14 Oct 2012, 12:22
ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ލިސްޓް ސަރުކާރުގެ ގެޒެޓްގެ އިތުރުން އެ ކޮމިޝަނުގެ ވެބްސައިޓާއި ބައި-އިލެކްޝަނަށް ނިސްބަތްވާ ކައުންސިލްތަކުގެ އިދާރާތުގައި ފެންނަން ހުންނާނެ ކަމަށެވެ. އަދި 1414 އަށް
އެސްއެމްއެސް ފޮނުވައިގެން ލިސްޓްގައިވާ މައުލޫމާތު ޗެކްކުރެވޭނެ ކަމަށް ވެސް އިލެކްޝަނުން ބުނެ އެވެ.
ގެޒެޓްކޮށްފައިވާ ލިސްޓަށް އާންމު ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ އެ ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމުން އިލެކްޝަންސް ކޮމިޝަންގެ އިދާރާ އަށް ނުވަތަ ބައި އިލެކްޝަނަށް ނިސްބަތްވާ ކައުންސިލްތަކުގެ އިދާރާތަކަށް ކަމަށް އިލެޝަނުން ބުނެ އެވެ.
އުނގޫފާރު، ހުޅުދުއްފާރު، މާކުރަތުގެ މައްޗަށް އެކުލެވިގެންވާ ދާއިރާގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 2680 މީހުން ތިބި ކަމަށް ގެޒެޓްގައިވެ އެވެ.
ޝަކުވާ ހުށަހަޅާފޯމު އެކޮމިޝަނުންނާއި ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށާއި އަދި ބައި އިލެކްޝަން ނިސްބަތްވާ ކައުންސިލް އިދާރާތަކުން ލިބޭނެ ކަމަށް އިލެކްޝަނުން ބުނެ އެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން މިބާއްވަނީ އެ ދާއިރާގެ މެމްބަރު ޑރ. އަފްރާޝިމް އަލީ މިމަހުގެ ކުރީ ކޮޅު އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލުމާ ގުޅިގެން އެ ގޮނޑިހުސްވެފައިވާތި އެވެ.