14 Oct 2012, 13:13
މީގެ 15 އަހަރު ކުރިން ބޮޑީބިލްޑް ކުރަން ފެށި އާދިލް މުހައްމަދަކީ ރާއްޖޭގައި އެންމެ ފަހުން ބޭއްވި ގައުމީ ބޮޑީ ބިލްޑިން މުބާރާތުގެ މިސްޓާ މޯލްޑިވްސްގެ މަގާމް ޖެހިޖެހިގެން ދެ ފަހަރު ހޯދި ހުނަރުވެރި ބޮޑީ ބިލްޑަރެކެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ވަޒީފާގައި މީގެ 18 އަހަރު ކުރިން ފެށިގެން އަވަދިނެތި މަސައްކަތް ކުރަމުން އަންނަ އާދިލަކީ މިއަދު ބޮޑީ ބިލްޑް ކުރުމުގެ އިތުރުން ހަރުދަނާ ބައްޕައެކެވެ. އެގޮތުން އޭނާގެ ދެ ކުދިންނާއި އަންހެނުން ބަލަމުން ބޮޑީ ބިލްޑުކުރުމަށް ވަގުތު ހުސްކުރުން ވެފައި ވަނީ އޭނާގެ ހިތުގެ ތަސައްލީއަކަށެވެ.
އިންސާނާގެ ހަށިގަނޑު ވަކިގޮތަކަށް ބައްޓަންކޮށް، ބޮޑީ ބިލްޑު ކުރުމުގައި އާދިލްގެ ކެއުން ވެފައި ވަނީ ދިވެހިން އާންމުކޮށް ކައި އުޅޭ ކެއުންތަކަށް ވުރެ، ތަފާތު ކެއުމަކަށެވެ. އެގޮތުން އާދިލްގެ ހަށިގަނޑު އޭނާ ބައްޓަން ކުރުމުގައި މުޅިން ވެސް ކައި އުޅެނީ ކައްޓަލަ، އަލަ، ޗިކަން ބްރެސްޓު، އަދި ތަރުކާރީ އާއި ކުކުޅު ބިހެވެ. އެ ތަކެތި އޭނާ ކައިއުޅެނީ ލޮނުނުލާ ފެނު ކައްކާއިންނެވެ.
އާދިލް ވަނީ، އޭނާގެ ބޮޑީ ބިލްޑިންގައި މީގެ ކުރިން ހޯދާފައިވާ ރަންވަނަތަކާއި ބޮޑީ ބިލްޑިންގް އަށް އޭނަ ހޭދަކުރާ ބުރަ މަސައްކަތުގެ ކުރު ތައާރަފެއް ދެއްވާފަ އެވެ.
އެގޮތުން އަންނަ ނޮވެމްބަރު 2- 4 އަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ ނުވަ ވަނަ ސައުތު އޭޝިއަން މެންސް ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރިން ސަންއޮންލައިނަށް އާދިލް ދެއްވި ހާއްސަ އިންޓަވިއުގައި އޭނާ ބުނީ، މިފަހަރުގެ މުބާރާތަކީ ވެސް ވާދަވެރި މުބާރާތަކަށްވީ އިރު، ރާއްޖެ އަށް ރީތި ނަމެއް ހޯދައިދިނުމަކީ އޭނަގެ ފުރަތަމަ ހުވަފެން ކަމަށެވެ. އަދި މުބާރާތަށް ތައްޔާރުވުމަށް ގިނަ ވަގުތުތަކެއް މިހާރުއްސުރެ ހޭދަކުރަމުން އަންނަ އިރު، މިކަމުގައި އާދިލްގެ އާއިލާގެ މެންބަރުން އޭނަ އަށް ދޭ އެއްބާރުލުމަކީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ކަމަށް އޭނަ ބުންޏެވެ. އަދި އޮފީހުން ވެސް ދޭ އެއްބާރު ލުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އާދިލް ބުންޏެވެ.
ބޮޑީ ބިލްޑު ކުރުމުގައި އާދިލް ވަނީ މީގެ ކުރިން ވެސް ރާއްޖެ އިން ބޭރުގައި ރަނގަޅު ވަނަތކެއް ހާސިލްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު ބޫޓާނުގެ ވެރިރަށް ތިމްޕޫގައި އޮތް ސައުތު އޭޝިއަން މެންސް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގެ 65 ކިލޯގެ ކެޓަގަރީން އޭނަ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
ބޫޓާންގެ އިތުރުން ވެސް އާދިލް ވަނީ އޭނަގެ ބޮޑީބިލްޑިން ކެރިއާގައި މެލޭސިޔާ، އިންޑިޔާ ފަދަ ބޮޑެތި ގައުމުތަކުގައި ބާއްވާފައިވާ ބޮޑީބިލްޑިން އެކިއެކި މުބާރާތް ތަކުގައި ރައްޖެ ތަމްސީލްކޮށްފަ އެވެ.
އާދިލާ އެކު މިފަހަރުގެ ނުވަ ވަނަ ސައުތުއޭޝިއަން ބޮޑީ ބިލްޑް މުބާރާތުގައި ރާއްޖެ އިން ވާދަކުރާ އަނެއް ހަތަރު ބައިވެރިންނަކީ އެންމެ ފަހުން ރާއްޖޭގައި ބޭއްވި ގައުމީ ބޮޑީ ބިލްޑިން މުބާރާތުގެ 70 ކިލޯގެ ކެޓަގަރީން ދެ ވަނަ ހޯދި ކުރީގެ ޗެމްޕިއަން މުހައްމަދު ރަޝީދު (ރަޗޭ) އާއި 65 ކިލޯ އިން ދަށުގެ ކެޓަގަރީން އެއް ވަނަ މުހައްމަދު އިބްރާހިމް އާއި 60 ކިލޯ އިން ދަށުގެ ކެޓަގަރީން އެއް ވަނަ އަދި ކުރީގެ ޗެމްޕިއަން މަހުމޫދު ޒިޔާދުގެ އިތުރުން 70 ކިލޯ އިން މަތީގެ ކެޓަގަރީގެ އެއް ވަނަ ގިޔާސް އިބްރާހީމް އެވެ.
މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ބޮޑީބިލްޑަރުން ނޮވެމްބަރު އެއް ވަނަ ދުވަހު ދިއްލީ އަށް ފުރުމަށް ހަމަޖައްސާފައިވާއިރު، ރާއްޖޭގެ ބޮޑީބިލްޑިން ފެޑަރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަމީން ސަންއަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ، މިފަހަރުގެ މުބާރާތުގައި ވަދަކުރާ މިސްޓަ މޯލްޑިސް އާދިލްއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
މި މުބާރާތުގައި ރާއްޖޭގެ ކޯޗަކަށް އަބްދުލް ހަސީބު ހަމަޖައްސާފައިވާ އިރު މެނޭޖަރެއްގެ ގޮތުން ޓީމާ އެކު ދިއްލީއަށް ދާނީ ބީބީއެފްއެމްގެ އެކްސްކޯ މެމްބަރު އިސްމާއިލް ނަސީރެވެ.