭނާގެ ފުރާނަ ސަލާމަތް ވުމުގެ އުއްމީދު ކުޑަކަމަށް ޑޮކްޓަރުން ބުނަމުންދާ އިރު އިސްލާމީ ދުނިޔޭގެ އެކި އެކި އިލްމުވެރިން ގެންދަވަނީ އެކަން ކުށްވެރިކުރައްވަމުންނެވެ. އެބޭފުޅުން ވިދާޅުވަނީ އެއީ އިސްލާމްދީނާ މުޅިން ހިލާފުކަމެއް ކަމަށެވެ. އެކަން ބަޔާންކުރައްްވައި ޕާކިސްތާނުގެ 50 އިލްުމުވެރިއަކު ވަނީ ފަތުވާ ދެއްވާފަ އެވެ. ދީނީ އިލްމުވެރިންގެ އިތުރުން ދުނިޔޭގެ ގައުމުތަކުގެ ވެރިން ވެސް ގެންދަވަނީ އެކަން ކުށްވެރިކުރައްވަމުންނެވެ.