14 Oct 2012, 12:32
މަތީ ތައުލީމު ހާސިލުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރުން ތައާރަފްކޮށްފައިވާ ލޯން ސްކީމްތަކަށް ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން މިއަދާ މާދަމާ ވެލާނާގޭ ގްރައުންޑް ފްލޯގައި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ވެލާނާގޭގެ ޕްރެސް ރޫމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑިއުކޭޝަން މިނިސްޓާ ޑރ. އާސިމް އަހުމަދު ވިދާޅުވީ މިމަހުގެ 16 އިން 24 އަށް ލޯނަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ބަލައިގެންނާނެ ކަމަށާއި ފޯމު ފުރުމާއެކު ފޯމުގެ ސައްހަކަންވެސް ބަލައިގަންނަމުން އަންނާނެ ކަމަށެވެ.
"ލޯނު ސްކީމުގެ ދަށުން ހަތަރު ސްކީމެއް އަޅުގަނޑުމެން ހުޅުވާލަން. އޭގެ ތެރޭގައި ފުދުންތެރިކަން ނެތް ކުދިނަށް ހުޅުވާލައިގެން ދޭ ސްކީމެއް ހިމެނޭ އެ ސްކީމުގެ ދަށުން ހިލޭ އެހީ އެއް އަޅުގަނޑުމެން ދޫކުރަނީ، ދެން އަނެއް ސްކީމަކީ މަސައްކަތް ކުރާ މިހާރު އެކިއެކި ކުންފުނިތަކާ ގުޅިގެން ސަރުކާރާ އެކީ ހިއްސާވެގެން މަސައްކަތް ކުރަން ބޭނުންވާ ކުދިނަށް މަސައްކަތާ ތައުލީމް ސްކީމް ހުޅުވާލެވެނީ، ދެން އަނެއް ސްކީމަކީ ހަމަ ލޯން ސްކީމް، އެސްކީމަކީ ލޯންގެ އެހީގައި މަތީ ތައުލީމް ހާސިލްކުރަން ބޭނުންފުޅުވާ ފަރާތްތަކަށް ހުޅުވާލެވޭ ސްކީމް، ދެން އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް ޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕްގެ ދަށުން މެރިޓް ސްކީމް އެއް މިހާރުވެސް ހިންގަމުން އެބަދޭ" އާސިމް ވިދާޅުވި އެވެ.
ސްކީމްގެ ދަށުން ރާއްޖޭގައި ހުރި ސަރުކާރުގެ މަރުކަޒުތަކުން ކިޔެވުމަށް ލޯނު ދޫކުރަނީ 400 ފަރާތަކަށެވެ. އަދި ރާއްޖޭގައި ހުރި އަމިއްލަ މަރުކަޒުތަކުން ކިޔެވުމަށް 350 ފަރާތަކަށެވެ. އެގޮތުން ރާއްޖެ އިން ކިޔެވުމަށް ޖުމްލަ 750 ފަރާތަކަށް ލޯނު ދޫކުރާނެ ކަމަށް ވެސް ހަޔާ އެޑިޔުކޭޝަނުން ބުންޏެވެ.
ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ކިޔަވާ ނިމޭތާ ހަ ވަނަ މަހުން ފެށިގެންނެވެ. ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތުތައް ކަނޑައަޅާފައި ވަނީ ލޯނުގެ އަދަަދަށް ބިނާކޮށްގެންނެވެ. އެގޮތުން 25000 ރ. ނުވަތަ އެއަށް ވުރެ މަދު އަދަދެއް ނަމަ ދައްކަން ޖެހެނީ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ. އަދި 25000 ރ. އިން ފެށިގެން 499،999ރ. ހަމައަށް ދައްކަން ޖެހޭނީ ދެ އަހަރާއި ހަ އަހަރަރާ ދެމެދުގެ މުއްދަތަކަށެވެ. އަދި 500،000ރ. އިން ފެށިގެން 999،999ރ. އާ ހަމައަށް ނަގާ ލޯނު ތިން އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތެއްގައި ދައްކަން ޖެހެ އެވެ.