ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލުމުގެ ކުށުގައި ގ. ރީފް މުހައްމަދު ނަބީލު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލުގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ދައުލަތުން ބުނެފި އެވެ.

ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ނަބީލްގެ މައްޗަށް ދައުލަތުން ކުރި "ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ" އަށް އޭނާ އިންކާރު ކުރި ނަމަވެސް މާރާމާރީގެ ބައެއް ކަންކަމަށް އެއްބަސްވާކަމަށް ނަބީލުގެ ވަކީލު ވިދާޅުވެފައިވާ ކަމަށެވެ.

ނަބީލުގެ ވަކީލު ޝަރީއަތުގައި އެގޮތަށް ވިދާޅުވެފައި ވާތީ ފަރުހާދު މަރާލުމުގައި ނަބީލް ބައިވެރިވެފައިވާ ކަން އެނގެން އޮތް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ތިން ފަހަރެއްގެ މަތިން ކުށަށް އިއުތިރާފް ވެފައިވާތީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި ކުށަށް އިއުތިރާފްވެ، ފުލުހުންގެ ތަހުގީގަށް އޭނާ ދިން ބަޔާނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ދީފައިވާ ތެދު ބަޔާނެއް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާ ބުނެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ކުށަށް އިއުތިރާފްވެ ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ސޮއިކޮށްފައި ވަނީ އެ ބަޔާން ރަނގަޅަށް ނުކިޔާ ކަމަށް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ނަބީލު ބުނި ނަމަވެސް ތަހުގީގު ބަޔާން ނެގި އިރު ނަގާފައިވާ ވީޑިއޯއަށް ބެލުމުން އެ ބަޔާން ގިނަ އިރުތަކެއް ވަންދެން ކިޔައި އޭގައި ނަބީލު ސޮއިކުރާ މަންޒަރު ފެންނަ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމިއްލަ ނަފްސު ކުށްވެރިކޮށް ފުލުހުންގެ ތަހުގީގަށް ދޮގު ބަޔާނެއް ނަބީލް ދީފާނެ ކަމަށް ސަލާމަތް ބުއްދިއަކަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގި އިރު ދައުލަތުން ހުށަހެޅި ހެކީންނާއި ސުވާލު ކުރުމަށް ނަބީލަށް ގާޒީ ފުރުސަތު ދިން ނަމަވެސް ހެކީންނާއި އެއްްވެސް ސުވާލެއް އޭނާ ކޮށްފައި ނުވާ ކަމަށާއި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ މައްސަލަ ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އެހެންކަމުން ފަރުހާދު މަރާލުމުގެ ކުށުގައި ނަބީލު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމަކަށް ވާތީ އެހުކުމަށް ބަދަލުގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ފަރުހާދުގެ ގައިގައި ތަޅައި މާރާމާރީ ހިންގުމުގެ ކުށުގައި ދެ މީހަކު ހަތަރު އަހަރަށް ޖަލަށް ލުމަށް ވެސް ޖިނާއީ ކޯޓުން ވަނީ 2010 ވަނަ އަހަރު ހުކުމްކޮށްފަ އެވެ. އެ ދެ މީހުންނަކީ މ. ބުލޫލޭކްލޮޖް، އަލީ ރަޒީންއާ، މ. ރޭއަލިވާގޭ އިބްރާހިމް ނައުފަލް އެވެ.