މަތީ ތައުލީމް ހާސިލު ކުރަމުން އަންނަ ދަރިވަރުނަށް އެހީތެރިވުމުގެ ގޮތުން 20 މިލިއަން ރުފިޔާގެ ލޯން ސުކީމެއް ތައާރަފްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ވެލާނާގޭގޭ އޮފީސް އިމާރާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަހުމަދު އާސިމް ވިދާޅުވީ މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުނަށް ހާއްސަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ސުކީމަކީ 20 މިލިއަން ރުފިޔާގެ ލޯން ސުކީމެއް ކަމަށާއި އެ ސުކީމުގެ ދަށުން 300 ވަރަކަށް ދަރިވަރުނަށް ލޯން ދޫކުރާނެ ކަމަށެވެ.

"މީގެ ކުރެއިޓީރިއާއަކަށް ބޮޑަށް މިވަނީ މިހާރު ކިޔަވަމުންދާ ކުދިން. އެއީ ރާއްޖޭގައި ވިއަސް އަދި ރާއްޖެ އިން ބޭރުގައި ވިއަސް، އެކިއެކި ކުރެއިޓީރިއާގެ ދަށުން ޕޮއިންޓް ލިބިގެން މި ސުކީމަށް ކުދިން ކޮލިފައި މިވަނީ. އެގޮތުން އެންމެ ގިނަ ޕޮއިންޓް މިލިބެނީ ކިޔަވަމުންދާ، އެހެންނަމަވެސް މިހާރު ނިމެން އެންމެ ކައިރިވެފައި ތިބި ކުދިނަށް،" ޑރ. އާސިމް ވިދާޅުވި އެވެ.

އާސިމް ވިދާޅުވީ ލޯނު ދޫކުރުމަށް ނިންމާފައި ވަނީ ވަކި އަދަދަކުން ނޫން ކަމަށާއި އެ ކުއްޖެއްގެ ކޯހަށް ބަލާފައި ކަމަށާއި އަދި ކިޔަވާ ދާއިރާ އިން އިސްކަން ދޭނެ ކަމަށެވެ. އަދި މިއަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ލޯނަށް އެ ދޭފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރަން ނިންމާފައިވާ ކަމަށާއި އަދި އެ ދުވަހުން ފެށިގެން 30ގެ ނިޔަލަށް ފޯމު ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އިސްކަން ދޭ ދާއިރާތަކަކީ ކޮބައިކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ އިންޓަރެސްޓް ފްރީ ލޯނަށް ފައިސާ އަނބުރާ ދެއްކުމަށް ނިންމާފައި ވަނީ ކޯސްނިމޭތާ ހަ މަސް ދުވަސް ފަހުން ކަމަށާއި ލޯނަށް ފައިސާ ދެއްކުން ވަނީ ވަރަށް ލުއިކޮށް ކަމަށެވެ.